27 އޭޕްރީލް 2022 - 00:56 0
ޗެމްޕިއަންކަން ހޯދި މީރާ ޓީމުން ތަށްޓާ ހަވާލުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
27 އޭޕްރީލް 2022 - 00:56 0
ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގެ ފައިނަލުގައި ކަސްޓަމްސް ބަލިކޮށް މީރާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުން މީރާ މޮޅުވީ 15 ލަނޑުންނެވެ. މީރާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
ފައިނަލުގައި ޓޮސް ދިމާވުމުން ކަސްޓަމްސް އިން ނިންމީ ފީލްޑް ކުރުމަށެވެ. މީރާ އިން ކުޅެން އަރައި، އަށް އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 23 ބޯޅައިން 73 ލަނޑު ހެދި ކަމްރުލް އެވެ. އޭނާ ވަނީ 10 ފަހަރު ހަޔަކަށް އަދި އެއް ފަހަރު ހަތަރަކަށް ޖަހައިފަ އެވެ.
ކްރިކެޓް ކާނިވަލުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ ތެރެއިން ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޖަވާބުގައި ކަސްޓަމްސް އިން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، ހެދުނީ 131 ލަނޑެވެ. ކަސްޓަމްސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ބޯޅައިން 50 ލަނޑު ހެދި މުހައްމަދު އާމިރު އާއި 19 ބޯޅައިން 40 ލަނޑު އެއްކުރި މަހަމޫދު ރިޔާޒް އެވެ.
އޮފީސް މުބާރާތް ނިމުމުން ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑުގެ ކުރީގެ ނައިބު ރައީސް ފަރުހަތު ޖަލީލް އެވެ.
އެ ގޮތުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީރާ ޓީމުގެ ކަމްރިލް އިސްމާއިލް އެވެ. އެންމެ މޮޅު އުކުންތެރިއަކަށް ދިވެހި ސިފައިންގެ ކްލަބްގެ މުހަންމަދު ތޯރިގް ހޮވުނުއިރު، ރަނަރަޕަކީ ކަސްޓަމްސް އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތާއި އޮފީސް މުބާރާތް މިހާރު މި ވަނީ ނިމިފަ އެވެ. މިހާރު ހަމައެކަނި ކުރިއަށްދާ މުބާރާތަކީ ކޮމްޕެނީ މުބާރާތެވެ.
ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި އިއްޔެ އެލިއާ މޯލްޑިވްސްއާ ބައްދަލުކޮށް އެސްޓީއޯ ކާމިޔާބުކުރީ 72 ލަނޑުންނެވެ. މި މެޗުގައި އެސްޓީއޯ އިން 8 އޯވަރު ތެރޭ 174 ލަނޑު ހެދިއިރު، ރަބީއުލްއާލަމް 36 ލަނޑު، އަލްހާޒް އަހުމަދު 33 ލަނޑު، އަދި ހެލާލް ހުސޭން ވަނީ 31 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް އިން ކުޅެންއަރައި 8 އޯވަރު ހަމަވިއިރު ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި މުއާދު ޖިފްރީ އެވެ.
ކޮމްޕެނީ މުބާރާތުގައި މިއަދު ތިން މެޗު ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ. ފުރަތަމަ މެޗުގައި ލެމަންގްރާސް އާއި ފްރެންޑްސް މޯލްޑިވްސް ކުޅޭއިރު، ދެ ވަނަ މެޗުގައި އެމްޓީސީސީ އޭ ބައްދަލުކުރާނީ އެމްޓީސީސީ ބީ ޓީމާ އެވެ. އަދި ތިން ވަނަ މެޗުގައި އިކްއިވަލަންޓް ޕްރައިވެޓް ލިމިޓެޑް ނުކުންނާނީ އަހިންސަކާސްއާ ދެކޮޅަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment