Advertisement

މެންޗެސްޓާ ޔުނައިޓެޑް ލީގު ނުހޯދައި 30 އަހަރެއް ނުވާނެ: ރަންގްނިކް

19 އޭޕްރީލް 2022 - 12:34 0


މެންޗެސްޓާ ޔުނައިޓެޑް ލީގު ނުހޯދައި 30 އަހަރެއް ނުވާނެ: ރަންގްނިކް

19 އޭޕްރީލް 2022 - 12:34 0

މެންޗެސްޓާ (އޭޕްރީލް 19) - ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދަން 30 އަހަރު މަޑުކުރަން ޖެހުނު ކަމުގައި ވިޔަސް މެންޗެސްޓާ ޔުނައިޓެޑުން އެހާ ގިނަ ދުވަހު ލީގު ތަށްޓެއްގެ އިންތިޒާރުގައި ހުންނަން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

ލިވަޕޫލުން 30 އަހަރު ލީގު ޗެމްޕިއަންކަން ހޯދަން ކުރި އިންތިޒާރު ނިމުމަކަށް އައީ 2020 ވަނަ އަހަރު އެވެ. ޔުނައިޓެޑުން އެންމެ ފަހުން ލީގު ހޯދީ 2013 ވަނަ އަހަރު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުނީ ޔުނައިޓެޑްގެ ކަންތައްތަކެއް ބަދަލުވާން ޖެހޭ ކަމަށާއި އެކަމަކު، ލީގެއް ހޯދަން ކުރާ އިންތިޒާރު އެތައް އަހަރުތަކަކަށް ދިގުލައިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ޔަގީނުން ވެސް އެބަޖެހޭ މުސްތަގުބަލަށް ޓީމެއް ބިނާކުރަން. އަހަރެން ދެކޭ ގޮތުގައި ތިބުނާ ކަމެއް (30 އަހަރު ވަންދެން ލީގެއް ނުޙޯދައި) ނުވާނެ. އެއީ ބަދަލުވާން ޖެހޭނެ ކަންކަން އަހަރެމެންނަށް އެބަ އެނގޭ،" ރަންްގްނިކް ބުންޏެެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެފައިނުވެ އެވެ. މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލް ވަނީ 5-0 އިން މޮޅުވެފަ އެވެ. އޭރު ޔުނައިޓެޑްގެ ކޯޗަކީ އޮލެ ގުނަ ސޯލްޝެއާ އެވެ. ފަހުން ސޯލްޝެއާ ވަކިކޮށް، މި ސީޒަނުގެ ނިޔަލަށް ރަންގްނިކް ކޯޗަކަށް ހަމަޖެއްސީ ފަހުން، އޭނާ އަށް އެޑްވައިޒަރީ ރޯލެއް ދޭ ގޮތަށެެވެ.

ރަންގްނިކް ބުނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަރަށް ރަނގަޅު މަސައްކަތެއް ކޮށްގެން ލިވަޕޫލް ޓީމު ބިނާކޮށްފައި އޮތީ ހަ ވަރަކަށް އަހަރުން ކަމަށެވެ. އަދި މި ވަގުތު ލިވަޕޫލް ސްކޮޑުގައި ހިމެނޭ ހަ ކުޅުންތެރިންނަކީ މީގެ ކުރިން ރަންްގްނިކާ އެކު ޝާލްކާ، ރެޑްބުލް ސާލްޒްބާގް، ހޮފެންހައިމް އަދި އާރްބީ ލައިޕްޒިގުގައި މަސައްކަތްކޮށްފައިވާ ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ ކުޅުންތެރިންނަކީ ނަބީ ކެއިޓާ، ސަޑިއޯ މާނޭ، ރޮބާޓޯ ފިރްމީނޯ، އިބްރާހިމާ ކޮނާޓޭ، ޖޮއެލް މަޓިޕް އަދި ޓަކޫމީ މިނަމީނޯ އެވެ.

"މި ވަގުތު އެހެން ޓީމުތަކަށް ބަލާއިރު، އަހަންނާ އެކު މަސައްކަތްކުރި އެންމެ ގިނަ ކުޅުންތެރިން ތިބީ ލިވަޕޫލްގައި. އެކަމުން އެނބަ އެނގޭ ކުޅެން މި އުޅޭ ފުޓްބޯޅައިގެ މޮޑެލް އެއްގޮތްކަން،" ރަންގްނިިކް ބުންޏެވެ.

"ކްލޮޕް ލިވަޕޫލްގައި ކޮށްފައި އެވާ މަސައްކަތަކީ ކުޑަކަމެއް ނޫން. އޭނާ އަކީ މޮޅު ކޯޗެއްކަން އެކަމުން ސާބިތު އެބަވޭ. މިިދިޔަ އަހަރުތަކަށް ބަލާއިރު ލިވަޕޫލް ފެންނަނީ ތަފާތުކޮށް،"

ޔުނައިޓެޑުން ތަށްޓެއް ނުހޯދައި ފަސް ވަނަ ސީޒަނެއް ނިންމާލުމާ ގާތުގައި އޮތްއިރު، ރަންގްނިކް ބުނީ ކުރިއަށް އޮތް ދެ ތިން ޓްރާންސްފާ މާކެޓަކީ ޔުނައިޓެޑުން މުސްތަގުބަލަށް ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގައި މުހިންމު ރޯލެއް ކުޅޭނެ ވަގުތުތަކެއް ކަމަށެވެ.

ލިވަޕޫލް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.