Advertisement

"ޙަސީނާގެ ހިތާމަ": ހިނގައިގަނެވުނު ދައުރުގެ މުހިއްމު ތަރިކައެއް

18 މާރިޗު 2022 - 11:46 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އަމީން ދީދީ ސޫޓްކޭހެއް ހިއްޕަވައިގެން: ރާއްޖޭގެ ތާރީހާއި އަދަބިއްޔާތަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި -- ފޮޓޯ: އަދަދު ފައިިލް


"ޙަސީނާގެ ހިތާމަ": ހިނގައިގަނެވުނު ދައުރުގެ މުހިއްމު ތަރިކައެއް

18 މާރިޗު 2022 - 11:46 0

އެއީ 18 މާރިޗު 1942 އެވެ. މީގެ ބަރާބަރު އައްޑިހަ އަހަރު ކުރިއެވެ. އެހެންނަމަވެސް އަހަރެމެން ދިވެހިން އެ ދުވަހު ތަޖުރިބާކުރި ކަންތައްތަކާ މިއަދު ތަޖުރިބާކުރަމުންދާ ކަންތައްތަކާ ކޮންމެވެސް ވަރަކަށް އެއްގޮތްކުރަނީ ހިތާމަވެރި، ބިރުވެރި، އަދި ނުރައްކާތެރި އިއްތިފާޤެއް ކަމުގައިވާ ހަނގުރާމައިންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ އަސަރު ދިވެހިންނަށް ސީދާ ގޮތެއްގައި ކޮށްފައިވަނީ ނިސްބަތުން ވަރަށް ކުޑަ މިންވަރަކަށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެއީ އިނގިރޭސި އަސްކަރީ މަރުކަޒެއް ރާއްޖޭގެ ރަށެއްގައި ހުއްޓައިވެސްމެއެވެ. އެހެންނަމަވެސް އޭރުވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރި ހަނގުރާމައިގެ ނުސީދާ އަސަރުތައް، ނިހާޔަތަށް ދިވެހިން ތަޖުރިބާކުރިއެވެ.

މިއަދު އަހަރެމެންނަށް މި ފެންނަނީ، އެފަދަ ބިރުވެރިކަމެއްގެ ކޮޅުމައްޗޭ އެއްބަޔަކު ބުނެއެވެ. ބޮޑު ބާރަކުން ކުޑަކޮށް ފޫހާކާލުމުންވެސް މުޅި ދުނިޔެއަށް ލޮޅުންއަރައެވެ. އަހަރެމެންގެ، ބަވަނަ ވެފައިވާ ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް މިއަދު ދުނިޔޭގެ ހުރިހާ ރައްޔިތުން ދަނެއެވެ. އެކަމާ ފިކުރު ކުރެވެއެވެ. ވައިބަރ ގުރޫޕުތަކާއި ސައިމޭޒު ދޮށުގައި ޕުޓިންގެ ވާހަކަ މިއަދު ދެކެވެއެވެ. ޔޫކްރެއިނާއި ރަޝިޔާގެ ޙައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން، ފަންނުވެރިކަމާއި ފަންނިއްޔާތުގެ އެހީގައި އެކަން ހާމަކުރަމުން ދެއެވެ. މީގެ އައްޑިހަ އަހަރު ކުރިންވެސް ކަންތައްތައް ހިނގީ މި މަގުންނެވެ. ދިވެހިންނާ ދުރުގައި ހިނގި ހަނގުރާމައިގެ އަސަރު ދިވެހިންގެ އަދަބިއްޔާތުގެ ތެރެއިން ފެންނާން އެބަހުއްޓެވެ.

މިއަދު ކަޅިއެއް މި އެއްލަނީ އެފަދަ މަސައްކަތަކާ ދިމާއަށެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ގަލަންކޮޅުން ސިފަކޮށްދެއްވާފައިވާ "ޙަސީނާގެ ހިތާމަ"އަށެވެ. މިއީ ވަރަށް ގިނަ ދަރިވަރުން ދަންނާނޭ ވާހަކައެކެވެ. ބޮޑުހަނގުރާމައިގެ ދުވަސްވަރު ޙަސީނާ އާއި ޙުސައިން ޙަލީމު ކުރި ލޯބީގެ ތަޖުރިބާގެ ވާހަކައެވެ. ދެމީހުން ވީ ސާފު ލޯބީގެ ވާހަކައެވެ. އެމީހުންގެ ލޯބި، ކައިވެންޏަކަށް ހަދަން ޙާލަތު ތަން ނުދޭ ހިނދުވެސް، ވަފާތެރިކަމުގައި ދެމިތިބި ވާހަކައެވެ. އެ ޙާލަތު ބަދަލުކުރަން މަސައްކަތްކުރުމަކީ "އަންހެންދަރިވަންތަކަން" ތަންދޭ ކަމަކަށް ނުވާނެތީ، ކެތްކުރި އަންހެންދަރިފުޅުގެ ވާހަކައެވެ. އެ ޙާލަތާ ޖަދަލުކުރުމަކީ، އެދުންވެރިކާމާއި ލައްޒަތުގެ ހިޔަނިވެސް ނޭޅޭ، އެ ލޯބީގެ ސާފުކަން ކިލަނބުކޮށްލާނޭ ޢަމަލަކަށް ވާނޭތީ، ދުރުން، ދުނިޔެއަށް ސިއްރުން ލޯބިވޭވޭ ހުރި ވަފާތެރި ލޯބިވެރިޔާގެ ވާހަކައެވެ. އަންހެންދަރިވަންތަކަމުގެ ޒިންމާތަކުގެ ވާހަކައެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ބާރުގެ ވާހަކައެވެ.

މިއީ އެ ލާރިފޮތީގެ އެއް ފުށެވެ. އަނެއް ފުށުން ކިޔައިދޭ ބައެއް ވާހަކަތަކަށް ގިނަ ފަހަރަށް އަހަރެމެންނަށް ދެވެނީ ބީރު ކަންފަތެކެވެ. އާދަކާދައިގެ ބަނދެވުންތަކުން ވީއްލެން ޖެހިލުންވެ ހުންނެވި ޙާލު، ދެފޮޅުވަތް ދޭތެރެއިން މުޞައްނިފު ފާޅުކުރައްވާފައިވާ ބައެއް ކަންކަމަށްވެސް ވިސްނާލަން ޖެހެއެވެ. ހުޅަނގުގެ ކަންތައްތަށް ތަޢާރަފުވަމުން ދިޔަ ދުވަސްވަރު، ދިވެހި ގޮތަށް ވުރެ ބޭރުގޮތް މޮޅުކަމަށް، ގޮތްހުރި، ތަޢުލީމީ މީހުން ދެކޭ ކަމަށް ވާހަކައިގެ ޝަޚުޞިއްޔަތުތަކުގެ ޑައިލޮގުން ހާމަވެއެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުޅިވަރުގެ މުހިއްމުކަމާމެދު ޙަސީނާ އާއި ޢަބްދުލްޢަޒީޒު ދެއްކި ވާހަކައިގެ ތެރެއިން، ދިވެހިންގެ ގިނަ ކުޅިވަރުތަކަކީ "ހުސް ސަކަ" ކަމަށް ޙަސީނާ ބުނި ބުނުމަށް ތާއީދުކޮށް ޢަބްދުލްޢަޒީޒު ބުނެއެވެ.

"ޢަބްދުލްޢަޒީޒު: އާދެ! އިހުގައި ރާއްޖޭގައި ކުޅެއުޅޭ ކުޅިވަރު ބިނާވެފައި ހުންނަނީ މުޅީން ސަކަޔަކަށް. އެއިން ކުއްޖަކަށް ލިބޭ އެއްވެސް ތަރުބިއްޔަތެއް ނޯވޭ. ކުދީން މީހުންނަށް ހަދާ ކުޅިވަރަކީ، ކްރިކެޓް، ޓެނިސް، ފަދަ ކުޅިވަރު. އެ ކުޅިވަރު ކުޅުމުން ހުރިހައި ބޭނުމެއް ފުދޭ. ވެރީންނަށް ކިޔަމަންވާން ދަސްވޭ. މަޑުމައިތިރިކޮށް އުޅުމަށް ހޭނޭ. ލޯހުޅުވޭ. އެމީހާ އަމިއްލައަށް އެމީހާގެ މައްޗަށް ޔަޤީންކުޅައުމަށް ދަސްވޭ. އަދި ބަޔަކާ ހެދި ތިމާގެ އެދުންތައް ދޫކުރާންވެސް ހޭނޭ"

