13 އޭޕްރީލް 2022 - 16:07 0
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ.
13 އޭޕްރީލް 2022 - 16:07 0
މެޑްރިޑް (އޭޕްރީލް 13) - ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑުން ކުޅޭ ސްޓައިލަށް ފާޑުކިޔާތީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަަތަމަ ލެގުގައި މެންޗެސްޓާ ސިޓީ ދަނޑުގައި 1-0 އިން އެތުލެޓިކޯ ބަލިވި މެޗުގައި އެ ޓީމުން ކުޅުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. އެތުލެޓިކޯ އިން އެ މެޗުގައި ސިޓީ ކޮޅަށް ޝޮޓެއް ފޮނުވާލާފައިނުވާއިރު، އިނގިރޭސި މީޑިއާ އިން ވަނީ އެތުލެޓިކޯ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އޭގެ ފަހުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ނުސީދާ ގޮތަކަށް އެތުލެޓިކޯ ކުޅޭ ގޮތަށް ފާޑުކިޔައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލާ ކުޅުނު މެޗުގެ ކުރިން ގާޑިއޯލާ ބުނީ ބައެއް ޓީމުތައް ކުޅޭގޮތަށް 0-0 އަށް ވިސްނައިގެން ފަހަތުގައި ތިބެގެން ވެސް ސިޓީ އަށް ކުޅެވިދާނެ ކަމަށެވެ. އެއީ އެތުލެޓިކޯ އަށް އަމާޒުކޮށް ގާޑިއޯލާ ބުނި ވާހަކަ އެކެވެ.
މިރޭ އެތުލެޓިކޯ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ވަނީ އެ ވާހަކަތަކަށް ރައްދުދީފަ އެވެ.
"އަހަރެން 2005 ވަނަ އަހަރު ކޯޗިންގެ ތެރެއަށް ނުކުތް ފަހުން، އޮޅުމަކަށް ނުވާނަމަ އަހަރެން ދުވަހަކު ވެސް ނޯންނާނެ އެހެން ކޯޗަކަށް އިހުތިރާމް ކުޑަކޮށް އެއްޗެއް ބުނެފައެއް. އެއީ އަހަރެން ކުރާނެ ކަމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ގިނަ ގޮތްތަކެއް ހުންނާނެ ޓީމުތަކުން ކުޅޭނެ، ވަކި މެޗަކު ހޯދަން ބޭނުންވާ އެއްޗެއް ހޯދޭނީ ވަކި ސްޓައިލަކަށް އެ މެޗެއްގައި ކުޅެގެން. އަހަންނެއް ކޯޗުންނަށް ފާޑެއް ނުކިޔާނަން. އަހަރެން ބައިވެރިވާނެ ކަމެއް ނޫން އެއީ،" ހިތްހަމަނުޖެހިފައި ހުރެ، ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެފައިވަނީ 2017 ވަނަ އަހަރު އެވެ. ސިމިއޯނީ ބުނީ މިރޭ އެތުލެޓިކޯ އިން ނަތީޖާ ނެރޭނަމަ އަމިއްލަ އަށް ހެދޭ ގޯސްތައް ވަރަށް ބޮޑަށް މަދުކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ލެގު 1-0 އިން ނިމިފައި އޮތީމަ އުންމީދެއް އެބައޮތް. އެކަމަކު، މިއީ އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭ މެޗެއް،" ސިމިއޯނީ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު، ސިޓީ އަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ޕޯޗުގީސް ޑިފެންޑަރު ރުބެން ޑިއާޒް، ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، ހަ ހަފްތާ ފަހުން ޓީމާ ގުުޅުމެވެ. އެކަމަކު، ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް ހުރީ އެންމެ ފަހުން އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި، ރީނދޫ ކާޑާ އެކު ތިން ކާޑު ހަމަވެ، މި މެޗަށް ސަސްޕެންޑްވެފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މި ސީޒަނުގައި އެ ޓީމު ވަނީ ޕްރިމިއާ ލީގުގެ ލިވަޕޫލް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުވެފަ އެވެ. މިރޭ ސިޓީއާ ދެކޮޅަށް އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ގަ އެވެ. ހަަމަ އެ ވަގުތު ކުއާޓާ ފައިނަލް އަނެއް މެޗުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ބެންފީކާއާ ކުޅޭނެ އެވެ.
Comment