11 އޭޕްރީލް 2022 - 16:36 0
ބެންގަލޫރު މެރަތަންގައި ވާދަކުރި ނަސްރު (ކ) އާއި ރިޝްމީ ރާއްޖޭގެ ދިދަ ހިފައިގެން.
11 އޭޕްރީލް 2022 - 16:36 0
އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ކުރިއަށްދިޔަ މެރަތަންގެ އަންހެނުންގެ ކެޓަގަރީގެ ހާފް މެރަތަން ބައިގައި ދުވި ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ، އައިޝަތު ރިޝްމީ ނުވަ ވަނަ އަށް ދިޔައިރު، 80 ވަނަ ފުލް މެރަތަންގައި ދުވި ތަޖުރިބާކާރު ދުވުންތެރިޔާ/ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) އާ ތަޖުރިބާއަކާ އެކު ކުރިއަށް އަމާޒުހިފައިފި އެވެ.
އިއްޔެ، ރިޝްމީ ރޭސް އެއް ގަޑިއިރާއި 47 މިނިޓް 48 ސިކުންތުންނެވެ. މުޅި ހާފް މެރަތަންގެ އަންހެން ބައިގެ ނުވަ ވަނައިގައި އޮވެ، ރޭސް ނިންމި، ރިޝްމީ އަކީ އަންހެނުންގެ 35-45 އުމުރުފުރާގެ ކެޓަގަރީ ބަލާނަމަ ތިން ވަނަ އެވެ.
ނަސްރު ފުލް މެރަތަން ފުރިހަމަ ކުރީ ތިން ގަޑިއިރާއި 48 މިނިޓް 53 ސިކުންތުންނެވެ. ރޭހުގެ ބޮޑު އިންސައްތަ އެއް ދުވީ ރޯދަ އަށް ހުރެ ކަމަށްވާތީ، މިއީ ރޯދަ އަށް ހުރެ ދުވެގެން އަނެއްކާ ވެސް ނަސްރު ކުރި ތަފާތު ތަޖުރިބާ އެކެވެ. ރޭހުގެ ބޮޑު ޕަސެންޓެއް ފުރިހަމަކުރީ ރޯދަ ހިފައިގެން ހުރެ އެވެ.
ނަސްރު ރޭސް ފުރިހަަމަކުރުމަށް ފަހު ރާއްޖޭގެ ދިދަ ހިފައިގެން.--
"ރޭހުގެ 60 ޕަސެންޓް ދުވީ ރޯދަ އަށް ހުރެގެން. އެހެންވީމަ، އެ ލޯޑު ވެސް ނަގައިގެން މި ކުރީ. ރޯދަ އަށް ހުރެ ދުވުމަކީ އަނެއް ހެން މައްސަލައެއް ނޫން. ހަތަރު ގަޑި ބްރޭކް ކޮށްގެން ރޭސް ނިންމުނީތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ރޭސް ނިންމަން ރަނގަޅު ޓައިމިން އެއް،" ރާއްޖޭގެ އެންމެ ގިނަ ފުލް މެރަތަން ދުވުމުގެ ރެކޯޑް ހޯލްޑަރު، ނަސްރު ބުންޏެވެ.
ބެންގަލޫރު މެރަތަން އިން ވަނައެއް ހޯދައި، މެޑަލެއް ލިބުނުނަމަ ނަސްރު އަމާޒު ކަނޑައަޅައިގެން ހުރީ އެ ކާމިޔާބީ ހާއްސަ ސިފައެއްގައި ފާހަގަކުރުމުގެ ބޭނުމުގައި މެޑަލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ހަދިޔާ ކުރުމަށެވެ.
ސިފައިންގޭގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގަ އެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ.
ނަސްރު، މި ވަގުތު އަމާޒުހިފައިގެން ހުރީ މެރަތަން ދުވެގެން ސަރަަހައްދުގެ ނޫނީ ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވުމެވެ. އެ ދަތުރުގައި އޭނާ އަމާޒަކީ އާ ދުވުންތެރިން އުފައްދައި، ގިނަ ދުވުންތެރިންނަށް ކޯޗުކޮށްދީގެން އިންޓަނޭޝަނަލް އިވެންޓްތަކަށް ގެންގޮސް ރާއްޖެ އަށް ރީތި ނަން ހޯދައިދޭން މަސައްކަތްތައް ކުރުމެވެ. މި މަސައްކަތުގައި މިހާތަނަށް ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބެންގަލޫރު މެރަތަންގައި ދުވި ރިޝްމީގެ ކޯޗަކީ ވެސް ނަސްރު އެވެ.
Comment