ބޮޑު ހަނގުރާމައިގެ ބައިވެރިންނާމެދު މުޞައްނިފުގެ ޚިޔާލު ހުންނެވި ގޮތްވެސް ޝަޚުސިއްޔަތުތަކުގެ ވިސްނުމުގެ ސިފައިގައި ފާހަގަކުރެވުނުވެ. 1942 ވަނަ އަހަރަކީ، ޚާއްޞަކޮށް އެ އަހަރުގެ މާރިޗުމަހަކީ، ޖަޕާނުގެ ފައުޖުތަކުން އެމެރިކާގެ ފައުޖުތަކަށް ބިރުދައްކައި، ބޮޑެތި ކާމިޔާބީތައް ހޯދަމުންދިޔަ އަހަރެކެވެ. ވާހަކައިގެ ޑަޔަލޮގުގެ ތެރެއިން އަމީން ދީދީ ވަނީ ޖަޕާނުން ހަނގުރާމަ ކާމިޔާބުކޮށްފި ނަމަ، ދެން ދުނިޔެއަށް ވެދާނޭ ގޮތެއްގެ މައްޗަށް ވިސްނުންހިންގަވާ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ދިވެހި މުޖުތަމަޢުގައި ފުޅާވަމުންދިޔަ، އަންހެނުންގެ ދައުރާއި، ތަޢުލީމީ އަންހެނުންގެ މުހިއްމުކަމުގެ މެސެޖުތަކެވެ. މިއަދުގެ ފެމިނިސްޓުންނަށް، އެ މެސެޖުތަކުގައި "ކޮށި" ގޮތްތަކެއް ހުރުން އެކަށީގެންވެއެވެ. މިސާލަކަށް، ހަނގުރާމައާ ގުޅިގެން ޚަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކާމެދު ހަސީނާ އާއި ހުސްނާ ކުރާ މަޝްވަރާގެ ތެރެއިން ބުނެއެވެ.

"ޙުސްނާ: އަސްތާ ތިޔަހެން ވިދާޅުވީމާ އަޅުގަނޑު މި ހަނދާންވީ. މިހާރު ޚަރަދުކުޑަކޮށްހެދުމާއިމެދު ސަރުކާރުން އެއަޅާ ބާރާއިމެދު އަޅުގަނޑަށް ހީވަނީ އެންމެ ބޮޑަށް އެހީވެވޭނޭ ބަޔަކީ އަޅުގަނޑުމެން އަންހެނުންހެން. ބައްލަވާ. ގޭގެ ގިނަ ޚަރަދުތައް ދަނީ އަޅުގަނޑުމެންނާ ހެދި ނޫންތޯ؟"

