19 އޭޕްރީލް 2022 - 10:51 0
އަމަން ހަލީމް
ހުޅުމާލޭ މަގު ހެދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ: އެމްޕްލޯއިމަންޓް އެޖެންސީތަކުން ގިނައިން ގެންނަނީ މޭންޕަވާ ހިދުމަތަށް ގެންނަ ނަން-ޕްރޮފެޝަނަލް މީހުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
19 އޭޕްރީލް 2022 - 10:51 0
ވަޒީފާ ހަމަޖައްސައިދޭ އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ގަވާއިދު މުރާޖާކުރުމުގެ މަސައްކަތް ނިންމުމަށް ފަހު "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު" އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފި އެވެ.
އެ ގަވާއިދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މުވައްޒަފުން ހޯދައިދިނުމަށާއި ވަޒީފާ ހޯދަން ފަހިކޮށްދިނުމުގައި އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ދައުރު ކަނޑައަޅައި، ލައިސަންސް ދިނުމާއި ހިފެހެއްޓުމާއި ބާތިލުކުރެވޭނެ ހާލަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
އެގޮތުން ދެން އެމްޕްލޯއިމަންޓް އެޖެންސީތަކަށް ދެވޭނީ ތިން ހިދުމަތެކެވެ. އެއީ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތާއި، މޭންޕަވާ ސަޕްލައިކުރުމުގެ ހިދުމަތެވެ. އެ ހުރިހާ ހިދުމަތެއް ވެސް ދެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިދުމަތުގެ ލައިސެންސް ހޯދުމަށް ފަހުގަ އެވެ.
ގަވާއިދު ބުނާ ގޮތުން މި ލައިސަންސުގެ ދަށުން އެޖެންސީތަކަށް ދެވޭނެ ހިދުމަތްތަކާއި ހިދުމަތުގެ މިންގަނޑުތައް ކަނޑައަޅާނީ ރަޖިސްޓްރީ ކުރާ ކެޓެގަރީއަކަށް ބަލައިގެންނެވެ. ލައިސަންސްގެ މުއްދަތާއި ޑިޕޮސިޓް ދައްކަން ޖެހޭ ވަރު ކަނޑައަޅަނީ ވެސް މި ކެޓެގަރީތަކަށް ބަލައިގެންނެވެ. އެ ކެޓެގަރީތަކަކީ:
ކެޓެގަރީ – (A) ރެކްރޫޓްމަންޓް ހިދުމަތާއި ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ތިން އަހަރު ދުވަހަށް، ޑިޕޮސިޓް 300،000ރ.
ކެޓެގަރީ – (B) ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ދެ އަހަރު ދުވަހަށް، ޑިޕޮސިޓް 50،000ރ.
ކެޓެގަރީ – (C) މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ތިން އަހަރު ދުވަހަށް، ޑިޕޮސިޓް ތިން މިލިއަން ރުފިޔާ
ކޮންމެ އެޖެންސީއަކަށް ވެސް ލައިސަންސް ދޫކުރެވޭނީ މިއިން ކޮންމެވެސް އެއް ކެޓެގަރީއަކަށެވެ. މިހެންކަމުން އެއްވެސް އެޖެންސީއަކަށް މި ހުރިހާ ހިދުމަތެއް ނުދެވޭނެ އެވެ. މިސާލަކަށް ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީއަކަށް މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތެއް ނުދެވޭނެ އެވެ.
މޭންޕަވާ ހިދުމަތްދޭ ކުންފުންޏަކުން އެހެން ކެޓެގަރީއަކަށް ބަދަލުވާން ބޭނުންވާ ހާލަތުގައި އެ ހިދުމަތުގެ ދަށުން ގެނެސްފައިވާ ހުރިހާ ބިދޭސީންގެ ވާކް ޕާމިޓް ކެންސަލް ކުރުމުން މެނުވީ އެހެން ކެޓެގަރީއަކަށް ރަޖިސްޓްރީ ވެސް ނުވެވެ އެވެ.
ގަވާއިދުގެ ދަށުން ލައިސަންސް ނުހޯދާ އެމްޕްލޯއިމަންޓް އެޖެންސީތަކުން ނޫނީ އަމިއްލަ ފަރުދަކު ވިޔަސް މިއިން އެއްވެސް ހިދުމަތެއް ދިނުން ގަވާއިދު މަނާކުރެ އެވެ. އަދި ގަވާއިދާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާށާއި ލައިސަންސްތައް ހިފެހެއްޓުމަށާއި ވަކި މުއްދަތަކަށް ލައިސަންސް ދިނުން މަނާކުރަން ގަވާއިދު ތަންދެ އެވެ.
އެންމެ ބޮޑު އަދަބެއް ލިބެނީ ގަވާއިދާ ހިލާފަށް ރެކްރޫޓްމަންޓް ހިދުމަތްދިނުމާއި މޭން ޕަވާ ސަޕްލައިގެ ހިދުމަތް ދީފި ނަމަ އެވެ. މި ލައިސަންސްތައް ނުނަގާ މީހުންނަށް އަންނަ ޖޫރިމަނާގެ އިތުރުން، ގަވާއިދާ ހިލާފަށް ރެކްރޫޓު ކުރި ކޮންމެ މީހަކަށް ނޫނީ ގަވާއިދާ ހިލާފަށް ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އާދެ އެވެ.
އޭގެ އިތުރުން، ޑީ މެރިޓް ޕޮއިންޓް އުސޫލެއްގެ ތެރެއިން ގަވާއިދާ ހިލާފުވާ ކަންކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެޖެންސީތަކާއި ގަވާއިދުގައި ބުނާ އެހެން މީހުންގެ ޕޮއިންޓު ކަނޑައިގެން ވެސް ފިޔަވަޅު އެޅެ އެވެ.
