Advertisement

ހަތަރު ތަށި ކާމިޔާބު ކުރުމަކީ ހުވަފެނެއް: ވެން ޑައިކް

18 އޭޕްރީލް 2022 - 20:58 0


ހަތަރު ތަށި ކާމިޔާބު ކުރުމަކީ ހުވަފެނެއް: ވެން ޑައިކް

18 އޭޕްރީލް 2022 - 20:58 0

ލަންޑަން (އޭޕްރީލް 18) - ލިވަޕޫލުން މި ސީޒަންގައި ހަތަރު ތަށި ކާމިޔާބުކުރުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އެކަން ހާސިލްވެއްޖެ ނަމަ، އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ލިވަޕޫލުން ވަނީ މި ސީޒަންގެ އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާ ވާދަކުރާއިރު، ޗެމްޕިއަންސް ލީގުގައި އޮތީ ސެމީ ފައިނަލްގަ އެވެ. އެފްއޭ ކަޕްގެ ފައިނަލަށް ވެސް އެ ޓީމު ވަނީ ދަތުރުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނުގެ ވިޔަރެއާލާ ކުޅޭއިރު، އެފްއޭ ކަޕް ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ލިވަޕޫލުން ލީގު ކަޕް ތަށި އުފުލާލީ ފައިނަލުގައި ޕެނަލްޓި ޖަހައިގެން ޗެލްސީ ބަލިކުރުމަށް ފަހު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ހަތް މެޗު އޮތްއިރު، ލިވަޕޫލް އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ.

"މީގެ ކުރިން އެއްވެސް ޓީމަކަށް އެއް ސީޒަންގައި ހަތަރު ތައްޓެއް ނުލިބޭ. އެއީ ހާސިލްކުރަން ވަރަށް އުނދަގޫކަމެއް،" ވެން ޑައިކް ބުންޏެވެ.

"މިއީ ވަރަށް ބޮޑު ހުވަފެނެއް. އެކަމަކު ޓީމަށް ވުރެ، މި ވާހަކަ ބޮޑަށް ދައްކަނީ (ޓީމުން) ބޭރުގައި. އެއީ ޓީމަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެކަމެއް."

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ދެން ކުޅެންޖެހޭ މެޗުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށެވެ. އިނގިރޭސި ލީގުގައި މިދިޔަ އޮކްޓޫބަރު މަހު މި ދެ ޓީމު ޔުނައިޓަޑް ދަނޑުގައި ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކުރީ ލިވަޕޫލެވެ.

އަނިޔާގެ ސަބަބުން 10 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ވެން ޑައިކް އަލުން ކުޅެން ނުކުތީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެެވެ. ވެން ޑައިކް ބުނީ ލިވަޕޫލުން އެއްވެސް ކުޅުންތެރިއެއްގެ "އަނިޔާ އަށް ފަރުވާކުޑަ ނުކުރާ" ކަމަށެވެ.