މި ވާހަކައިގެ ހަމަ ކުޑައިރުކޮޅެއް ކުރިން ޙަސީނާ އާއި ޙުސްނާ ދައްކަނީ ދޯނި ދުއްވާހިތްވާ ވާހަކައެވެ. އެ ފުރުޞަތު އަންހެންވެރިންނަށްވެސް ލިބޭނޭކަމަށް ކުރި އުއްމީދުގެ ވާހަކައެވެ. އެހެންނަމަވެސް އެއަށް ފަހު، ގޭތެރޭގައި ޚަރަދު ބޮޑުވަނީ އަންހެނުންގެ ސަބަބުންކަމަށް ދޭހަވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައިން ފެމިނިސްޓުން ކުޑަކޮށް ބޮލުގައި ރިއްސާލަފާނެއެވެ. އަދި ކިއެއްތަ، މައިގަނޑު ޝަޚުޞިއްޔަތު، ގޭތެރޭގެ އަދަބުތައް ކިޔައިދެމުން "އަންހެނުން ގޭތެރެއިން ވާހަކަދައްކާ އަޑު ބޭރުމީހުންނަށް އިވުމީ ވަރަށް ހަޑިކަމެއް" ކަމަށް ބުނާ މަންޒަރެއްވެސް ވާހަކައިގެ ތެރެއިން އާދެއެވެ. ބުނަން މި އުޅޭ ވާހަކައަކީ ފެމިނިޒަމްގެ ވާފަށަށް ދުލެއް ދޭން ވާނޭ ވާހަކައެވެ. މިއީ މީގެ 80 އަހަރު ކުރިއެވެ. އޭރުގެ "ޕޮލިޓިކަލީ ކަރެކްޓު" ކަންކަން، މިހާރާ ހާސްބައި ތަފާތު ވާނެތީއެވެ.

އެހެންނަމަވެސް އުފަލާއެކު ފާހަގަކުރެވެނީ މި ވާހަކައިގެ ޝަޙުޞިއްޔަތު ތަކަކީ ތަޢުލީމީ، ތޫނުފިލި، ދުނިޔެއަށް ލޯހުޅުވިފައިތިބި، ހޭލުންތެރި ބަޔަކު ކަމެވެ. އޭރު ރާއްޖޭގައި ފިޔަފަޅާ އުދުހެމުންދިޔަ އަންހެނުންގެ ބާރުވެރިކަމުގެ ރޫޙު މި ފޮތުގެ ޞަފުޙާތަކުންވެސް ފެނެއެވެ.

ވާހަކައިގެ ސިފަކުރުމުގެ މޮޅު ކަމާއި، ލިޔުންތެރިކަމުގައި އަމީން ދީދީ ގެންގުޅުއްވާ އަމިއްލަވަންތަ ވައްޓަފާޅި އާއި އޮނިގަނޑުގެ ވާހަކަ މި "މެހެފިލަކު" މާބޮޑަކަށް ނުދައްކާނަމެވެ. އެހެންނަމަވެސް އެއް ސިފައަށް އިޝާރާތްނުކޮށް ދޫކޮށްލެވޭކަށް ނެތެވެ. އެއީ މުޅި ވާހަކައިގައި ގެންގުޅުއްވާފައިވާ މަލުގެ "މޯޓިފް"އެވެ. ތަކުރާރުވަމުން އަންނަ އެއް ސިފަކުރުމެވެ. އެއީ ޤުދުރަތުގެ ރީތިކަމާއި މާމެލާމެއްޔާ ޙަސީނާ އާ އޮންނަ ގުޅުމެވެ. ވާހަކަ ފެށުނީއްސުރެ ނިމުމާ ހަމައަށްވެސް މި މޯޓިފް ތަކުރާރުކުރައްވާފައިވެއެވެ. މި މޯޓިފްގެ ސަބަބުންވެސް ތޯއްޗެކެވެ. އަހަރެން މި ވާހަކަ ކިޔަމުންދިޔައިރު، ޙަސީނާގެ ހިތާމަ އެންމެ ބޮޑަށް ފެންނަ ޖުމުލަ އަކީވެސް މި މޯޓިފާ ގުޅުންހުރި ޖުމުލައެކެވެ. އެއީ ބުންބާގައި ހުރެ ޙަސީނާ އޭނާގެ ދައްތަ ޙަބީބާއަށް ފޮނުވި ސިޓީގައި ވާ ޢިބާރާތެވެ.

"އެކަމަކު އަޅުގަނޑަށް މިހާރު ވަކިތަނެއް ވަކިގޮތެއް ނުވާނޭ ނޫންތޯއެވެ؟ އަޚުގަނޑުގެ ހިތެއްގައި ރީތި ހުތުރު ވަކިކުރާނޭ ބާރެއް، ނުވަތަ އުފަލަކީ ކޮން އެއްޗެއްކަން ދެނެގަންނާނޭ ގޮތެއް ނުވެއެވެ."

