21 އޭޕްރީލް 2022 - 10:17 1
ފާތިމަތު އަޖްފާން
21 އޭޕްރީލް 2022 - 10:17 1
"ކޮންމެ ދުވަހަކު ސްކޫލުން އައިސް ބުނާނެ ދެން ސްކޫލަކަށް ނުދާނެމޭ. ކުދިން ވަރަށް މަލާމާތް ކުރެއޭ. މަލާމަތްކުރާތީ ބުނާނެ ކޮއްކޮވެސް ބޭނުންވަނީ މަންމަ ހުންނަ ގޮތަށް ރީތިކޮށް ހުންނާށޭ،"
އުފެދުމުގައި ހުރި އައިބެއްގެ ސަބަބުން ބުލީގެ ޝިކާރައަކަށްވެފައިވާ އުމުރުން 11 އަހަރުގެ ޝައުންގެ މަންމަ އާސިޔާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހިފަހައްޓަމުން، ބުންޏެވެ. ކުއްޖާއާއި މަންމައަށް ކުރިމަތިވެދާނެ މައްސަލަތަކުން ސަލާމަތްކުރުމަށް ޓަކައި މިތާ ބޭނުންކޮށްފައި މިވަނީ އަސްލު ނަމެއް ނޫނެވެ.
ދަރިފުޅަށް ކުރާ މަލާމާތާއި ދެމުންދާ ނަފްސާނީ އަނިޔާ އެނގިހުރެ ވެސް އެކަން ހުއްޓުވެން ނެތްކަން އެނގޭތީ ހިތާމައިގައި އުޅުން ނޫން ގޮތެއް އާސިޔާއަކަށް ނެތެވެ. ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމެންޓުގެ އިސް ވެރިންނާ ވެސް އޭނާ ވާހަކަ ދައްކައިފި އެވެ. އެކަމަކު ލިބުނު ހައްލެއް ނެތެވެ.
ކޮންމެ ދުވަހަކު ދަރިފުޅަށް ލިބެމުންދާ އެ އަނިޔާގެ ވާހަކަ ކިޔައިދޭނެ ހިތްވަރު ހުރި ނަމަވެސް އެކަމާ ކުރިމަތިލައި އެކަން ހުއްޓުވަން އޭނާއާ އެކު މަސައްކަތް ކުރާނެ މީހަކު ނެތެވެ.
"އަސްލު ބެލެނިވެރިންވެސް ދަރިންނަށް ވިސްނައިދޭން ޖެހޭނެ މިކަހަލަ ކަންކަން. ކުދިން ހުންނަ ސިފައަށް މަލާމާތް ކުރުމަކީ ކޮށްގެންވާނެ ކަންކަން ނޫންކަން ޖެހޭނެ ވިސްނައިދޭން. ސްކޫލުތަކުގަ ވެސް ކިޔަވައިދޭން ޖެހޭނެ ބުލީ ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން،" އާސިޔާ ބުންޏެވެ.
މަންމަގެ ރަހިމުގައި ކުއްޔާ އުފެދި ފުރިހަމަވަމުން އަންނަ އިރު މަތީ ތަލި ނުވަތަ ހަރު ތަލީގެ ދެފަރާތް ނުގުޅިއްޖެނަމަ އެދެމެދުގައި ހުސް ޖާގައެއް އުފެދެވެ. "ކްލެފްޓް ޕަލޭޓް" ކިޔަނީ އުފެދުމުގައި ހުންނަ މި އައިބަށެވެ.
ކްލެފްޓް ޕަލޭޓް އަކީ އެހެންވީމާ އުފަންވާއިރު ތުއްތު ދަރިފުޅުގައި ހުރެދާނެ ބައްޔެކެވެ. މިހާލަތުގައި އަނގަޔާއި، ނޭފަތާ ދެމެދު ހުސް ޖާގައެއް އޮވެ އެވެ. އެކަމަކު އެއީ ތުއްތުއިރު ކުރާ އޮޕަރޭޝަނަކުން ކްލެފްޓް ޕަލޭޓް ބަލި މިހާރު ރަގަޅު ކުރެވޭ ކަމެކެވެ. މިއީ ރާއްޖޭގައި ވެސް ކުރާ އޮޕަރޭޝަނެކެވެ.
ކްލެފްޓް ޕަލޭޓް ހުރި ކުއްޖަކު އޮޕަރޭޝަންކޮށް ރަނގަޅު ކޮށްފައި--
ބުލީ ކުރުމަކީ ނުވަތަ ގަނާ ކުރުމަކީ ރާއްޖޭގައި އާންމުވެފައިވާ ވަރަށް ނުބައި އާދައެކެވެ. ބުލީ ކުރުމޭ ބުނީމާ މިއީ ވަރަށް ގިނަ ކަންތައްތަކެކެވެ. އެއީ މީހަކު ހުންނަ ސިފައަކަށް މަލާމާތް ކުރުމާއި ވާހަކަ ދައްކާ ގޮތް ތަފާތުވުމުން އެކަމާމެދު ފުރައްސާރަ ކުރުމެވެ. ނުވަތަ ކުރެވޭ ކަމެއްގެ ސަބަބުން މީހުންގެ ހިތުގައި ޖެހޭ ގޮތަށް އެއްޗެހި ކިޔާ ދިމާކޮށް ހެދުމެވެ.
ބުލީގެ ޝިކާރައަކަށް ވާން ފަށަނީ ސްކޫލު މާހައުލުކަމަށް ވެދާނެ އެވެ. އެކަމަކު މަސައްކަތުގެ މާހައުލުން ބުލީގެ ޝިކާރައަކަށް ވާ ވާހަކަ ވެސް ދެކެވެ އެވެ. ބުލީ ކުރުމުން ބޮޑެތި މީހުންނަށްވުރެ އަސަރުކުރާ ވަރަށް ވުރެ ބޮޑަށް ކުޑަކުދިންނަށް އަސަރުކުރެ އެވެ. އެއީ ނަފްސާނީ ގޮތުން ބަލިކަށިކޮށް އަމިއްލަ ނަފުސުގެ މަތިން ފޫހިކުރުވާ ކަމެކެވެ.
އިނގިރޭސިވިލާތުގެ ލަންކާސްޓާ ޔުނިވާސިޓީން ކުރި ދިރާސާއަކަށް ފަހު 2019 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން، ސްކޫލް ދައުރުގައި ބުލީކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ ނަފްސާނީ ގެއްލުންތައް އެކުއްޖާ ބޮޑުމީހަށް ވުމަށް ފަހު ވެސް ދެމިހުރެ އެވެ.
ލަންކާސްޓާ ޔުނިވާސިޓީގެ ދިރާސާއިން ހޯދުނު ގޮތުގައި ސްކޫލް ދައުރުގައި ބުލީކުރުުމުގެ ޝިކާރައަކަށްވާ ކުދިންނަށް ލިބޭ ނަފްސާނީ ގެއްލުންތައް އެކަން ހުއްޓޭތާ 10 އަހުވަންދެން ދެމިހުރެ އެވެ. ލަންކާސްޓާ ޔުނިވާސިޓީގެ ޑރ. އެމާ ގޯމަން އާއި ޕްރޮފެސަރު ލޭން ވޯކާ އިސްކޮށް ތިއްބަވައިގެން ކުރެއްވި އެ ދިރާސާގައި ޔުނިވާސިޓީ އޮފް ވޮލޮންގޮންގެ ސިލްވިއާ މެންޑޮއިލާއާއި ޔުނިވާސިޓީ އޮފް ސިޑްނީގެ ކޯމް ހާމޮން އަދި އަނިތާ ސްޓަނީވާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދިރާސާއިން ދެެއްކި ގޮތުގައި ސްކޫލް ދައުރުގައި ބުލީގެ ޝިކާރައަކަށްވާ ކުދިންގެ އުމުރުން 25 އަހަރުގައި ނަފްސާނީ ބައްޔެއް ޖެހުމުގެ ނުރައްކާ އެނޫން ކުދިންނަށް ވުރެެ 40 ޕަސެންޓް ބޮޑެވެ. އަދި އެފަދަ ކުދިން ވަޒީފާއެއް ނެތި އުޅެން ޖެހުމުގެ ފުރުސަރު އެހެން ކުދިންނަށް ވުރެ 35 ޕަސެންޓް ބޮޑެވެ.
"ބުލީގެ ޝިކާރައަކަށް ވުމަކީ ޒުވާނުންގެ ހަޔާތަށް ދިގުމުއްދަތުގައި ވަރަށް ނުބައި އަސަރެއް ކުރުވާ ކަމެއް. އޭގެ ތެރޭގައި ސެލްފް އެސްޓީމް، ނަފްސާނީ ފުޅަހެޔޮކަން އަދި ވަޒީފާއެއް ލިބުމުގެ ފުރުސަތު ފަދަ ކަންތައްތަކަށް ވެސް އޭގެ ނުބައި އަސަރުކުރޭ،" ދިރާސާ ރިޕޯޓްގެ އެއް މުސައްނިފު އެމާ ގޯމަން ސައިންސް ޑެއިލީއަށް ވިދާޅުވެފައި ވެ އެވެ.
ބުލީ ކުރުމަކީ މިފަދަ އެތައް ގެއްލުމެއް ކުރިމަތިކުރުވާ ކަމެކެވެ. ސްކޫލް ދައުރުގައި ބުލީ ކުރުމުގެ ސަބަބުން ބައެއް ކުދިން ސްކޫލަށް ނުގޮސް ހުއްޓާލާފައި ނުބައި އިހުތިޔާރުކޮށްފައި ވެސް އެބަ ހުއްޓެވެ.
ބުލީ ކުރުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި އާއްމުވެ ތަޅާފޮޅުމާއި ބަދަލު ހިފުމުގެ އޮއިވަރެއް ވަނީ އުފެދިފަ އެވެ. މާލޭގެ ސްކޫލެއްގައި ބުލީގެ ސަބަބުން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު މައްސަލައެއް ފެންމަތިވި އެވެ. ކަތުރަކުން ކުއްޖަކަށް ހަމަލާދިން އެ މައްސަލަ އަކީ ސީރިއަސް މައްސަލައެކެވެ. އެކަން ހިނގީ ސްކޫލުގެ ހޯލުގައި ގިނަ ބައެއްގެ ކުރިމަތީގަ އެވެ. އެއީ ބުލީގެ ސަބަބުން ހިނގި ކަމެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ބުލީ ކުރުމަކީ އާއްމުގޮތެއްގައި ސްކޫލްތަކުގައި ނުވަތަ ގިނަ ކުދިން ޖަމާވާ ތަންތަނުގައި ހިނގާ ކަމަކަށް ވާއިރު ކުދިން މިކަން ކުރަނީ ކީއްވެގެން ކަމާމެދު ސުވާލު އުފެދެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ބައެއްކުދިން ބުލީ ކުރަނީ އެއީ ގޯސްކަމެއްކަން ނޭގި ތިބެ އެވެ. އަނެއްބައި ކުދިން އެގޮތަށް ކަންތައް ކުރަނީ ގްރޫޕްތެރޭ މަޝްހޫރުވެ ތިމާގެ ގަދަކަން ދެއްކުމުގެ ގޮތުންނެވެ.
އަނެއްބައިކުދިންނަކީ ގޭތެރެއިން މިފަދަ މަންޒަރުތައް ފެނިފައި ވާތީ އެކަންތައް ސްކޫލަށް ގޮސް ތަކުރާރު ކުރާ ކުދިންނެވެ. ހަމަ ގަސްދުގައި އަނިޔާވެރި ވުމުގެ ގޮތުންވެސް ބައެއް ކުދިން އެ އަމަލު ހިންގަ އެވެ.
މިއީ ދަރިވަރުންނާއި މުޖުތަމައު ހޭލުންތެރިކޮށް ހައްލެެއް ހޯދަން ޖެހިފައިވާ މައްސަލަ އެކެވެ.
Comment