7 އޭޕްރީލް 2022 - 16:52 0
އަހުމަދުﷲ އަބްދުލްހާދީ
ގަލޮޅު ދަނޑު: އެތަން ތަޅާލައި އެތަނުގައި އާ ދަނޑެެއް އަޅަން ޔޫތު މިނިސްޓްރީން ނިންމީ އިންޑިއާގެ އެހީތެރިކަމާއެކު. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
7 އޭޕްރީލް 2022 - 16:52 0
ގަލޮޅު ރަސްމީ ދަނޑު ތަޅާލައި އެ ދަނޑު ހުރި ސަރަހައްދުގައި އިންޑިއާގެ އެހީތެރިކަމާއެކު އާ ދަނޑެއް އެޅުމުގެ މަޝްރޫއުއާ ގުޅޭގޮތުން ސުވާލުކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކުރަން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވައިފި އެވެ.
މީކާއިލް ހުށަހެޅުއްވީ ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި އާ ދަނޑެއް އަޅަން ޔޫތު މިނިސްޓްރީން ނިންމާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާ އެކަމުގެ މަޝްވަރާކުރަން ރާވާފައިވަނީ ކޮން އިރަކުތޯއާ އަދި އެ ދަނޑު އެހެން ސަރަހައްދެއްގައި އެޅުމަށް މިނިސްޓްރީގެ އެއްވެސް ވިސްނުމެއް ހުރިތޯ ބެލުމަށެވެ.
މިނިސްޓަރު މަހުލޫފާއި އެ ދެ ސުވާލުކުރައްވަން މީކާއިލް ހުށަހެޅުއްވީ، އާ ދަނޑު އެޅުމުގެ ކަންކަމުގައި އެ ސަރަހައްދުގެ ރައްޔިތުންނާ މިނިސްޓްރީން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ އެވެ.
ޔޫތު މިނިސްޓްރީން ވަނީ ގަލޮޅު ދަނޑު ތަޅާލައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެ ދަނޑު އަލުން އެޅުމަށް ނިންމައި، އެކަމުގެ ކުރެހުންތައް ވެސް އާންމުކޮށްފަ އެވެ. އެގޮތަށް ނިންމާފައިވަނީ މިހާރު ހުރި ދަނޑު ބާވެ، ބޭނުންކުރުމަށް ނުރައްކާތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.
އެކަމަކު އެ ސަރަހައްދުގައި އާ ދަނޑެއް އެޅުމުން، މާލޭގެ ޓްރެފިކަށް ދަތިވެ، އެ ބިމުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވޭނެކަމަށް ބައެއް އަންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
އަދި ރަސްމީ ދަނޑެއް މާލޭގެ ތޮއްޖެހިފައިވާ މާހައުލުގެ މެދުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެ ފަރާތްތަކުން ގޮވާލަނީ، ދަނޑު ތަޅާލައި، އެތަނުގައި އެހެން ބޭނުންތެރި އިމާރާތެއް އެޅުމަށެވެ. ނުވަތަ އެތަން އާންމުންނަށް ބޭނުންކުރެވޭނެހެން ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ.
Comment