19 އޭޕްރީލް 2022 - 12:58 0
މުހައްމަދު އުޝާމް
ޖުޑީޝަލް ސާވިސް ކޮމިޝަން: ގާޒީ ނައީމް ފާޑުވިދާޅުވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް - ފޮޓޯ: މުހައްމަދު ޝާބިން އަދަދު
19 އޭޕްރީލް 2022 - 12:58 0
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ "ކަރު ބުޑުގައި ރަހަލާ ވަރު ކުރަން" ޖެހޭ ކަމަށް ފަނޑިޔާރުން ހިންގާ ނުރަސްމީ ގްރޫޕެއްގައި ލިޔުނު ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ގާޒީ ނައީމް، އުއްތަމަ ފަނޑިޔާރަށް ފާޑުވިދާޅުވީ "ދިވެހި ފަނޑިޔާރުންގެ ގްރޫޕް" ނަމުގައި ފަނޑިޔާރުން ހިންގާ ނުރަސްމީ ވައިބާ ގްރޫޕެއްގަ އެވެ. ގާޒީ ނައީމް ނުރުހުން ފާޅު ކުރެއްވީ ފަނޑިޔާރުންނަށް ފްލެޓް ދިނުމުގެ ޕްރޮގްރާމެއް ނުހިންގާތީ އެވެ.
އެ މައްސަލައިގައި މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ގާޒީ ނައީމް ފޮނުވި މެސެޖެއްގައި، "ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް" ބޭނުން ކޮށްފައި ވާތީ، އެ މައްސަލަ ބަލަން ފެށީ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެން ކަމުގަ އެވެ.
މި ގޮތުން މިދިޔަ އާދީއްތަ ދުވަހު އެ ކޮމިޝަނުން ބޭއްވި ޖަލްސާއެއްގައި، އެ މައްސަލަ ތަހުގީގު ކުރަން ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ މައްސަލައެއް ތަހުގީގު ކުރުމުގެ ގޮތުން ޖޭއެސްސީން އަމަލު ކުރާ އާންމު އުސޫލެވެ.
"އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުގެ ކަންތައް ކޮށްގެން މެނުވީ މި ކަންކަން ރަނގަޅެއް ނުވާނެ،" ގާތްގަތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕުގައި ނައީމް ލިޔުއްވާފައި ވަނީ މިހެނެވެ.
"އަދަދު" އަށް ލިބިފައިވާ ވައިބާ ގްރޫޕް މެސެޖްތަކުގެ ސްކްރީން ޝޮޓްތަކުން ފެންނަ ގޮތުން، ނައީމް ނުރުހެން ފެށީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށް ދައުލަތުން ފްލެޓް ދޭން ނިންމުމުން އޭގެ ހަބަރެއް އެހެން ފަނޑިޔާރަކު ގްރޫޕްގައި ހިއްސާ ކުރުމާ އެކު އެވެ.
ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީން ބެލި މައްސަލައެއްގައި އަދަބެއްގެ ގޮތުގައި ގާޒީ ނައީމް ޖުވެނައިލް ކޯޓަށް ބަދަލު ކުރި އެވެ. އެ މައްސަލަ ޖެހުނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލަތައް ނުބެއްލެވުމަށް ގާޒީ ނައީމް ނިންމެވުމުންނެވެ. ޑްރަގް ކޯޓަށް ބަދަލު ކުރީ އޭގެ ފަހުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment