Advertisement

ސައީދާއި ޣައްސާނު ބަންދުކުރުމުން މަޖިލީހުން އަޅަައިނުލިކަމުގެ ޝަކުވާ ހުށަހަޅައިފި

27 މާރިޗު 2022 - 13:39 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހުކުރުދުވަހު ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ހައްޔަރުކުރަނީ. އޭނާއާއި ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނު ހައްޔަރުކުރުމުން މަޖިލީހުން އަޅައިނުލި މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައި.


ސައީދާއި ޣައްސާނު ބަންދުކުރުމުން މަޖިލީހުން އަޅަައިނުލިކަމުގެ ޝަކުވާ ހުށަހަޅައިފި

27 މާރިޗު 2022 - 13:39 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކުރުމުން، މަޖިލީހުގައި އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް އަަމަލުނުކުރި މައްސަލަ ބަލައިދޭން އެދިވަޑައިގެން، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ޝަކުވާ ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އަނިޔާވެރިކޮށް ކަމަށެވެ. ހައްޔަރުކުރުމުގެ ކުރިން އެ ދެ މެމްބަރުންގެ މޫނަށް ޕެޕަސްޕްރޭ ޖަހައި، ދެއަތުގައި ބިޑިއެޅުވި ކަމަށާއި އެ ދެ މެމްބަރުން 24 ގަޑިއިރަށް ބަންދުކުރި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާއި ހަވާލާދެއްވައި އެ ސިޓީގައި އާދަމް ޝަރީފު ވިދާޅުވީ މެމްބަރަކު ހައްޔަރުކުރިކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފި ނަމަ އެކަން ބަލަން މަޖިލީހުގެ އިމްތިޔާޒް [އަދި ސުލޫކު]ކޮމިޓީގެ މެމްބަރުން އެއްކުރަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދާ ހަވާލާދެއްވައި އޭނާ ވިދާޅުވީ މެމްބަރަކު ބަންދުކުރަން ޖެހިގެން ބަންދުކުރިނަމަވެސް އެއްގަޑިއިރުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) އެއްގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބައްލަވައިދެއްވުން އެދެމެވެ،" މަޖިލީހުގެ ރައީސަށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީއާ އާއްމުކުރައްވަން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ އެއްވެސް އިންޒާރެއް ނެތި މީހުން ހައްޔަރުކޮށް ބިޑިއަޅުގައި 24 ގަޑިއިރު ވަންދެން ބަންދުގައި ބޭތިއްބި މައްސަލަ މަޖިލީހުން ބަލަން ޖެހޭނެ ކަމަށެވެ.