Advertisement

ޑްރައިވިން ސްކޫލް ހިންގާ މީހާގެ ކުށުގެ ރެކޯޑުގެ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފި

16 އޭޕްރީލް 2022 - 10:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޑްރައިވިން ސްކޫލް ހިންގާ މީހާގެ ކުށުގެ ރެކޯޑުގެ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފި

16 އޭޕްރީލް 2022 - 10:56 0

ޑްރައިވިން ސްކޫލް ހިންގުމާ ހަވާލުވެ ހުންނަ މަސްއޫލުވެރި ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކުށުގެ ރެކޯޑުގެ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށް އޮންނަ ގޮތަށް ގަވާއިދު އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު އެކުލަވާލި "ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު" އަށް ފުރަތަމަ އިސްލާހުތައް ގެނެސް ކުށުގެ ރެކޯޑުގެ ޝަރުތަކަށް ހިމަނާފައި ވަނީ ވޭތުވެދިޔަ ތިން އަހަރު ޖިނާއީ ކުށުގެ ރެކޯޑެއް އޮވެގެން ނުވާނެ ކަމުގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އެ ގަވާއިދު އެންމެ ފުރަތަމަ ޝާއިއު ކުރި އިރު، އޭގައި ވަނީ ވޭތުވެދިޔަ ފަސް އަހަރު އެއްވެސް ބާވަތެއްގެ ކުށުގެ ރެކޯޑު އޮންނަ މީހަކަށް ޑްރައިވިން ސްކޫލްގެ މަސްއޫލުވެރި ފަރާތަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

ޑްރައިވިން އިންސްޓްރަކްޓަރުންނަށް އޮންނަ ކުށުގެ ރެކޯޑުގެ ޝަރުތު ވެސް ވަނީ ލުއިކޮށްފަ އެވެ. ކުރިން ގަވާއިދުގައި ވަނީ ވެއެތުވެދިޔަ ފަސް އަހަރު މަދަނީ ނުވަތަ ޖިނާއީ ކުށެއްގައި ހުކުމް ކޮށްފައި ނެތުމެވެ. އެ މާއްދާ ވަނީ ވޭތުވެދިޔަ ތިން އަހަރު އެ ބާވަތުގެ ކުށެއްގައި ހުކުމް ކޮށްފައި ނެތުމަށް ބަދަލު ކޮށްފަ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފު ވެގެން ލައިސަންސް ހިފެހެއްޓި މީހަކަށް ނުވުމުގެ ޝަރުތު ވެސް ވަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭ ލައިސަންސް ހިފެހެއްޓި މީހަކަށް ނުވުމަށް ބަދަލުކޮށްފަ އެވެ.

ޑްރައިވިން އިންސްޓްރަކުންޓަރުންގެ ލައިސަންސް ދޫކުރަން މިނިސްޓްރީގެ މައްޗަށް ލާޒިމު ކުރާ މުއްދަތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ކަމަށް އެދި ހުށަހަޅާތާ މަދުވެގެން 15 ދުވަހުގެ ތެރޭގައި ދޫކުރަން އޮންނަ ލައިސަންސް މިހާރު ހަތް ދުވަސް ތެރޭ ދޫކުރަން ޖެހެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ސަރުކާރު ގެޒެޓްގައި މި އިސްލާހުތަކާ އެކު ގަވާއިދު ޝާއިއުކޮށްފައިވާއިރު، އެ ދުވަހުން ފެށިގެން އެއަށް އަމަލު ކުރަން ފަށާނެ ކަމަށް އޭގައިވެ އެވެ.