Advertisement

ޖުމްހޫރީ ޕާޓީއަށް ވަންނަން ރައީސް ނަޝީދު އިރުޝާދު ދިން: މަހުލޫފް

4 އޭޕްރީލް 2022 - 12:45 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަހްލޫފް: ވިދާޅުވީ އޭނާ އެމްޑީޕީއަށް ވަނުމަށް ރައީސް ނަޝީދު ބޭނުންވެވަޑައިނުގެންނެވި ކަމަށް -- ފޮޓޯ: ފައިލް


ޖުމްހޫރީ ޕާޓީއަށް ވަންނަން ރައީސް ނަޝީދު އިރުޝާދު ދިން: މަހުލޫފް

4 އޭޕްރީލް 2022 - 12:45 1

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގަޅޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިރުޝާދު ދެއްވި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އޭރު މަހްލޫފް ހުންނެވި ޕީޕީއެމުން އޭނާ ވަކިކުރީ އެވެ. އެ ފަހުން އޭނާ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވެސް ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު ސަރުކާރު ނިމެންދެން އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވަ އެވެ.

މި ރޯދަ މަހު "އަދަދު" ނޫހުން ކުރިއަށް ގެންދާ "ކުޅިކޮށް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ޕީޕީއެމުން ވަކިވުމާއެކު އޭނާއަށް ފޯނުން އެންމެ ގިނައިން ގުޅުއްވި އެއް ބޭފުޅަކީ ނަޝީދު ކަމަށެވެ.

"ޕީޕީއެމުން އަޅުގަނޑު ވަކި ކުރި ހިސާބުން އެ ދުވަހު ރައީސް ނަޝީދު އަޅުގަނޑަށް ވަރަށް ބައިވަރު ފަހަރު ގުޅުއްވި، ގާސިމް އިބްރާހީމްއާއި އެމްޕީ އިލްހާމް [އަހްމަދު] ވެސް ގުޅުއްވި، ނަޝީދު ވިދާޅުވި ވާހަކައެއް ޖޭޕީއަށް ދިއުން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި، ނަޝީދުއާއި މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކުއާ އެއް ތާކުން އޭނާ ބައްދަލު ކުރެއްވި އެވެ. ޖޭޕީއާ ގުޅިވަޑައިގަތުމުގެ އިރުޝާދު ނަޝީދު ދެއްވީ އެ ދުވަހު އެވެ. އޭރު އެމްޑީޕީއާއި ޖޭޕީ މަސައްކަތް ކުރަމުން ގެންދިޔައީ އެކުގަ އެވެ.

"ރައީސް ނަޝީދު ވިދާޅުވި، ގާސިމް ގުޅުއްވާނެއޭ، ގާސިމް ވިދާޅުވާ ގޮތަކަށް ކުރިއަށް ދާށޭ، ރައީސް ނަޝީދު އޭރު އަޅުގަނޑަށް ދެއްވި އެޑްވައިސްއަކީ މަހްލޫފް ޖޭޕީއާ ގުޅޭށޭ، އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް،" އެ ބައްދަލުވުމުގެ ތަފްސީލް މަހްލޫފް ދެއްވި އެވެ.

މަހްލޫފް ވިދާޅުވީ، ނަޝީދުގެ އެ އިރުޝާދަކީ އޭނާއަށް އެއްވެސް ގޮތަކަށް ހިތްހަމަޖެހިވަޑައިގަތް އިރުޝާދެއް ނޫން ކަމަށެވެ. ޕީޕީއެމް ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި އަބަދުވެސް މަހްލޫފް ބޭނުުންވި އިހުތިޔާރަކީ އެމްޑީޕީ އެވެ.

"ރައީސް ނަޝީދުއާއި ރައީސް ސޯލިހްއާ ދެ ބޭފުޅުން އެކުގައި ޕްރޮސް ކޮންފެރެންސްއެއް ބާއްވާފައި ސޮއިކޮށްލާނެ ފުރުސަތު ވެސް ނުލިބުނީމައި، އަޅުގަނޑު އެއް ރޭ ދަންވަރު ގޮސް ރައީސް ދިރިއުޅުއްވާ ގެކޮޅަށް ގޮސް ފޯމު ހަވާލުކުރީ ވެސް،" މަހްލޫފް ހިއްސާ ކުރެއްވި އެވެ.

މަހްލޫފް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ފުރަތަމަ ފެތުރުނީ އެސްއީޒެޑް ބިލް މަޖިލީހުގައި އޮތް ދުވަސްވަރުގަ އެވެ. އެ ބިލަށް ވޯޓު ދެއްވަން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި ކަމުގެ ތުުހުމަތުގައި މަހްލޫފްގެ މައްޗަށް ދައުވާ ވަނީ އުފުލާފަ އެވެ.

އެމްޑީޕީ އެތެރޭގައި މަހްލޫފް ފެއިލް ކޮށްލަން ބޭނުންވާ ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ހިޔާނާތުގެ ތުހުމަތު ބޮލުގައި އަޅުވައި، ބޭޒާރުކޮށްލަން މަސައްކަތް ކުރަނީ އެ ބަޔަކު ކަން ރައީސް ސޯލިހްއާއި ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފްއާ ދެކޮޅަށް ސިޔާސީ ބޭނުމެއްގައި އެފަދަ ކަންކަން ރާވަނީ ކަމަށް އޭނާ ތުހުމަތު ކުރިއަސް އެ ކަމެއްގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ވިދާޅެއް ނުވެ އެވެ. މި ނޫހުގެ ޕްރޮގްރާމްގައި ވެސް އޭނާ ވިދާޅުވީ "ސީދާ ނަން ބުނަން ޖެހޭ ދުވަސް އައިމަ ނަން ވެސް ބުނާނަން" ކަމަށެވެ.