24 އޭޕްރީލް 2022 - 11:29 0
ސާއިފް ޝިޔާދު
އެމްއެސްއެސް އިން ގަންނަ އާ ބޯޓު. މިއީ އެ ކުންފުނީގެ ހިދުމަތަށް ގެންނަ ދެވަނަ ބޯޓު އަދި ރާއްޖޭގެ ޝިޕިން ލައިނަކުން ގަންނަ އެންމެ ބޮޑު ބޮޓު --- ފޮޓޯ: މޯލްޑިވްސް މެރިޓައިމް ޖާނަލް
24 އޭޕްރީލް 2022 - 11:29 0
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ދެވަނަ ބޯޓު އަންނަ މެއި މަހުގެ މެދުތެރޭ ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
މިވަގުތު އެމްއެސްއެސްގައި އޮތީ އެއް ބޯޓެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ހިދުމަތަށް ނެރުނު "އެމްއެސްއެސް ގަލޭނާ" އެވެ.
އެ ކުންފުނީގެ ހިދުމަތާ ގުޅޭ ދެވަނަ ބޯޓަކީ 48،000 ޓަނުގެ ބަލްކު ކެރިއާއެކެވެ. މިއީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނުން ގެންނާނެ އެންމެ ބޮޑު ބޯޓެވެ. މި ބޯޓު ދަތުރުކުރާނީ އޮމާންގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޝަލާލާ ޕޯޓާއި ޔޫއޭއީގެ ފުޖައިރާ ޕޯޓާ ދެމެދު އެވެ.
ދެވަނަ ބޯޓާއެކު ރާއްޖެއަށް މުދާ އެތެރެކުުރުމުގެ ކަންކަން ވަރަށް ބޮޑަށް ސްޓޭބަލް ވެގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "އަދަދު" އަށް މިއަދު ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ސާމާނުގެ އަގުތައް އަމްރު ފާހަގަކުރެއްވި އެވެ.
"މި ދޭތެރެއިން ވެސް މި ދިމާވި ކަމަކީ ކޮންސްޓްރަކްޝަން ސާމާނު ގެންނަ ބޯޓުތަކުގެ ތާށިކަމެއް އުޅޭތީ އެއްޗެހި ނުގެނެވި މިދިޔައީ،" އަމްރު ވިދާޅުވި އެވެ.
ދާދިފަހުން ވެސް ފްރައިޓުގެ އަގުތައް ބޮޑުވުމުން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުގެ އަގުތައް ބޮޑުތަނުން އުފުލުނެވެ. ނަމަވެސް، އަމްރު ވިދާޅުވާ ގޮތުން މި ބޯޓާއެކު ދެން އަގުތަކަށް ބަދަލެއް އަންނާނީ ދުނިޔޭގެ ބާޒާރުގައި އެފަދަ ތަކެތީގެ އަގުތައް އުފުލުމުންނެވެ.
އެމްއެސްއެސްއަށް ގެނައި ފުރަތަމަ ބޯޓާއެކު ވެސް ރާއްޖެއަށް މުދާ އެތެރެކުރާ އަގުތައް ހެޔޮވި އެވެ. އަދު، ކުރިން ތަފާތު ނަންނަމުގައި ނަގަމުންދިޔަ ފީތައް ވެސް އެހެން ކުންފުނިތަކުން ނެގުން ހުއްޓާލި އެވެ.
އެމްއެސްއެސްއަކީ އަހަރުތަކެއް ވަންދެން ވަޅުޖެހިފައި އޮތް ބޯޓު ދަތުރުކުރުމުގެ ސިނާއަތް އަލުން ދިރުވަން އަމާޒުހިފައިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އެވެ.
Comment