13 އޮކްޓޯބަރު 2025 - 08:42 0
13 އޮކްޓޯބަރު 2025 - 08:42 0
އަމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޫބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފިންލެންޑް އަތުން 4-0 އިން ނެދަލެންޑްސް މޮޅުވި މެޗުގައި ދެއްކި ތަފާތު ކުޅުމާ އެކު، އެ ޓީމުގެ ފޯވާޑް، މެމްފިސް ޑިޕާއި، ގައުމީ ޓީމުގައި ރެކޯޑް ވަރުގަދަކޮށްފި އެވެ.
ނެދަލެންޑްސް ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހަދާފައިވާ ޑިޕާއި، 31، ވަނީ ރޭގެ މެޗުތަކާ އެކު، އެ ޓީމަށް ލަނޑު ޖަހައިދޭން އެންމެ ގިނަ ފުރުސަތު ހޯދައިދިން ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ. ރޭގެ މެޗުގައި ފިންލެންޑް ކޮޅަށް ނެދަލެންޑްސް އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލުގައި ޑިޕާއިގެ ދައުރު އެބައޮތެވެ.
އެ ގޮތުން، ޑިޕާއި ވަނީ ޕެނަލްޓީ އަކުން ގޯލެއް ޖަހައި، އެ ޓީމުގެ ވާޖިލް ވެން ޑައިކް އާއި ޑޮންޔެލް މާލެން ޖެހި ލަނޑުތަކަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ޓީމުން ދެން ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ.
ރޭގެ މެޗުގައި ޑިޕާއި ތަނަވަސްކޮށްދިން ފުރުސަތުތަކުން ޖެހި ގޯލުތަކުން، އޭނާ ވަނީ ނެދަލެންޑްސް ޓީމަށް 35 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. މިއީ، ކުރިން، އެންމެ ގިނަ ފުރުސަތު ހޯދައިދިން ވެސްލީ ޝްނައިޑާ އަށް ވުރެ ދެ ގޯލު އިތުރެވެ. ނެދަލެންޑްސް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ލިސްޓުގެ ކުރީގައި ޑިޕާއި އޮތީ 54 ގޯލު ޖަހައިގެންނެވެ. ކުރިން މި ރެކޯޑް އޮތީ 50 ގޯލު ޖަހައިގެން، ކުރީގެ ފޯވާޑް، ރޮބިން ވެން ޕާސީ އަތުގަ އެވެ.
ބްރެޒިލްގެ ކޮރިންތިއަންސް އަށް ކުޅެމުން އަންނަ ޑިޕާއި އަންނަނީ ފަހަކަށް އައިސް ނެދަލެންޑްސްގެ އެޓޭކުގައި ތަފާތު ދައްކަމުންނެވެ. ކޮލިފައިންގައި ހަ މެޗުން ލިބުނު 16 ޕޮއިންޓާ އެކު، ނެދަލެންޑްސް އޮތީ ކޮލިފައިން ގްރޫޕްގެ އެއް ވަނައިގަ އެވެ.
Comment