27 މާރިޗު 2022 - 08:37 0
އެރިކްސަން ރޭގެ މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 މާރިޗު 2022 - 08:37 0
އަމްސްޓެޑަމް (މާޗް 27) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހިތްހުއްޓިގެން ދަނޑުން ބޭލި ކްރިސްޓިއަން އެރިކްސަން ޑެންމާކް ޖޯޒީގައި އެނބުރި އައި މެޗުގައި ރޭ ނެދަލެންޑްސް ކޮޅަށް ގޯލު ޖަހައިފި އެވެ.
ޔޫރޯގައި ފިންލެންޑާ ކުޅުނު މެޗުގައި ދިމާވި ހާދިސާ ހިނގިތާ 287 ދުވަސް ފަހުން އެރިކްސަން ރޭ ޑެންމާކު ޓީމަށް ކުޅެން ނުކުތީ ބަދަލެއްގެ ގޮތުގަ އެވެ. ކުޅެން ނުކުތްތާ ދެ މިނިޓް ތެރޭ އުމުރުން 30 އަހަރުގެ އެރިކްސަން ވަނީ ގޯލު ޖަހައިފަ އެވެ. މިއީ ގައުމީ ޓީމަށް ކުޅެދިން 110 މެޗުން އެރިކްސަން ޖެހި 37 ވަނަ ގޯލެވެ. މި ގޯލު އެރިކްސަން އަށް ހާއްސަވާ އެންމެ ބޮޑު އަނެއް ސަބަބަކީ މި މެޗު ކުޅުނީ ކްލަބް ލެވަލްގައި އޭނާ ކުޅުނު އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާގައި ކަމަށްވާތީ އެވެ.
ރޭގެ މެޗުން ނެދަލެންޑްސް ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. އެރިކްސަން ގޯލު ޖެހުމުގެ ކުރިން ފުރަތަމަ ހާފު ނެދަލެންޑްސް އިން އޮތީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ސްޓީވެން ބާގްވައިން، ނޭތަން އަކޭ އަދި މެމްފިސް ޑިޕާއި ނެދަލެންޑްސްގެ ގޯލުތައް ފުރަތަމަ ހާފުގައި ޖެހިއިރު، ޑެންމާކްގެ ގޯލު ޖެހީ ޔަނިކް ވެސްޓެގާޑް އެވެ. އެރިކްސަން ކުޅެން އަރައި ޑެންމާކްގެ ދެ ވަނަ ގޯލު ޖަހައި، އުންމީދެއް ގެނެސްދިން ނަމަވެސް ބާގްވެއިން ވަނީ އިތުރު ގޯލެއް ޖަހައި، ނެދަލެންޑްސް މޮޅުކޮށްދީފަ އެވެ.
ރޭ އިންގްލެންޑުން ކުޅުނު މެޗުގައި ވަނީ 2-1 އިން ސްވިޒަލެންޑް ބަަލިކޮށްފަ އެވެ. ބްރީލް އެމްބޯލޯ ސްވިޒަލެންޑަށް ލީޑުނަގައިިދިން މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޫކް ޝޯ ވަނީ އިންގްލެންޑަށް އެއްވަރުކޮށްދީފަ އެވެ. އިންގްލެންޑް މޮޅުވި ގޯލަކީ ހެރީ ކޭން ޖެހި ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާ އެކު އިންގްލެންޑަށް 53 ގޯލު ޖަހައިގެން ވޭން ރޫނީ ހަދާފައިވާ ރެކޯޑާ ހަމަކުރަން ކޭން އަށް މިހާރު ބޭނުންވަނީ ހަތަރު ގޯލެވެ. ކޭން ވަނީ މިހާތަނަށް 49 ގޯލު ޖަހައިފަ އެވެ.
އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކައި ހަވާޓްޒް އާއި ޓިމޯ ވާނާގެ ގޯލުތަކުން ޖަރުމަނުން 2-0 އިން އިޒްރޭލް ބަލިކުރިއިރު، ސްޕެއިން ވަނީ 2-1 އިން އަލްބޭނިއާގެ މައްޗަށް ކުރިހޯދައިފަ އެވެ. އަޔަލެންޑާއި ބެލްޖިއަމް 2-2 އިން އެއްވަރުވިއިރު، ކްރޮއޭޝިއާ އާއި ސްލޮވީނިއާގެ މެޗު އެއްވަރުވީ 1-1 އިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment