10 އޭޕްރީލް 2022 - 01:59 0
ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން
10 އޭޕްރީލް 2022 - 01:59 0
ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ޕާލިމެންޓުން މިރޭ ފާސްކޮށް އެ މަނިކުފާނު މަގާމުން ދުރުކޮށްފި އެވެ.
އާ ބޮޑުވަޒީރަކު ޕާލިމެންޓުން އައްޔަންކުރާނެ އެވެ.
ދެ ހާސް އަށާރައިގައި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން، 69 ގެ އިތުބާރު ނެތް ކަމަށް ފާސްވީ 342 މެމްބަރުންގެ ތެރެއިން 174 މެމްބަރުންގެ ވޯޓުންނެވެ. މިއީ ޕާކިސްތާނުގެ ތާރީހުގައި ގާނޫނު ހަދާ މަޖިލީހުގެ ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން، މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރެވެ.
އިމްރާން ޚާން މަގާމުން ދުރުކުރަން ނެގި ވޯޓުގައި އެ މަނިކުފާނުގެ ޕާޓީ، ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) މެމްބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވައި، ބޭރަށް ނުކުމެވަޑައިގަތެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅުމުން އެޖެންޑާނުކޮށް މައްސަލަ ބޭރުކޮށްލި އެވެ. އެއަށްފަހު އިމްރާން ޚާން ވަނީ ޕާލިމެންޓް އުވާލުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއާ އެކު ޕާލިމެންޓު އުވާލިކަމަށް ކަނޑައަޅައި، އާ އިންތިހާބަކަށް ތައްޔާރުވަމުންދާ ކަމަށް އިމްރާން ހާން ވިދާޅުވި އެވެ.
އެ މައްސަލައި ސުޕްރީމް ކޯޓުން ނިންމީ، ޕާލިމެންޓް އުވާލީ ވެސް އަދި ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ ވެސް ގޯސްކޮށް ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފަހު، އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށް ވޯޓާ ހަމައަށް ދެވުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެވެ.
އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމަނުޖެހޭ ކަމަށާއި އިގްތިސާދު ވެސް މެނޭޖު ނުކުރެވޭ ކަމަށް ތުހްމަތުކޮށްފަ އެވެ.
އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުގެ އިދިކޮޅު ގްރޫޕްތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަނީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އެމެރިކާ އާ އެއް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅޭތީ ކަމަށެވެ. އެގޮތުން, ޗައިނާ އާއި ރަޝިއާގެ މައްސަލަ ފާހަގަކުރެއްވި އެވެ.
ޕާކިސްތާނުގެ ދާހިލީ ކަންކަމަށް އެމެރިކާއިން ނުފޫޒު ފޯރުވާ ކަމަށް ވެސް އިމްރާން ޚާން ވަނީ ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިމްރާން ޚާނަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު މަގާމުން ވަކިވެއްޖެ ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ނަމަވެސް އެމެރިކާއިން އެކަން ދޮގުކުރެ އެވެ.
ޕާކިސްތާނުގެ ތާރީހުގައި އެއްވެސް ބޮޑުވަޒީރަކު ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެ އެވެ.
Comment