Advertisement

ސްޕެއިންގެ މީޑިއާ އަށް ބޭލްގެ ވަރުގަދަ ރައްދެއް

27 މާރިޗު 2022 - 08:40 0


ސްޕެއިންގެ މީޑިއާ އަށް ބޭލްގެ ވަރުގަދަ ރައްދެއް

27 މާރިޗު 2022 - 08:40 0

ލަންޑަން (މާޗު 27) - ސްޕެއިންގެ މީޑިއާތަކުން އަމާޒުވި ފާޑުކިއުންތަކަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ވަރުގަދަ ރައްދެއް ދީފި އެވެ.

މިދިޔަ ހަފުތާގައި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ބަލިވި މެޗުގައި ރެއާލަށް ނުކުޅެ، ވޯލްޑް ކަޕްގެ ކޮލިފައިންގައި ވޭލްސްގެ ގައުމީ ޓީމަށް ކުޅެން އޭނާ ފިޓުވުމުން، ސްޕެއިންގެ މީޑިއާތަކުގެ ފާޑުކިއުންތައް ބޭލް އަށް ވަނީ އަމާޒުވެފަ އެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ "މާސާ" އިން ބޭލް ސިފަކޮށްފައިވަނީ 2013 ވަނަ އަހަރު ރެއާލަށް ގުޅުނު ހިސާބުން ފެށިގެން، އެ ކްލަބުން ދޭ ފައިސާ އަށް އެކަނި ވިސްނާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ބުރާސްފަތި ދުވަހުގެ ރޭ އޮސްޓްރިއާ އަތުން 2-1 އިން ވޭލްސް މޮޅުވި މެޗުގައި ބޭލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ފާޑުކިއުންތަކަށް ރައްދު ދެމުން، ބޭލް ބުނީ މީޑިއާ އިން ފާޑުކިއުންތައް އަމާޒުކުރާއިރު، ޕްރޮފެޝަނަލް އެތުލީޓުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް މި ފަދަ ފާޑުކިއުންތަކުން އަސަރު ކުރާނެ ކަމަށެވެ.

"މީޑިއާގެ ފާޑުކިއުންތަކާ ގުޅިގެން، އެތުލީޓުންނަށް ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ކުރާ އަސަރުތައް އަހަންނަށް ވަރަށް ގާތުން ފެނިއްޖެ،" ބޭލް ބުންޏެވެ. "މި ފަދަ ފާޑުކިއުންތަކަށް މިހާރު ހޭނިއްޖެ. އެކަމަކު, އޭގެ މާނައަކީ މި ފަދަ ފާޑުކިއުންތަކުން އަސަރެއް ނުކުރާ ވާހަކައެއް ނޫން."

ބޭލް ބުނީ ކާމިޔާބެއް ހޯދާއިރު އެންމެ ފުރަތަމަ ކުޅުންތެރިންނާ އެކު އުފާފާޅުކޮށް، ތައުރީފް ކުރަނީ މީޑިއާ އިން ކަމަށެވެ. އެކަމަކު, ކުޅުންތެރިއަކަށް ކިރިޔާ ވެސް ގޯހެއް ހެދޭ ފަހަރަކު، މީޑިއާ އިން އެ ކުޅުންތެރިޔަކާ ޖައްސާލައި، ސަޕޯޓަރުންގެ މެދުގައި ވެސް އެ ކުޅުންތެރިޔަކާ މެދު ނަފްރަތު އުފައްދާ ކަމަށެވެ.

"އެތުލީޓުންނަށް އޮންނަ ޕްރެޝަރު ބޮޑު. އަދި މީޑިއާ އިން ނެގެޓިވްކޮށް އެ ކުޅުންތެރިޔަކާ ޖައްސާލުމުން، އެ ކުޅުންތެރިޔާ އަށް ބޮޑު އަސަރެއް ކުރާނެ،" ބޭލް ބުންޏެވެ.

ރެއާލްއާ އެކު ބޭލް ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ ތެރެއިން ދެ ފައިނަލްގައި، ރެއާލް މޮޅުވި ލަނޑު ޖެހީ ބޭލް އެވެ. ރެއާލާ އެކު 14 ތަށި ކާމިޔާބުކޮށްފައިވާ ބޭލް އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، މި ސީޒަނަށް ފަހު އޭނާ އެ ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. -- އޭއެފްޕީ