މިއީ މީގެ ދުވަސްކޮޅެއް ކުރިން، މި ދެ ބެއިން ދެއްކި ވާހަކައިގައި ޙަސީނާގެ މިޒާޖުން ފެންނަ އުފާވެރިކަމާ އަޅާ ބަލާއިރު، ހިތް ކުދިކުދި ވެގެންދާފަދަ ބާރުގަދަ ސިފަކުރެއްވުމެކެވެ. ވާހަކައިގެ ފެށުމުގައި ހަސީނާ އާއި ޙަބީބާ ދައްކާ ވާހަކަ ހަނދާންކޮށްލަމާ ހިނގާށެވެ.

"ޙަބީބާ: މިއޮއްހާއިރު ހަމަ ގިނިކަންޏާ އިންނެވީތޯ؟

ޙަސީނާ: ނޫން. އެކަންޏެއް ނޫން. ގަސްތަކާ، އަޅުގަނޑާ، ހަނދުވަރާ"

ހަނދުވަރާއި ގަސްގަހާގެހި އެކުވެރިއެއްގޮތުގައި ގިންތިކުރި އަންހެނަކަށް ދުނިޔޭގެ ރީތ ހުތުރު ދެނެގަންނާނޭ ބާރެއް ނެތުމުން އެ ދައްކުވައިދެނީ ހާދަހާވާ ފުން ހިތާމައެއް ލިބުމުންކަން ހިތައް އަރައެވެ. ތަފާތު ވަޒަންކޮށްލާށެވެ. އޭނާގެ ޖިސްމާއި ނަފުސަށް އައި ބަދަލުތައް ސިފަކުރައްވާފައިވާ ޖުމުލަތަކަށްވުރެ، މި ދެ ޑައިލޮގުގެ ވަގުތުގައި، މާމެލާމެއްޔާއި ޤުދުރަތްތެރިކަމުގެ މޯޓިފްގެ އެހީގައި އެ ސިފަކުރައްވާ ހިތާމަވެރިކަން މާ ފުނެވެ.

ވާހަކަ ކިޔަމުންދިޔަ ވަރަކަށް ހަނދާނަށް އަންނަނީ ބޮޑު ހަނގުރާމަތަކުގެ ތެރޭ ދެކެވޭ، ޒަޚަމުވާ ސިފައިންނާއި އެމީހުންނަށް ހޭހަންކުރާ ނަރުހުންގެ ލޯބީގެ ވާހަކަތަކެވެ. ހަނގުރާމައިގެ ތެރޭ ވަކިވާން މަޖުބޫރުވާ ލޯބިވެރިންގެ ވާހަކައެވެ. 1942 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ކަސަބްލާންކާ" ފަދަ ފިލްމުތަކުގައި އެ ފެންނަ ފަދަ ލޯތްބެކެވެ. އެ ލޯބި ހޯދުމަށް ކުރާ މަސައްކަތްތަކެވެ. އެ ދުވަސްވަރުގެ ގިނަ ވާހަކަތަކެކޭ އެއްފަދައިން ޙާލަތުގެ ސަބަބުން ދުރުގައި އުޅެން މަޖުބޫރުވެފައިވަނިކޮށް، ހަމަ އެ ޙާލަތުގެ ސަބަބުން އެ ދެމީހުން ގުޅޭނޭ ފުރުޞަތު ލިބޭ މަންޒަރު މި ވާހަކައިން ފެނެއެވެ.

އެހެން ސިފަކުރެއްވުމެކެވެ. ބޮޑު ހަނގުރާމައިގައި ޤައުމުތައް ބައިވެރިވާން ޖެހުނު މަޖުބޫރީ ޙާލަތު ސިފަކުރައްވާފައިވާ ސިފަކުރެއްވުމެވެ.

