Advertisement

ނަބީހު ފައިނަލް ގައި ކިޔަވައިފި، ދެމަފިރިންގެ އުންމީދު އުހުގައި

7 އޭޕްރީލް 2022 - 12:56 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ނަބީހު، އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއެކު: މުބާރާތް ނުނިމެނީސް ނަބީހުގެ ކިޔެވުމަށް ދުބާއީގެ ބައެއް އިދާރާތަކުން ޝައުގިވެރިކަން ވަނީ ފާޅުކޮށްފައި -- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް


ނަބީހު ފައިނަލް ގައި ކިޔަވައިފި، ދެމަފިރިންގެ އުންމީދު އުހުގައި

7 އޭޕްރީލް 2022 - 12:56 1

ދުބާއީގައި މުޅި ދުނިޔެއަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ގުރުއާން މުބާރާތުގައި 19 އަހަރުގެ ހާފިޒް، އަހުމަދު ނަބީހު ހޯދަމުން އަންނަ ކާމިޔާބީގެ ވާހަކައިން ސުވާލުކޮށްލުމުން ބައްޕަ، އަބްދުލް ގާދިރު ގާސިމުގެ ބަސް ހުއްޓުނެވެ. ސިވިއާ އޯޓިޒަމްގެ ސަބަބުން، ސާފުވާހެން ރީތިކޮށް ވާހަކަ ދައްކަން ވެސް ނޭނގޭ އޭނާގެ ދަރިފުޅަށް އެވަރުގެ ބޮޑު މުބާރާތެއްގައި ވާދަކޮށް، ދުނިޔޭގެ ތައުރީފު އޮހެން ފެށުމުން އެކަމާ އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަށް ނުވިސްނުނެވެ.

"އަޅުގަނޑާއި އަންހެނުން ވެސް ހައިރާންވޭ ނަބީހު އެ ދައްކާ ހުނަރު ފެނިފަ. އެއީ އާދައިގެ ކަމެއް ނޫން. ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން ދެމަފިރިންގެ މަސައްކަތެއް، އަތެއް އެކަމުގައި އޮވެގެންނެއް ނޫން. މާތް ރަސްކަލާނގެ ނަބީހު އަށް ދެއްވި އާދަޔާ ހިލާފު ހެޔޮކަމެއް އެއީ،" މާލޭގައި ހުރެ، ނަބީހުގެ ކިޔެވުން އަޑުއަހާފައި ހިތުގައި އުތުރި އެރި ޝުއޫރުތައް ބަންޑުންކޮށްލަމުން ގާދިރު ބުންޏެވެ.

"ސާދަ ވަނަ ދުވަހު އެބަ އޮތް ނަތީޖާ ފާޅުކުރުން. އުންމީދަކީ އެއް ވަނަ ނުވަތަ ދެވަނަ ލިބުން."

މަންމަ، އާމިނަތު އަހުމަދާއި ދައްތައަކާ އެކު ގުރުއާން މުބާރާތަށް ދުބާއީ އަށް ގޮސް ހުރި ނަބީހު އިއްޔެ މުބާރާތުގެ ފައިނަލްގައި ވެސް ކިޔަވައިފި އެވެ. މުބާރާތުގައި ނަބީހުގެ ކިޔެވުންތައް ރީތިވެގެން އެ މުބާރާތަށް ދިޔަ އެކި ގައުމު ތަކުގެ މީހުން އޭނާ އަށް ތައުރީފުކޮށްފައިވާއިރު، ދުބާއީގެ ރޭޑިއޯ ޗެނަލަކަށް ގުރުއާން ރިކޯޑުކުރުމުގެ ފުރުސަތު ވެސް ނަބީހު އަށް ވަނީ ލިބިފަ އެވެ.

ގާދިރު ބުނީ، ނަބީހު އަށް ލިބުނު ފުރުސަތާއެކު އިންތިހާ އަށް އުފާވި ނަމަވެސް، ނަބީހުގެ ހާލަތު ހުރިގޮތުން އެކަމުގައި ކުރިއަށް ދެވޭނީ ކިހާ ހިސާބަކަށް ކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

"އެހެންވީމަ، ނަބީހު އަށް ލިބޭ ކާމިޔާބީތަކާ މެދު އުފާވުމަށްވުރެ ބޮޑަށް އަޅުގަނޑުމެން ދެމަފިރިންގެ ހިތް އޮތީ އޭނާއަށް އެކަންކަން ދެއްވާ ފަރާތަށް ޝުކުރުން ފުރިފަ،" ގާދިރު ބުންޏެވެ.

އޯޓިޒަމްގެ އެންމެ އުނދަގޫ އަލާމާތްތަކާ އެކު އުފަންވި ނަބީހް އަކީ ފަސޭހައިން މޫޑް ބަދަލުވެ، އިހުސާސްތައް ކިޔައިދޭން ނޭނގުމުގެ ސަބަބުން ރުޅި އައިސް ރުޅި ކޮންޓްރޯލް ކުރުމުގައި އުނދަގޫތަކެއް ހުންނަ ކުއްޖެކެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އޭނާ އަށް ހިމޭންކަން ލިބެނީ ގުރުއާން ކިޔެވުމަށް ހުންނަ ޝައުގުވެރިކަމާއި ގުރުއާން ދަސްކުރުމަށް ހޭދަކުރާ ވަގުތުތަކުގަ އެވެ.

"ނަބީހު އަށް ގިނަ ވަގުތު އެއް ކަމެއް ނުކުރެވޭނެ. ގުރުއާން ދަސްކުރުމުގައި ވެސް އަޑު އެހުމުގެ ބައި ބޮޑަށް އިންނަނީ. ފަނަރަ މިނިޓު ވެސް އެއްތަނެއްގައި ނީންނާނެ. އެހެންވީމަ މި ބުނަނީ، އޭނާ އަށް އާދެވިފައި އެ ހުރި ހިސާބަކީ މާތްކަލާންގެ އިރާދަފުޅުން އާދެވިފައި ހުރި ހިސާބެކޭ،" ގާދިރު ކިޔައިދިނެވެ.

މިމަހުގެ ސާދަ ވަނަ ދުވަހަށް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން ތާވަލުކޮށްފައި އޮތް އިރު، މިހާތަނަށް ނަބީހުގެ ކިޔެވުމަށް ލިބިފައިވާ ތަރުހީބާއި ތައުރީފަށް ބަލާއިރު މުބާރާތުގެ މޮޅު ތިންވަނައިގައި ނަބީހު ހިމެނުމުގެ ޗާންސު ބޮޑެވެ. އެފަދަ ވަނައެއް ނަބީހު ހޯދައިފި ނަމަ އެއީ ނަބީހުގެ އާއިލާ އާއި ރާއްޖެ އަށް ވެސް ލިބޭނެ ރީތި ނަމެކެވެ.