Advertisement

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފ. އަތޮޅު ޗެމްޕިއަންކަން ބިލެއްދޫ އާއި މަގޫދޫ އަށް

24 މާރިޗު 2022 - 02:06 0

ބިލެއްދޫ ކުޅުންތެރިން ތަށި ހިފައިގެން-- ފޮޓޯ: ވީއޭއެމް


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފ. އަތޮޅު ޗެމްޕިއަންކަން ބިލެއްދޫ އާއި މަގޫދޫ އަށް

24 މާރިޗު 2022 - 02:06 0

އަތޮޅުތަކަށް ވޮލީ ފުޅާކުރުމަށް ވޮލީބޯލް އެސޯސިއޭޝަނުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކަމަށްވާ ފ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބިލެއްދޫން ހޯދިއިރު، އަންހެން ޑިވިޝަން ތަށި މަގޫދޫ އިން ހޯދައިފި އެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީން ހޯދީ ފައިނަލުގައި މިއަދު ހަވީރު 3-1 ސެޓުން މަގޫދޫ ބަލިކޮށްގެންނެވެ. މިރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި މަގޫދޫން ވަނީ ސީދާ ތިން ސެޓުން ދަރަނބޫދޫގެ ޕާޕަލް ޕަވާސް ޓީމު ބަލިކޮށްގެންނެވެ.

މަގޫދޫ އާއި ބިލެއްދޫން މި ޑިވިޝަންތަކުގެ ތަށި ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކޮންމެ ޑިވިޝަނެއްގައި ވެސް ފަސް ޓީމެއް ބައިވެރިވި އެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 12000 ރުފިޔާ ދިންއިރު، ރަނަރަަޕަށް ވަނީ 5000 ރުފިޔާ ދީފަ އެެވެ.

މަގޫދޫ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބިލެއްދޫން ފުރަތަމަ ސެޓު 17-25 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ސެޓު ގެންދިޔައީ 26-24 އިން މަގޫދޫ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު 25-15 އާއި 25-19 އިން ގެންގޮސް، ބިލެއްދޫން ޗެމްޕިއަންކަން ހޯދީ އެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބިލެއްދޫ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ވެސް ކުޅުންތެރިޔާ، އަހުމަދު ނާފިއު އެވެ.

މަގޫދޫ ޓީމުގެ ކުޅުންތެރިން ފައިނަލް މެޗަށް ފަހު.


މިރޭ ކުޅުނު އަންހެން ފައިނަލުގައި ދަރަނބޫދޫ އަށް މަގޫދޫ ކައިރީގައި މާ ރަނގަޅަށް ކުޅެ، ޗެލެންޖެއް ވެސް ދެވޭވަރުނުވި އެވެ. ކޮންމެ ވެސް ވަރަކަށް ދަރަނބޫދޫން ފުރަތަމަ ސެޓުގައި ހިތްވަރުކުރިއިރު، މަގޫދުން ސެޓު ގެންދިޔައީ 25-23 އިންނެވެ. ދެން ކުޅުނު ދެ ސެޓު ވެސް މަގޫދޫން ވަނީ ފަސޭހަކަމާ އެކު 25-08 އާއި 25-11 އިން ގެންގޮސްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މަގޫދޫގެ އައިޝަތު ރީމާ އެވެ.

އަތޮޅު ވޮލީބޯޅަ މުބާރާތް ފަށައި، ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ. ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލާފައި، ކޮންމެ އަތޮޅެއްގައި އަންހެން އަދި ފިިރިހެން ޑިވިޝަން ވެސް ކުޅޭނެ އެވެ.

އަތޮޅުތަކުގައި މުބާރާތް ބޭއްވުމަށް ފަހު ދެން އޮންނާނީ ޒޯން މުބާރާތެވެ. އެ ގޮތުން ހަތް ޒޯން މުބާރާތް ވެސް ބޭއްވޭނެ އެވެ. ޒޯންތައް ބެހިފައިވާ ގޮތަށް ބަލާއިރު ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ހަތަރެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނެ އެވެ. މި އަހަަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕް ފަށާއިރު، ޒޯނެއްގެ ޗެމްޕިއަނެއް ކަނޑައެޅިފައި އޮވެއްޖެނަމަ އެ ޓީމެއް ބޭނުންނަމަ މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް ކުޅެވޭނެ އެވެ.