Advertisement

ފީވަކުގައި އަނެއްކާވެސް ފުރުޓްފްލައި ފެތުރި މޭވާތައް ހަލާކުވަނީ

16 އޭޕްރީލް 2022 - 14:43 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފްރުޓް ފްލައިންގް ސަބަބުން ހަލާކުވެފައިވާ އަނބުތަކެއް---


ފީވަކުގައި އަނެއްކާވެސް ފުރުޓްފްލައި ފެތުރި މޭވާތައް ހަލާކުވަނީ

16 އޭޕްރީލް 2022 - 14:43 1

ށ. ފީވަކުގެ މޭވާ ގަސްތަކުގައި ފުރުޓް ފްލައި އަޅައި ބޮޑެތި ގެއްލުންތައް ވަމުން ދާއިރު، ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން މިއަދު ފާޅުކޮށްފި އެވެ.

މޭވާ އާއި ތަރުކާރީއަށް ބޮޑެތި ގެއްލުންތަކެއް ދޭ ނުރައްކާތެރި ސުއިތްޕެއް ކަމަށްވާ ފުރުޓް ފްލައި ކޮންޓްރޯލް ކުރަން ބޭނުންކުރަނީ ފެރޮމޯން ޓްރެޕް ތަކެކެވެ. ފެރޮމޯން ޓްރެޕް އަކީ އަންހެން މެހީގެ ވަސް ބޭނުންކޮށްގެން އެއަށް ފިރިހެންމެހި ދޯޅުކުރާ އަދި އޭގައި ހިމެނޭ ކެމިކަލްއެއްގެ ސަބަބުން ފިރިހެން މެހި މަރުވާ ގޮތަށް ތައްޔާރުކޮށްފައިވާ ހުންނަ ދަންތުރައެކެވެ.

ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު "އަދަދު" އަށް ވިދާޅުވީ އެ ރާށުގައި އަނެއްކާވެސް ފުރުޓް ފްލައި ފެތުރެމުންދާތީ އެކަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ފުރުޓް ފްލައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ފެރޮމޯން ޓްރެޕް މިވަގުތު ރާއްޖެއިން ހުސްވެފައި ވާތީ އެތަކެތި އަލުން ގެންނަން މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނީ ފީވަކުގައި ފްރުޓް ފްލައި އާލާވަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރަން ކައުންސިލާ ވާހަކަ ދައްކާފައިވާ ކަމަށާއި ދެ މަހެއް ތެރޭ ފެރޮމޯން ޓްރެޕް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްރުޓް ފްލައިންގެ ސަބަބުން ހަލާކުވެފައިވާ އަނބުތަކެއް-- ފޮޓޯ: އަދަދު


މި ދުވަސްވަރަކީ ރާއްޖޭގައި އަނބާއި ޖަނބުރޯލު ދޮންވާ މޫސުމެވެ. ދަނޑުވެރި ކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ފީވަކުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ރަށުގައި މިފަހަރު ފުރުޓް ފްލައި އަޅާފައި ހުރީ އަނބު އަދި ޖަނބުރޯލާއި ދޮންކޭލުގައި ކަމަށެވެ.

ބައެއް މީހުން ބޭސް ޖަހައިގެން ކޮންޓްރޯލް ކުރަން ސައްކަތް ކުރާއިރު އަނެއްބައި މީހުން ބުނީ އަނބާއި ޖަނބުރޯލުގައި ފުޅި ލައްވައިގެން ފުރުޓް ފްލައި ނުވަންނަ ގޮތަށް ހަދާ ކަމަށެވެ. ނަމަވެސް ބައެއް ފަހަރަށް ފުޅި ތެރެއަށް ވަދެގެންވެސް އަނބު ހަލާކުކޮށްލާފައި ހުންނަ ކަމަށް އެ ރަށު މީހުން ބުންޏެވެ.

ފުރުޓް ފްލައި އިން ރައްކާތެރި ކުރުމަށް އަނބުގައި ފުޅި ލައްވާފައި-- ފޯޓޮ: އަދަދު


ފްރުޓު ފްލައި ރާއްޖެއިން ފުރަތަމަ ފެނިފައިވަނީ 2015ވަނަ އަހަރުގެ އަނބު މޫސުމުގައި ފީވަކުންނެވެ. އެ ފަހުން ރާއްޖޭގެ އެކި ރައްރަށުން އެކި ދުވަސްވަރު ފެނިފައިވެ އެވެ. އެގޮތުން މި އަހަރު ވަނީ ހދ. ކުޅުދުއްފުށިން ވެސް ފެނިފަ އެވެ.

ފުރުޓްފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ ސުއިތްޕެވެ. ހައުސް ފްލައި އަށަގަންނަ ރަށެއް ނުވަތަ ސަރަހައްދެއްގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓް އޭގެ ސަބަބުން ގެއްލެ އެވެ.

ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެހެނިހެން މޭވާ އާއި ތަރުކާރީ ހިމެނެ އެވެ.