Advertisement

ވިސްނުމަކީ އޮލިމްޕިކް ކޮމިޓީގެ ގިނަ ހަރަކާތްތައް ރަށްރަށަށް ގެންދިއުން

29 މާރިޗު 2022 - 09:29 0

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ، އަހަރީ އާންމު ޖަލްސާގެ ތެރެއިން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވިސްނުމަކީ އޮލިމްޕިކް ކޮމިޓީގެ ގިނަ ހަރަކާތްތައް ރަށްރަށަށް ގެންދިއުން

29 މާރިޗު 2022 - 09:29 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ރާވާއިރު ވިސްނުމަކީ ގިނަ ހަރަކާތްތަކެއް ރަށްރަށުގައި ކުރިއަށް ގެންދިއުން ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އޮލިމްޕިކް ކޮމިޓީގެ މިދިޔަ ދައުރުގެ އަހަރީ އާންމު ޖަލްސާއެއްގެ އިތުރުން ގިނަ ހަރަކާތްތަކެއް ބ. ގޮއިދޫގައި ކުރިއަށް ގެންދިޔަ އެވެ. ބާމިންހަމްގައި އަންނަ ޖުލައި މަހު ފަށާ ކޮމަންވެލްތު ގޭމްސް 2022 ގެ ކުއީންސް ބެޓަން ރިލޭގެ ގިނަ އިވެންޓްތަކެއް މި އަހަރު ކުރީކޮޅުގައި ހދ. ނޮޅިވަރަންފަރާއި ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓިގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަމޫ ވިދާޅުވީ މީގެ ކުރިން ވެސް އޮލިމްޕިކް ކޮމިޓީގެ ބައިވަރެއް ހަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާއިރު، ވިސްނުމަކީ އެ އަދަދުތައް ކުރިއަށް އޮތްތަނުގައި އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ވެސް އުންމީދަކީ ވެސް މުޅި ރާއްޖެ އަށް، އޮލިމްޕިކް ކޮމިޓީގެ ގިނަ ހަރަކާތެއް ގެންދިއުން. ގިނަ ރަށްރަށް ހިމަނައިގެން ބައިވެެރިކުރެވޭ ވަރަކަށް ކޮށްގެން ކުރިއަށްދިއުން. މިހާރުގެ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ހުރިހާ ކަމެއް ލާ މަރުކަޒީކޮށް މި ދަނީ. އޮލިމްޕިކް ކޮމިޓީ، ކުޅިވަރުގެ މައި އިދާރާ ކަމަށްވާއިރު، އަޅުގަނޑުމެން އެބަޖެހޭ ރަށްރަށާ ހިސާބަށް (ގިނަ ކަންކަން) ފޯރުކޮށްދޭން،" ތަމޫ ވިދާޅުވި އެވެ.

ރަށްރަށުގައި ކުރިއަށްގެންދަން ރޭވިފައި ހުރި ޕްރޮގްރާމްތަކަށް އަލި އަޅުވާލައި، ތަމޫ ވިދާޅުވީ "ޗެމްޕިއަން އޮފް ޗެމްޕިއަންސް" އަކީ ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ މުހިންމު ކަމެއް ކަމަށެވެ.

"އެ ޕްރޮގްރާމް (ޗެމްޕިއަން އޮފް ޗެމްޕިއަންސް) މި ހިންގީ މާލޭގެ ސްކޫލުތަކުގައި. ދެން މި އޮތީ ރަށްރަށުގައި ހިންގުމުގެ ކަންތައްތައް. ބޮޑަށް ވާހަކަ ދެކެވެނީ، އެ ރަށަކަށް ނިސްބަތްވާ އެތުލީޓަކު އެ ރަށަކަށް ގެންގޮސްގެން (މި ޕްރޮފްރާމް) ގެންދަން،" ތަމޫ ވިދާޅުވި އެވެ.

"އެބަތިބި ރާއްޖޭގެ ނެޝަނަލް ޓީމުތަކުގައި (ވަރަށް ބޮޑެތި ސްޓަރަގްލް ކުރި) ރަށްރަށުގެ ކުދިން. އެ ކުދިން ގެންގޮސްގެން، އެ ކުދިން މިހާރު ތިބި ހިސާބަށް އައި ގޮތް ކިޔައިދިނުން އަސްލު މީގެ ބޭނުމަކީ، މިއީ ވަރަށް މުހިންމު ކަމެއް. ކުރަން ޖެހޭ ވެސް ކަމެއް،"

އޮލިމްޕިކް ކޮމިޓީން ކުޅިވަރު އެސޯސިއޭޝަންތަކަށް ކޯސްތަކާއި އެހެނިހެން މުހިންމު ފުރުސަތުތައް ހޯދައިދޭއިރު، މީގެއިން ޔޫތު ލެވަލުން ފެށިގެން ކުޅުންތެރިން ޑިވެލޮޕްކުރެވޭނެ ގޮތްތަކެއް އަބަދުވެސް ހޯދަމުން އަންނަ ކަމަށާއި ކުޅިވަރުތަކުގެ މަތީ ހަރުފަތުގައި ޒުވާން ކުޅުންތެރިންތަކެއް ފެންނަން ހުރުމަކީ އެސޯސިއޭޝަންތަކުން ޔޫތަށް ފޯކަސް ކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމުގެ ހެއްކެއް ކަމަށް ތަމޫ ފާހަގަކުރެއްވި އެވެ.