11 އޭޕްރީލް 2022 - 22:50 0
އަހުމަދުﷲ އަބްދުލްހާދީ
ކ. ހިންމަފުށި: ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ހުންނަނީ އެރަށުގައި. އެތަނުގައި ހަނގުރާމައަށްދާ މީހުން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ކުރިޔަށްދޭ. ފޮޓޯ: ޝަޒްމީން އަލީ/ފޭސްބުކް
11 އޭޕްރީލް 2022 - 22:50 0
ސީރިޔާގައި ކުރިޔަށްދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ފުރައިގެން ގޮސް، އެ ސަރަހައްދުގައި ހާލުގައި ޖެހިގެން މިދިޔަ މަސްތެރޭ އަނބުރާ ރާއްޖެ ގެނައި ދިވެހި އާއިލާއެއް އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ސީރިޔާގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ފުރައިގެން ދިޔަ އެ އާއިލާ އަނބުރާ ރާއްޖެ ގެނައީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަނބުރާ ގެނައި އެ އާއިލާގައި ހިމެނެނީ އުމުރުން 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.
އެ ކުޑަކުދިންގެ ތެރެއިން ދެ ކުދިންނަކީ އެ ކުދިންގެ މަންމަ ރާއްޖެއިން ފުރައިގެންދިޔައިރު ގޮވައިގެން ދިޔަ ދެ ކުދިންނެވެ. އަނެއް ދެ ކުދިންނަކީ ރާއްޖެ އައި އިރު ގޮވައިގެން އައި ދެ ކުޑަކުއްޖެކެވެ. އެ އަންހެންމީހާ ބުނާ ގޮތުގައި އެ ދެ ކުދިންނަކީ ވެސް އޭނާގެ ހަލާލު ދަރިންނެވެ.
ސަރުކާރުން އެމީހުން އަނބުރާ ރާއްޖެ ގެނައުމާއެކު، ކްރިމިނަލް ކޯޓުން ވަނީ އެމީހުން އިދާރީ ބަންދެއްގައި ހިންމަފުށީގައި ހުންނަ ސެންޓަރުގައި ބޭތިއްބުމަށް މާޗު 12 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ އެ އާއިލާއާ ގުޅޭގޮތުން ތަފްސީލެއް ނުދެއްވި ނަމަވެސް، އެ އާއިލާ އިތުރު އަށް މަސް ދުވަހަށް ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރަން ނިންމާފައިވާކަން މި ނޫހަށް ކަށަވަރު ކޮށްދިނެވެ.
އެ އާއިލާއަކީ އެގޮތަށް ސީރިޔާގައި ހާލުގައި ޖެހިގެން ރާއްޖެ ގެނައި ފުރަތަމަ އާއިލާ އެވެ. އެމީހުން އަބުރާ ގެނައިއިރު، ހޯމް މިނިސްޓްރިން ބުނީ އެމީހުން ރާއްޖެ ގެނައީ ރާއްޖޭން ބޭރުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތަށް ކަމަށެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި ދަރިން، ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ތިބޭ ރެފިއުޖީ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީ، އެމީހުން އަނބުރާ ގެނައުމަށް ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކުން ވަނީ ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކޮށްފަ އެވެ.
Comment