Advertisement

ރަށު ނޯޓު: ހއ. އުތީމު

3 އޭޕްރީލް 2022 - 13:37 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ރަށު ނޯޓު: ހއ. އުތީމު

3 އޭޕްރީލް 2022 - 13:37 0

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ސުކޫލު ދައުރު ނިންމާލާ ދަރިވަރަކަށް 'އުތީމު' ނޭނގިއެއް ނޯންނާނެ އެވެ. ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްވާން ކުރި މަސައްކަތުގެ ވާހަކަ ސާނަވީގެ ދިވެހި ފޮތުގައި ކިޔައިދޭއިރު ކިޔައިދެނީ އުތީމުގެ ތިން ޒުވާނުންގެ ވާހަކަ އެވެ. ތާރީހީ ބިނާތަކުގެ މައުލޫމާތުގައި ކިޔައިދެނީ އުތީމު ގަނޑުވަރުގެ ވާހަކަ އެވެ.

ރާއްޖޭގެ އެންމެ އުތުރުން، ތިލަދުންމަތީ އުތުރުބުރީގައި އޮންނަ އުތީމުގެ ބޮޑުމިނަކީ 49.1 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ A14 އެވެ.

ނަވާރަ ސަތޭކަ އައްޑިހަ ފަސް ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުން ދައްކާގޮތުން އުތީމުގެ އޭރުގެ ރަށްވެހިންގެ އަދަދަކީ 379 އެވެ. އެއީ 202 އަންހެނުންނާއި 177 ފިރިހެނުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު އާބާދީގައި ތިބީ 476 އަންހެނުންނާއި 475 ފިރިހެނުންނާއެކު ޖުމުލަ 950 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް އާބާދީއަކީ 502 އަންހެނުންނާއި 491 ފިރިހެނުންނާއެކު ޖުމުލަ 993 މީހުންނެވެ.

އުތީމުގެ ރަށްވެހިން އާމްދަނީ ހޯދުމަށްޓަކައި ކޮށްއުޅޭ އެންމެ އާންމު މަސައްކަތަކީ ފަންގިވިނުމެވެ. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް ހަދައި، ކޮންޓްރެކްޓްތައް ނަގައިގެން މަސައްކަތްކުރުމަކީ ވެސް އާމްދަނީ ހޯދަން ކުރާ އެއް މަސައްކަތެވެ. މީގެ އިތުރުން އޮންނަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި، އަމިއްލަފަރާތްތަކުގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރުމެވެ.

ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ އާންމު ވިޔަފާރީގެ އަށް ފިހާރައެއް ހުރެ އެވެ. މިއީ އާބާދީގައި ހާހެއް ހަމަނުވާ މިރަށަށް ބަލާއިރު ވިޔަފާރިއަށް ދަތިނުވާނޭ ހެޔޮވަރުގެ އަދަދެކެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެއް މިރަށުގައި ރަޖިސްޓްރީކޮށްފައި ހުރެ އެވެ.

ގިނަ ބަޔަކު ޒިޔާރަތްކުރާ މި ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ އެންމެ ގެސްޓްހައުސް އެކެވެ. އެހެން ނަމަވެސް ރަށަށް ޒިޔާރަތްކުރާ މީހުންނަށް ކުއްޔަށް ދޭން އެކި ގޭގެގައި ކޮޓަރިތައް ހާއްސަ ކުރެވިފައި ހުރެ އެވެ. ކައިރި މުސްތަގުބަލެއްގައި އިތުރު ގެސްޓްހައުސްތައް ވެސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ދެންނެވި ބާވަތްތަކުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިއެއް މި ރަށުގައި ރަޖިސްޓްރީވެފައެއް ނެތެވެ.

ޕޯޗްގީޒުންގެ އަޅުވަތިކަމުން ރާއްޖެ ސަލާމަތްކުރަން އަތުން ރާއްޖެ އަތުލުމަށް އުތީމުގެ ހަތަރު ބަތޮލުން ދަތުރުކުރެއްވި ކަޅުއޮއްފުންމީގެ ޑިޒައިނަށް އެ ރަށުގައި ހަދާފައިވާ މޮނިއުމެންޓް. -- ފޮޓޯ:އެމްއައިޓީޑީސީ


ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެ ހުރީ މިރަށުގަ އެވެ. އެއީ އުތީމު ހަތަރު ބެއިންގެ ބައްޕާފުޅު ހުސައިން ޚަޠީބު ތަކުރުފާނުގެ ގެ ނުވަތަ އުތީމު ގަނޑުވަރެވެ. މި ގެ އިމާރާތް ކުރެވުނު ފަހުން ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަވެދާނެ އެވެ.

އެޗްސީޕީބެލް އޭނާގެ މޮނޮގްރާފްގައި ބަޔާންކޮށްފައި އޮންނަ ގޮތުން އުތީމު ދަރިކޮޅަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި ތިން ވަނަ ދަރިކޮޅެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ހަސަން ކަލޭގެ އާއި ހަމައިންނެވެ. ތާރީހީ އެކި ލިޔުންތަކުގައި އުތީމު ދަރިކޮޅު ރަސްކަން ކުރެއްވި މުއްދަތު ތަފާތު ވެއެވެ. ހަސަން ތާޖުއްދީނުގެ ތާރީހު ފޮތާއި، ރާދަވަޅި އަށް ބުރަވެ، އެޗްސީޕީބެލް ލަފާ ކުރައްވާ ގޮތުގައި އުތީމު ދަރިކޮޅުގެ ހަތް ރަސްކަލުން 131 އަހަރާއި އަށް މަސް ދުވަހު ރާއްޖޭގެ ވެރިކަން ކުރައްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ތާރީހާ ގުޅިފައި އޮތް މި މުހިންމު ރަށަށް ދިމާވެފައިވާ ރަށްވެހިކަމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. ރަށުގެ ހުޅަނގު ފަރާތް ގިރަމުންދަނީ ހިފެހެއްޓުމެއް ނެތި އެވެ. ކުނި ނައްތާލެވޭނޭ ނިޒާމެއް ރަށުގައި ގާއިމުކުރެވިފައިނުވާއިރު ހަލާކު ނުވާ ބާވަތުގެ ކުނި ރަށުން ބޭރުކުރެވޭނޭ ގޮތެއްވެސް ހަމަޖެހިފައި ނުވެ އެވެ. ރަށުގައި އެކަށީގެންވާ ސިއްހީ ހިދުމަތެއް ލިބޭކަށް ނުހުރެ އެވެ.

ހއ. އުތީމު:މި ރަށަށް ނިސްބަތްވާ، އުތީމު ދަރިކޮޅުގެ ހަތް ރަސްކަލުން 131 އަހަރާއި އަށް މަސް ދުވަހު ރާއްޖޭގެ ވެރިކަން ކުރައްވާފައިވޭ. -- ފޮޓޯ: އައިލްސް


މި އަހަރުގެ ބަޖެޓަށް ބަލާއިރު، ހއ އުތީމުގައި 12 މަޝްރޫއުއެއް ހިންގުމަށް ބަޖެޓުކުރެވިފައިވެ އެވެ. މީގެ ތެރެއިން އަވިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ބިނާކުރުމުގެ މަސައްކަތާއި، ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި ސުކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އުތީމުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުހަލާގަ އެވެ. އުތީމުގައި ދާރުލްއާސާރު ގާއިމުކުރުމުގެ މަސައްކަތް މިހާރު ޕްރީ ޓެންޑަރިންގ މަރުހަލާގަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ސުކޫލު ބަންދަކީ މިރަށަށް އީދެކެވެ. އުތީމު ގަނޑުވަރު ބަލާލަން ވަރަށް ގިނަ ބަޔަކު މިރަށަށް ޒިޔާރަތްކުރެ އެވެ. ރާއްޖޭގެ ތާރީހުގެ މުހިންމު ބަހާ އަކާ ގުޅިފައި އޮތުމަކީ މިރަށަށް މީހުން ޒިޔާރަތްކުރާ މައިގަނޑު ސަބަބެވެ. ނިސްބަތުން މަދު އާބާދީއެއް އޮތް މިރަށުން މެހެމާނުންނަށް ކިޔާ މަރުހަބާއާއި، ރަށުގެ މާހައުލުންވެސް އިހުސާސުކުރެވޭނީ އުފާވެރިކަމެވެ. އުތީމަށް ކުރާ ޒިޔާރަތަކީ ރާއްޖޭގެ މުއްސަނދި އަދި ފަހުރުވެރި ތާރީހާ ގާތަށް ކުރެވޭނޭ ދަތުރެވެ. ލަންޑަން ބްރިޖާއި، ބުރުޖުހަލީފާ ބަލާލައި އެތަންތަނުގެ ކައިރީގައި ގޮތްގޮތަށް ހުއްޓިތިބެ ނަގާ ފޮޓޯތަކުގެ ބަދަލުގައި މި ޗުއްޓީގައި އުތީމު ގަނޑުވަރު ކުރިމަތީ ހުއްޓިހުރެ ފޮޓޯއެއް ނަގާލުން ކިހިނެއްވާނެ ހެއްޔެވެ.