Advertisement

ހިޔާލު ބަދަލުވެ އަގުއޭރޯ ފުޓްބޯޅަ އަށް އެނބުރި އަންނަން ވިސްނަނީ

1 އޭޕްރީލް 2022 - 09:32 0


ހިޔާލު ބަދަލުވެ އަގުއޭރޯ ފުޓްބޯޅަ އަށް އެނބުރި އަންނަން ވިސްނަނީ

1 އޭޕްރީލް 2022 - 09:32 0

ބީނޯޒް އެރީޒް، އާޖެންޓީނާ (އޭޕްރީލް 1) - ހިތުގެ މައްސަލައެއް ފާހަގަވެގެން ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް އަލުން ފުޓްބޯޅަ ކުޅެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފި އެވެ.

އަގުއޭރޯ، 33، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ޑިސެމްބަރު މަހު 15 ވަނަ ދުވަހު އެވެ. އަގުއޭރޯ ރިޓަޔާކުރަން ލަފާދިނީ ހިތުގެ މައްސަލަތަކުގެ ސަބަބުން އޭނާގެ މެޑިކަލް ޓެސްޓްތައް ހަދަމުން އައި ޑޮކްޓަރުންގެ ޓީމުންނެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ހިތްހުއްޓިގެން ދަނޑުން ބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މިހާރު އަންނަނީ ކްލަބް ލެވަލާއި ގައުމީ ޓީމަށް ވެސް އެންމެ މަތީ ފަންތީގައި ކުޅެމުންނެވެ.

އެރިކްސަން އެނބުރި އައިގޮތަށް އަގުއޭރޯ އަށް ވެސް އަލުން ކުޅެން ފެއްޓިދާނެތޯ، މިދިޔަ ފެބްރުއަރީ މަހު އަގުއޭރޯ އަށް ކުރިމަތިވި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ "އަލުން ފުޓްބޯޅަ ކުޅެން އުޅެފިނަމަ އޭނާގެ ނޭވާ ހުއްޓޭނެ" ކަމަށެވެ.

އެކަމަކު، އަގުއޭރޯގެ އެ ވިސްނުން ބަދަލުވީ ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތަށް އައި ބަދަލުތަކުގެ ސަބަބުންނެވެ.

ބާސެލޯނާގެ މެޗެއްގެ ތެެރެއިން އަގުއޭރޯ.-- ފޮޓޯ: އޭއެފްޕީ


"އިހަކަށް ދުވަހު އަހަންނަށް ކުރެވުނު އިހުސާސަކީ އަހަންނަށް އަދިވެސް ފުޓްބޯޅަ ކުޅެވިދާނެކަން. ޑޮކްޓަރުން އަހަރެން ގާތުގައި ބުނީ ފަހެއް ނޫނީ ހަަ މަސް ދުވަހު ކުޅުމާއި އެފަދަ ހަރަކާތްތަކާ ދުުރުގައި ހުންނަން ލަފާދީފައި. އެކަމަކު، މިހާރު މި ކުރެވޭ އިހުސާސަކީ އަވަހަށް ޓްރެއިނިން އަށް އެނބުރި ނުކުންނަން ބޭނުމީ،" އަގުއޭރޯ ބުންޏެވެ.

"އިންޓަ މިއާމީ އިން އަހަންނަށް ހުށަހެޅުން ލިބުނު. އެކަން މި ވަގުތު ނުވީ. އެކަމަކު، ކިހިނެއް އެނގެނީ ދެ އަހަރެއް ފަހުން ވާނެ ގޮތެއް. ބަލަން ތިބެމާ،" ޑޭވިޑް ބެކަމްގެ ހިއްސާ އޮތް އިންޓަ މިއާމީ ޓީމުގެ އޮފާއެއް ލިބުނުކަން ކަށަަވަރު ކޮށްދެމުން އަގުއޭރޯ ބުންޏެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން މެންޗެސްޓާ ސިޓީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ޓީމުގެ ޖޯޒީގައި ކުޅެވުނީ ފަސް މެޗެެވެ.

އަގުއޭރޯ، ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަަތަމަ ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެއީ ރަސްމީ ފުޓްބޯޅަ މެޗެއްގައި އަގުއޭރޯގެ އެންމެ ފަހުގެ ފެނިލުމެވެ.

ގަތަރުގައި މި އަހަރު ނޮވެމްބަރު/ޑިސެމްބަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ދާ އާޖެންޓީނާގެ ސްކޮޑުގައި އޮފިޝަލެއްގެ ގޮތުގައި އަގުއޭރޯގެ ނަން ހިމަނަން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ.