Advertisement

ތިނަދޫ ފަޅުކުރުން: ސަރުކާރުން ކުޑަކުދިންނަށް ޖެއްސި ހާލު

23 މާރިޗު 2022 - 08:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ގދ. ތިނަދޫ 1962 ވަނަ އަހަރު ފަޅުކުރި އިރު ރަށުން ފުރަން ބަޔަކު ދޯންޏެއްގައި ތިބި މަންޒަރު ފެންނަ ފޮޓޯއަކަށް ތިނަދޫ މީހަކު ބަލަނީ: ހައްޔަރުކޮށްގެން ގެންދިޔަ ކުޑަކުދިން ބައެއް ދުވަސްދުވަހު ތިބެނީ ނުކައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ތިނަދޫ ފަޅުކުރުން: ސަރުކާރުން ކުޑަކުދިންނަށް ޖެއްސި ހާލު

23 މާރިޗު 2022 - 08:15 0

އަމިއްލަ ރަށުން ފައްސައިލެވުނުތާ އޭރުވީ ކުޑަ ދުވަސްކޮޅެކެވެ. ދެން ގެންދެވުނީ ކުށްވެރިންތަކެއްގެ ގޮތުގައި ވެރިރަށް މާލެއަށެވެ. ގދ. ގައްދޫއިން މާލެއަށް ގެންދަން އެވެރިން އެރުވީ "ސަލާމަތީ" ނަމަކަށް ކިޔާ ބޯޓަކަށެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކާ ހުވަދު އަތޮޅާ ވަކިވާ ހުވަދޫ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެބޯޓުގެ އިންޖީނު ހުއްޓުނެވެ. ހުވަދޫ ބަޣާވާތުގެ ކުށްވެރިންގެ ގޮތުގައި ސަރުކާރުން ކަނޑައެޅި "ކުށްވެރިން" އަރުވާ ބަރުކޮށްފައި އޮތް އެބޯޓުގެ ކައިރިއަށް ދެން އައީ "ގޯލްޑަން ރޭ" ނަމަކަށް ކިޔާ ބޯޓެކެވެ.

ތިނަދޫއިން ހައްޔަރު ކުރި މީހުން އެޅީ އެބޯޓުގެ ވަތަށެވެ. އެހާލަތުގައި ތިއްބާ އެމީހުންގެ ކުރިމައްޗަށް ގެނައީ ރޯނުން ވަރުގަދައަށް ބަނދެފައި ތިބި 10 ވަރަކަށް ފިރިހެނުންނެވެ. އޭގެ ތެރޭގައި ތިނަދޫގެ މަޝްހޫރު މުދައްރިސަކު ވެސް ހިމެނެ އެވެ. އެއީ އޭރު ވެސް މުސްކުޅިއެކެވެ.

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ސުވައިދީބް ސަރުކާރާ ދެކޮޅަށް ދިވެހި ސަރުކާރުން ހިންގި އޮޕަރޭޝަން ނިމުނު އިރު އުމުރުން އަދި އެންމެ ނުވަ އަހަރުވީ ރަޝީދާ އިބްރާހީމް ( ރަޝީދާ މިސް)، ކުށްވެރިއެއްގެ ގޮތުގައި މާލެ ގެނައި ދަތުރުގެ ވާހަކަ އޭނާ ވިދާޅުވި އެވެ. އެ އޮޕަރޭޝަންގައި ތިނަދޫން މީހުން ބޭލި އިރު ކަންތައް ހިނގި ގޮތް ރަޝީދާ ވިދާޅުވެ ދެއްވީ ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބެލުމަށް ތިނަދޫގައި ބޭއްވި ޕަބްލިކް ހިއަރިން ގަ އެވެ.

"އަޅުގަނޑުމެންގެ އާއިލާގައި ފިރިހެނެއް ނެތް. ހަމަ ހުސް އަންހެނުން ތިބީ" މާލެ ދަތުރަށް ފެށި އިރު ހާލަތު އޮތް ގޮތް ސިފަކޮށްދެއްވަމުން ރަޝީދާ ވިދާޅުވި އެވެ.

ރަޝީދާގެ އާއިލާއަކީ ހަވަރު ތިނަދޫ ފަޅުކުރި އިރު އެރަށުގައި އޮތް އެންމެ މުއްސަނދި އާއިލާ އެވެ. އެއާއިލާގެ ފިރިހެނުން އޭރުވީ ބަޣާވާތުގައި ކުށްވެރިވެފައިވާ ކަމަށް ކަނޑައަޅައި މާލެއަށް ގެންގޮސް ޖަލުގައި ބަންދުކޮށްފަ އެވެ. އެމީހުން ކުށްވެރިވަނީ ކިހައިވަރަކަށްތޯ މިއީ އެހެން ބަހުސަކެވެ. އެނގޭހާ ވެސް ކަމަކީ މީހަކު ކުށްވެރިވިޔަސް އެމީހާގެ ޅަދަރީން ކުށްވެރިނުވާނެ ކަމެވެ.

ރަޝީދާ ވިދާޅުވި ގޮތުގައި އޭނާގެ އާއިލާ މާލެއަށް ގެންދިޔަ އިރު އޭގެ ތެރޭގައި ތިބީ އުމުރުން 21 އަހަރުގެ އަންހެނެއް ފިޔަވައި އެކަށް ވެސް ކުޑަކުދިންނެވެ. އެ ކުދީންގެ ތެރެއިން އެންމެ ދޮށީ އޭނާ ކަމަށް ވާއިރު އޭނާގެ އުމުރުން އޭރު އަދި އެންމެ ނުވަ އަހަރެވެ. އެކަމަކު އެކުދިންނަށް ސަރުކާރުގެ ފަރާތުން އެންގި އެންގުމަކީ "މާލޭގައި ބައިތިއްބަން ވެސް އަދި އަތޮޅުގައި ބައިތިއްބަން ވެސް ހުއްްދަ ނެތް" ކަމުގެ އެންގުމެކެވެ.

ގޯލްޑަން ރޭއިން ތަފާތު ނާލުބައްތެލިފަހަރަށް އަރުވައިގެން އެކުދިން ގެންދިޔައީ ވިލިނގިއްޔަށެވެ.

"[އޭރު] މާލެ ވިލިނގިއްޔަކީ ދިވެހި ސަރުކާރުގެ ބަކަރިބަލަހައްޓާ ފަޅުރަށެއް. މާލެ ވިލިނގިލީގައި އަޅުގަނޑުމެން ތިއްބާ މާލެ ވިލިނގިއްޔަށް ދުރުވީ ބުޗާ ދޮންމަނިކު. ދުރުވެ ވިދާޅުވީ ކަލޭމެން މާލޭގައި ބައިތިއްބާކަްށް ވެސް އަދި އަތޮޅުގައި ބައިތިއްބާކަށް ވެސް ފެނިވަޑައިނުގަތޭ. މަސްލަހަތަށް ޓަކައި އުތުރު ރަށަކަށް ފޮނުވައިލައްވަނީއޭ،" ނުވަ އަހަރުން ދަށުގެ ކުޑަކުދިންތަކަށް ސަރުކާރުން އެންގި އެންގުމަކީ ރަޝީދާ ވިދާޅުވި ގޮތުގައި މި އެވެ.

އެއާއިލާ ދެން ގެންދިޔައީ ހދ. ނޮޅިވަރަންފަރަށެވެ. އެ ރަށުގައި 10 މަސް ދުވަސް ހޭދަވި ފަހުން ދެން ގެންދިޔައީ ބ. ގޮއިދުއަށެވެ. އެ ރަށުގައި ދެ އަހަރު ދުވަހު ބޭތިއްބި އެވެ. ރަޝީދާ ވިދާޅުވި ގޮތުގައި ގޮއިދޫގައި ހޭދަކުރަން ޖެހުނީ ވަރަށް ވެސް ހިތްދަތި ދުވަސްތަކެކެވެ. ކާން ނުލިބުނު އެތައް ދުވަހެއް ވެސް އައެވެ.

"ހަތް ދުވަސް ވަންދެން ކާން ނުލިބި ތިބެން ޖެހުނު، އެތައް އެތައް ފަހަރަކު،" އޭނާ ވިދާޅުވި އެވެ.

ގޮއިދޫން މާލެ ގެނެސް މިނިވަން ކުރި ދުވަހަކީ އޭނާ ވިދާޅުވި ގޮތުގައި އަދި އެއަށްވުރެ ހިތްދަތި ދުވަހެކެވެ. އޭރުގެ ޑިފެންސް މިނިސްޓްރީއަށް ގެންގޮސްފައި އެތަނުގައި އިންނެވި އަމުރުވެރިއެއްގެ ގާތަށް ވެއްދީ ފަހަރަކު ކުއްޖެކެވެ.

"ފަހަރަކު ކުއްޖަކު ވައްދާފައި މި ބުނަނީ، 'ކަލޭމެން މިހާރު ތިޔަ ތިބީ ދޫކޮށްލާފައި. ދެން އުޅޭނެ ގޮތަކަށް އުޅެން ދިޔަޔަސް އެންމެ ރަނގަޅު'. ކޮބައިތޯ އަޅުގަނޑުމެންގެ ކުށަކީ؟ ކުށްކުރާކަށް ނޭނގެޔޭ އޭރަކު. އަޅުގަނޑުމެންނާ ޖެހިގެން ދެން އައި ބައްތެލީގައި އައީ އެއަށް ވުރެ ކުޑަކުދިން،" އޭނާ ވިދާޅުވި އެވެ.

އެ ބައްތެލީގެ ވަކި ދެކުއްޖެއްގެ ވާހަކަ އޭނާ ވަކީން ބޮޑަށް ފާހަގަ ކުރެއްވި އެވެ. އެ ދެކުދިންގެ ތެރެއިން އެއް ކުއްޖަކީ އެންމެ ހަތަރު އަހަރުގެ ކުއްޖެކެވެ. އަނެއް ކުއްޖާއަށް ފަސް އަހަރެވެ. އެވަރުގެ ކުދިންނާ އެކު ދަތުރުކުރަން ވެސް އަންހެނަކު ނުހުރެ އެވެ. އާއިލާގެ އެއްވެސް ބޮޑުމީހެއް ނުހުރެ އެވެ.

"އެކުދިންނަށް ވެސް ބުނީ، ކަލޭމެން ތިޔަ ތިބީ ދޫކޮށްލާފައި. ދެން އުޅޭނެ ގޮތަކަށް އުޅޭ. ކޮބައިތޯ ކުށަކީ؟ މިއީ ދިވެހި ސަރުކާރާ އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލަކީ،" އޭނާ ވިދާޅުވި އެވެ.

ސ. ހިތަދޫ, ރޯޒް ބުޝް، މުހައްމަދު ޒާހިރުގެ އުމުރުން ވެސް އޭރުވީ އޭނާ ވިދާޅުވި ގޮތުން ނަމަ އަށެއްކަ އަހަރެވެ. އޭނާއަކީ ފަހުން އެތައް ސްކޫލެއްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅެކެވެ.

ޒާހިރު ވެސް ވިދާޅުވި ގޮތުގައި ބ. ގޮއިދޫގައި އެ އާއިލާ އުޅުނީ ވަރަށް ހިތްދަތި ހާލެއްގަ އެވެ. ކުޑަކުދިންނާއި އެކު ޖުމްލަ 25 މީހުން ހިމެނޭ އެ އާއިލާގެ ކެއުމަށް ދުވާލަކަށް ބޭނުންކުރަނީ ހަނޑޫ ލާއްސެކެވެ. އެ ގިނަ ކުރުމަށް ޓަކައި އަޅަނީ ރޯ ކަށިކޭލެވެ.

" ހަމަ ގިނަ ދުވަސް ދުވަހު ތިބެނީ މެންދުރު ނުކައި،" ޒާހިރު ވިދާޅުވި އެވެ.

ބަޑީގެ ހަމަލާގައި މަރުވި މީހާގެ އާއިލާ

ތިނަދުއަށް ބަޑިޖެހި ދުވަހު މަރުވި ހުސެން ބެއްޔާގެ ދަރިފުޅު އައިޝަތު ހުސައިން. ފޮޓޯ: އިޔާން އަބްދުﷲ/ އަދަދު


ގއ. ކނޑުހުޅުދޫ، އަތަމާގެ، އައިޝަތު ހުސައިންއަކީ ތިނަދޫން މީހުން ބޭލި އިރު އެންމެ ހިތްދަތި ހާލު ކުރިމަތިވި އެކަކެވެ. އެ ދުވަހު ސިފައިން ތިނަދުއަށް ބަޑި ޖެހިއިރު ބޮލަށް ވަޒަނެއް އަރައިގެން މަރުވީ އޭނާގެ ބައްޕަ އެވެ. އެކަމަކު އެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު، އޭރު އުމުރުން 18 އަހަރުވީ އައިޝާފާނަކަށް ނުލިބުނެވެ. އޭރު އޭނާގެ ހަގަށް ތިބީ 10 މަހުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ އަންހެން ކުއްޖަކާއި 12 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ.

އޭނާގެ ބައްޕަ ހުސެން ބެއްޔާއަކީ ތިނަދޫގެ ބޮޑު މާވަޑިމީހާ އެވެ. އައިޝާ ފާނަށް ބައްޕަގެ މަރުގެ ހަބަރު ލިބުނީ ފަޅު ރަށެއްގައި މަސައްކަތް ކުރަން އުޅެފައި ރަށަށް އައި ވަގުތެވެ. އޭރުވެސް ސިފައިން ދިޔައީ ރަށަށް ބަޑި ޖަހަމުންނެވެ. ބައްޕަ މަރުވި ހަބަރު ލިބުނީ ރަށަށް ފައިބައިގެން ގެއަށް ދިޔަ މަގުމަތީގަ އެވެ.

"ހަސަން ބޭބޭ އައިމާ އަހަރެންގެ މަންމަ ބުނީ ކަލޯ ހުސެން ބެއްޔާ[ގެ ހަށިގަނޑު] ގެއަށް ގެންނާނެހޭ؟" އިންތިގާލީ އިންސާފުގެ އޮފީހުން ތިނަދޫގައި ބޭއްވި ޕަބްލިކް ހިއަރިންގައި އައިޝާފާނު ބުންޏެވެ.

ރަށުން ފައިބަން ޖެހޭ ކަމެއް އޭރަކު އަދި ނޭނގެ އެވެ. އެހެންވެ އައިޝާފާނާއި އޭނާގެ މަންމަ ވެސް ހީކުރީ ބައްޕަގެ ޖަނާޒާގައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު ހަސަން ބޭބޭ ދިން ހަބަރަކީ ޖަނާޒާއަށް އާއިލާ ނުގެންދާނެ ކަމަށާއި ރަށުން މީހުން ފައިބަން އަންގައިފި ކަމަށެވެ. އެހެންވެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ބަލަން އޭނާ އާއި އޭނާގެ މަންމަ އާއި ކޮއްކޮމެން ދިޔަ އެވެ.

"ދިޔަ އިރު ބޮޑުއަށިގޭ ދޮރުމަތީ، ހަތަރުވަނަ ދޮރާ ހިސާބުގައި ކަންނޭނގެ ގާތްގަނޑަކަށް، ބައްޕަ އޮތީ ވަރަށް ހަނިހަނި ގޮނޑިއެއްގެ މަތީގައި. ބިމަށް ފައިބާފައި ހުރި ލޭގަނޑު މިހާ ވަރަށް ދެމިފައި އޮތް،" ލޭކޯރުގެ ދިގުމިން، އަތުގެ އިޝާރާތުން ދައްކައިލަމުން، އެ ހިތްދަތި ވަގުތުކޮޅު އޭނާ ކިޔައިދިނެވެ.

އެ މަންޒަރު ބަލަން އޭނާގެ މަންމަ ދިޔައީ 10 މަސްވީ ކުއްޖާ ކިހިއްޔަށް ޖަހައިގެން ދެ އަހަރުގެ ކުއްޖާ އަތުގައި ހިފައިގެންނެވެ. އޭނާގެ މަންމަގެ ބޮލަށް އެނބުރުން އަރަން ފެށުމުން އެހީތެރިވީ އައިޝާފާނު ބުނި ގޮތުން ނަމަ ތިނަދޫގެ އޭރުގެ ކުޑަކަތީބު ގާސިމް ރަޝާދު (ކާސިމު ހުތު) އެވެ. ބައްޕައަކީ މާވަޑިއަކަށް ވާތީ ސަންދޯއް ޖަހާނެ އެއްޗިއްސާއި ކަފުނާއި ކަފަ ވެސް ގޭގައި ހުުރުމުން އެތަކެތި ދޭން އޭނާގެ މަންމަ ބޭނުން ވި އެވެ. އެކަމަކު ކާސިމު ހުތު ވިދާޅުވީ ސަރުކާރުން ވަޅުލާނެ ކަމަށެވެ.

އެ އާއިލާ ފުރަތަމަ ދިޔައީ މާވަށްރެހާ ނަމަކަށް ކިޔާ ފަޅުރަކަށެވެ. އޭގެ ފަހުން ދިޔައީ މަޑަވެއްޔަށެވެ. އެންމެ ހާލުގައި އުޅެން ޖެހުނީ އޭނާ ބުނި ގޮތުގައި އެރަށުގައި ތިބި އިރެވެ.

ތިނަދޫން ބޭލި އިރު ހުސެން ބެއްޔާ ބަނދެފައި ހުރި ވަދު ދޯންޏެއް (ބައްތެއްލާ) އެއް ކަމަޅި މަތީގައި އަދި ނުބާލައި ހުއްޓެވެ. އޭގެ ރިޔާ ފަހަން ވެސް އޮތީ މީހަކާ ހަވާލުކޮށްފަ އެވެ. މަޑަވެލީގައި ތިބި އިރު މީހަކު ދިން ހިޔާލަކީ އެ ދޯނި ލިބޭތޯ އަތޮޅުވެރިން އަރިހު ދެންނެވުމަށެވެ. އައިޝާފާނު ބުނި ގޮތުގައި އަތޮޅުވެރިން މަޑަވެއްޔަށް ވަޑައިގެންނެވި ދުވަހު ބައްދަލުކުރަން އޭނާގެ މަންމަ ދިޔައީ މީހެއްގެ ބާ ލިބާހެއް ލައިގެންނެވެ. އެދުވަހު ގޮސް ހާލު ހުރިގޮތް ކިޔައިދީ ދޯނި ދެއްވާތޯ ދެންނެވީމާ އަތޮޅުވެރިން ވިދާޅުވީ "ދެން އަންނަ ދަތުރަކު" ކަމަށެވެ.

"އަނެއް ދަތުރުގައި އެހީމާ، [ވިދާޅުވަނީ] އަދި ޖަވާބެއް ނުލިބޭ. ދެން އަންނަ ދަތުރަކު،" އައިޝާފާނު ބުންޏެވެ.

ތިން ވަނަ ދަތުރުގައި އެހީމާ އަތޮޅުވެރިން ވިދާޅުވީ ތިނަދޫ މީހުންގެ މުދާ ސަރުކާރަށް ނަގާފައިވާ ކަމަށް ނާސިރު ވިދާޅުވި ކަމަށާއި އެހެންވެ ދޯނި ނުލިބޭނެ ކަމަށެވެ.

"އެއީ ކުށްވެރިންނަށް ވާތީއޭ. ބުނީމާ މަންމަ ބުނީ މަރުވީމާ ވެސް ކުށްވެރިންނަށް ވޭހޭ؟ ބަޑި ޖަހައި އޭނާ މަރާފައި އަނެއްކާ ކުށްވެރި ވީހޭ؟" އޭނާ ބުންޏެވެ.

އައިޝާ ފާނު އެދެނީ އޭނާގެ ބައްޕަގެ މަރުގެ ދިޔައާއި ބައްތެއްލާގެ އަގު ދައުލަތުން ދިނުމަށެވެ.

މަޑަވެލީގައި ތިބި އިރު ކައިބޮއި އުޅުން ގޮތް ކިޔައިދޭން ޖެހުމުން އޭނާއަށް ރޮވުނެވެ. އޭނާ ބުނި ގޮތުގައި އޭރު ކައި އުޅުނީ ރުއްރުއް ދަށަށް ވެރިފައި ހުންނަ ވަނދު ގޮބޮޅި، ފަރުމަހުގެ ގަރުދިޔައިގައި ޖަހައިގެންނެވެ.