މިއީ ކޮންމެ ފަރާތަކަށް ވެސް ލައިސަންސާ އެކީ ލިބޭ 100 ޕޮއިންޓުން އުނިވާ ގޮތަށް އޮންނަ އުސޫލެކެވެ. ފިޔަވަޅު އަޅަނީ ޕޮއިންޓު ކެނޑޭ ވަރަކުންނެވެ. އެގޮތުން 85 ޕޮއިންޓަށް ވުރެ ދަށްވުމުން ޖޫރިމަނާ ކޮށް، ސުން ޕޮއިންޓަށް ވެއްޓޭ ހާލަތުގައި ލައިސަންސް ބާތިލުވެ އެވެ.
ޕޮއިންޓު އުނިކުރެވޭނެ ގޮތްތައް ވަނީ ގަވާއިދާއެކީ ގެޒެޓުކޮށްފައި އެވެ.
އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ގަވާއިދުގައި ލައިސަންސް ދޫކުރާ ޝަރުތުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވާއިރު، މިފަދަ އެޖެންސީތައް ހިންގުމުގެ އިންތިޒާމުތައް ވެސް ބަޔާނާކޮށްފައިވެ އެވެ.
މި އިންތިޒާމުތަކުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޖެންސީތަކުން ކީ އެޕޮއިންޓްމަންޓް ހޯލްޑަރާއި އެޖެންސީ ރެޕްރެޒެންޓޭޓިވުން އައްޔަނުކުރުން ހިމެނެ އެވެ.
ކީ އެޕޮއިންޓްމަންޓް ހޯލްޑަރަކީ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގައްޔާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ހިންގައި ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހާ އެވެ.
އެ މީހާ ވާން ޖެހެނީ އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ މަސްއޫލުވެރިޔާ ނުވަތަ ޕާޓްނަރަކަށެވެ. އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެމްޕޯލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސް ލިބިފައިވާ މީހަކަށެވެ.
އެޖެންސީ ރެޕްރެޒެންޓޭޓިވުންނަކީ އެމްޕްލޯއިމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އެޖެންސީތަކުގެ މުވައްޒަފުންނެވެ. މި ރެޕްރެޒެންޓޭޓިވުންގެ އަތުގައި ވެސް އެމްޕޯލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސް އޮންނަން ޖެހެ އެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެމްޕްލޯއިމަންޓް ހިދުމަތް ފޯރުކޮށްދޭ އެންމެންގެ އަތުގައި މި ލައިސަންސް އޮންނަން ޖެހޭނެ އެވެ. މި ލައިސަންސް ހޯދަނީ "ސެޓްފިކެޓް އޮފް އެމްޕްލޯއިމަންޓް އިންޓަމީޑިއަރީސް" ކޯސް ފުރިހަމަކުރީމަ އެވެ.
ކީ އެޕޮއިންޓްމަންޓް ހޯލްޑަރާއި ރެޕްރެޒެންޓޭޓިވުން ނެތި އެއްވެސް ހިދުމަތެއް ދީފި ނަމަ ޖޫރިމަނާކޮށް، ހުއްދަތައް ހިފެހެއްޓޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައި ވެ އެވެ.
މީގެ ކުރިން އެމްޕްލޯއިމަންޓް ހިދުމަތް ދިނުމުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ހިދުމަތުގެ ފީތަކުން ނަގާ އަގު ބޮޑު ވުމެވެ. މިގޮތަށް ބިދޭސީންގެ އަތުން ގިނަ ފައިސާތަކެއް އަތުލާކަމަށް އަބަދުވެސް ތުހުމަތުކުރެވެ އެވެ.
މިކަމަށް ރިއާޔަތަކޮށް އާ ގަވާއިދުގައި ވަނީ އެމްޕްލޯއިމަންޓް އެޖެންސީތައް މެދުވެރިކޮށް ވިޔަފާރި އުސޫލުން ފީއެއް ނެގި ނަމަވެސް، އެގޮތަށް އެންމެ ގިނަވެގެން ނެގޭނީ މަސް ދުވަހުގެ މުސާރަ ކަމަށް ބަޔާންކޮށްފައި ވެ އެވެ. މި ފައިސާ ނެގޭނީ ވަޒީފާދޭފަރާތުގެ އަތުންނެވެ.
ވަޒީފާއަށް އެދޭ ނުވަތަ ވަޒީފާ ހޯދާ ފަރާތުގެ އަތުން ނުވަތަ ނަން-ޕްރޮފެޝަލަން ވަޒީފާތައް ހިމެނޭ މޭންޕަވާ ސަޕްލައިކުރުމުގެ ހިދުމަތުގައި ބޭނުންކުރާ މުވައްޒަފުން އަތުން އެއްވެސް ފީއެއް ނެގުން މި ގަވާއިދު މަނާކުރެ އެވެ. އަދި، ވަޒީފާ ހަމަޖައްސައިދޭން ހިނގި ހަރަދު ނުވަތަ އެ ހަރަދުން ބައެއް ނެގުން ވެސް މަނަލެވެ.
އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކީ މި ދޭތެރެއިން އެމްޕްލޯއިމަންޓް އެޖެންސީތަކަށް ހުއްދި ދިނުން ހުއްޓާލަފައި އޮތުން ނިމުނީ އެވެ. އެކަމަކު ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވެސް ހުއްދަ އާކުރެވޭނީ އާ ގަވާއިދުގެ ދަށުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment