Advertisement

ނަޝީދު ވިދާޅުވީ ޓޫރިޒަމް ކުލި ކުޑަކުރުމާއި މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް ނެތް ކަމަށް

20 އޭޕްރީލް 2022 - 12:42 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް


ނަޝީދު ވިދާޅުވީ ޓޫރިޒަމް ކުލި ކުޑަކުރުމާއި މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް ނެތް ކަމަށް

20 އޭޕްރީލް 2022 - 12:42 1

ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ، ރާއްޖޭގައި މުވަައްޒަފަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނއެޅުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ.

ކުއްޔަށް އަންނަ ބަދަލު

  • ހއ. އަތޮޅުން ށ. އަތޮޅަށް: ކުރިން އަކަމީޓަރަކަށް އަހަރަކަށް -/5 ޑޮލަރު މިހާރު -/4 ޑޮލަރު
  • ނ.އަތޮޅުން ދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް -/8 ޑޮލަރު، މިހާރު އަކަމީޓަރަކަށް -/6 ޑޮލަރުު.
  • ތ. އަތޮޅުން ގދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް އަހަރަކު -/6 ޑޮލަރު، މިހާރު -/5 ޑޮލަރު.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ މަގުސަދުގެ ގޮތުން އެ ބިލް ހުށަހެޅި އެއް ސަބަބަކީ މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމެވެ.

އެ ބިލުގެ ބަހުސް މަޖިލީހުގައި ކުރަމުންދާއިރު، ގިނަ މެމްބަރުން ވަނީ އެ އިސްލާހާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މިގޮތުން، އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭ ރިސޯޓުތަކުން މިނިމަމް ވޭޖު ދޭން ލާޒިމުވާތީ، ރިސޯޓުތަކަށް ސަބްސިޑީއެއް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަދި ޓޫރިޒަމް ދާއިރާގައި ދައުލަތުގެ ހަމައެކަނި ފިކްސްޑް އާމްދަނީ ކުޑަކުރުމަކީ މާލިއްޔަތަށް ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ ވެސް ތަޅުމުގައި ކަންބޮޑުވުންތައް އަޑުއިވިގެން ދިޔަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅުވައި، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ މިނިމަމް ވޭޖާއެކު ރިސޯޓުތަކަށް މާލީ ލުޔެއް ދިނުން ސަބަބެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވުން އެއް ގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އެއީ މި ބިލު ހުށަހެޅުމާ މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ބިލު އެކުލަވާލުމުގެ ހަގީގީ ބޭނުމަކީ ރާއްޖޭގެ ހުރިހާ ދިމާއަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި، ބިމު ކުލީގެ ތަފާތުތަކެއް އެކި ސަރަހައްދުތަކަށް ގެނައުމެވެ.

އެ ބިލުގެ އަނެއް ބޭނުމަކީ ސަރުކާރުގެ ކުޑަ ހިއްސާއެއް އޮވެގެން ޖޮއިންޓް ވެންޗާ އުސޫލުން ހިންގާ މަދު ރިސޯޓުތަކަށް އިތުރު އިންވެސްޓްމަންޓުތަކާއި ލޯނު ހޯދަން ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ބިލާ މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

މި ބިލާ މެދު މެމްބަރުންގެ މެދުގައި ކަންބޮޑުވުންތައް ގިނަވުމުން، މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކުރުމަށް ނަޝީދު ހިޔާލު ދެއްވި އެވެ.

ބިލުގެ އެހެން މަގުސަދުތަކުގެ ތެރޭގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް، ރަށްރަށުގެ ހިއްސާގެ އަގު ކަނޑައެޅުން ވެސް ހިމެނެ އެވެ.

މީހުން އުޅޭ ރަށްރަށުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭނެ ފަރާތަކީ ކައުންސިލްތައް ކަމަށް ހެދުމަކީ ވެސް ބިލުގެ މަގުސަދެކެވެ.