Advertisement

ބާސެލޯނާގެ ޕެޑްރީ އަށް ސީޒަން ނިމިއްޖެ: ރިޕޯޓް

17 އޭޕްރީލް 2022 - 14:17 0


ބާސެލޯނާގެ ޕެޑްރީ އަށް ސީޒަން ނިމިއްޖެ: ރިޕޯޓް

17 އޭޕްރީލް 2022 - 14:17 0

ބާސެލޯނާ (އޭޕްރީލް 17) - ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރަޓް ފްރޭންކްފާޓް އަތުން ބާސެލޯނާ ބަލިވި މެޗުގައި ޕެޑްރީ އަށް ވަނީ އަނިޔާވެފަ އެވެ. ޕެޑްރީ، 19، ގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް ހެދި ޓެސްޓްތަކުން އެނގުނީ ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ކަމެެވެ.

ފަހަކަށް އައިސް ބާސެލޯނާ އަށް މުހިންމު ގޯލުތަކެއް ޖަހައިދިން ޕެޑްރީ އަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން މަހެއްހާ ދުވަސް ނަގާނެ ކަމަށް ބާސެލޯނާ އިން ބުނެ އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅޭ ފަހު މެޗު އޮތީ އަންނަ މަހު 22 ގަ އެވެ. ޕެޑްރީ އެނބުރި އަންނާނެ ސީދާ ތާރީހެއް ބާސެލޯނާ އިން ހާމަކޮށްފައިނުވި ނަަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އަންނަ މަހު 22 ގައި ބާސެލޯނާ އިން ވިޔަރެއާލާ ކުޅޭ މެޗަށް ވެސް ޕެޑްރީ ފިޓްނުވާނެ އެވެ. އަދި ބާސެލޯނާގެ ވިސްނުމަކީ މި ސީޒަނުގައި ދެން ޔަގީނުން ވެސް ވާދަކުރެވޭނެ މުބާރާތެއް ނެތުމުން އަންނަ ސީޒަނަށް ފިޓްކޮށް ޕެޑްރީ ގެނެވޭނެ ގޮތެއް ހެދުމެވެ.

ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ޖުމްލަ 73 މެޗު ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ވެސް އެންމެ ގިނަ މެޗު ކުޅުނީ ޕެޑްރީ އެވެ. އޭނާ ވަނީ ބާސެލޯނާ އަށް 52 މެޗާއި ސްޕެއިންގެ ޔޫރޯ ޓީމާއި އޮލިމްޕިކްސް ޓީމަށް 21 މެޗު ކުޅެފަ އެވެ. މި ސީޒަނުގައި އެކިއެކި އަނިޔާގެ ސަބަބުން ޕެޑްރީ އަށް ގިނަ މެޗުތަކެއް ގެއްލިފައިވެ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރަކު ދާދި ފަހުން ރޭޑިއޯ އިންޓަވިއުއެއްގައި ބުނީ މިދިޔަ ސީޒަނުގައި ޕެޑްރީ އަށް އަރާމްކުރަން ފުރުސަތު ނުދީ ގިނަ މެޗުތަކެއް ކުޅުވުމުގެ ނަތީޖާ މި ސީޒަނުގައި އެބަ ފެންނަ ކަަމަށެވެ. ދުރު މުސްތަގުބަލަށް ވިސްނައި، ޕެޑްރީ ލައްވައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަދު މެޗުތަކެއް ކުޅުވުން މުހިންމު ކަމަށް ވެސް ތަޖުރިބާކާރު ވަނީ ބުނެފަ އެވެ. އެހެން ނޫނީ ޕެޑްރީ ބޭނުންވާ ލެވަލަށް ދާން ކުރިމަތިވާނީ ތަކުރާރުކޮށް ދިމާވާ އަނިޔާގެ މައްސަލަތައް ކަމުގައި ބުނެފައިވެ އެވެ.

އިޓަލީގެ ޓޫޓޯ ސްޕޯޓްސް އިން ދިން ގޯލްޑަން ބޯއީ ޓްރޮފީ އާއި ބެލޮންޑިއޯ އެވޯޑްސްގެ ކޮޕާ ޓްރޮފީ ހާސިލްކުރި ޕެޑްރީ ވަނީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ. އެ ކޮންޓްރެކްޓް ހަމަނުވަނިސް ޕެޑްރީ އަށް ދެން އެހެން ކްލަބަކަށް ބަދަލުވެވޭނީ އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލޯސެއް ދައްކައިގެންނެވެ.