"ޞުލްޙަވެރިކަމުގެ ގަލަންތަކާއި ތަޢުލީމު ކުރިއެރުވުމުގެ ފޮތްތަކާއި އަލަމާރިއަށްލައި ތަޅުލައި، ރައްކާތެރިކަމުގެ ބަޑިތަކާއި ކަނޑިތައް، ފޮރުވާފައިހުރި ތަންތަނުން ނަގާންޖެހިއްޖެއެވެ.... އެތައް ޒަމާނަކުއްސުރެ އެނގިފައިހުރި އެނގުންތައް، އިންސާނުންގެ އެއްބަޔަކު އަނެއް ބަޔަކު މެރުމަށް ބޭނުންކުރާން ފަށައިފޫއެވެ."

ބޮޑު ހަނގުރާމައިގައި ދިވެހިންނަށް ކުރަމުންދިޔަ އަސަރުތައްވެސް ލިޔުންތެރިޔާ ފާޅުކުރައްވަނީ، ރާއްޖޭގެ ބަދަލުވަމުންދާ ޙާލަތު ޕްލޮޓުގެ ތެރެއަށް އަމުނާލައިގެންނެވެ. ވާހަކައިގެ ފެށުމުގައި، ޙަސީނާ އާއި ޙުސްނާ، ހަނގުރާމައިގެ ވާހަކަތައް ދައްކާއިރު ދައްކަނީ ޚަރަދު ކުޑަކުރުމުގެ ވާހަކައެވެ. އެހެންނަމަވެސް އޭގެ މަދު ދުވަސްކޮޅެއް ފަހުން ޙަސަންދީދީ އާއި ޙަސީނާ އިންޑިޔާއަށް ފުރަނީ ކާޑު ލިބުން ދަތިވެފައިވާތީ، އެކަމަށް ޙައްލެއް ހޯދުމަށެވެ. ޚަރަދުކުޑަކޮށްގެން އުޅެނިކޮށް ކާޑަށް ދަތިވީއެވެ.

ތާރީޚުގެ ގޮތުން ބަލާއިރު، ކޮންމެވެސް ވަރަކަށް ސުވާލު އުފެދޭ ހާދިސާތައްވެސް ފެންނާން އެބަހުއްޓެވެ. ޙުސައިން ހަލީމަށް އިންޑިޔާއަށް ގޮސް ހަނގުރާމަ ކުރަން ދާނޭ ފުރުޞަތު ލިބުނު ގޮތާއި، ރާއްޖޭގެ ޑިޕްލޮމެޓެއްގެ "ބަލިޙާލުބޮޑު"، އަންހެން ދަރިއަކަށް އިންޑިޔާގައި ވަޒީފާ އަދާކުރަން ފުރުޞަތު ލިބުނު ގޮތާމެދުވެސް ސުވާލު އުފެދެއެވެ. އެހެންނަވެސް އެއީ ޚިޔާލީ ވާހަކައެއް ކަމުން، ޚިޔާލުގެ ބަރަނިން އެ ވިޔާ މަންޒަރަށް ބުއްދީގެ އިންތައް ތަންފީޒުކުރާ މީހާކަމުގައިވާކަށް އަހަންނެއް ނޭދެމެވެ. އެހެން ނަމަވެސް ޙަޤީޤަތުގައިވެސް އެ ދުވަސްވަރު އިންޑިޔާގެ ސިފައިން، އިނގިރޭސި ލަޝްކަރުގައި ހަރަކާތްތެރިވިއެވެ. އަދި ހަނގުރާމައިގައި ޒަޚަމުވެގެން އަންނަ އިނގިރޭސި ސިފައިންނަށް ބޭސްކުރުމަށް، އިންޑިޔާގެ މުއްސަނި އަދި ކަމުވޮށިގެންވާ ޢާއިލާތަކުގެ އެތައް އަންހެނުންނެއް، އެ މަރުކަޒުތަކުގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރިއެވެ.

ކިޔުންތެރިޔާގެ ޝައިޤުވެރިކަން އަތުލުމަށް އަމީން ދީދީ ގެންގުޅުއްވާ އެންމެ ކާމިޔާބު އެއް އުކުޅަކީ "ނެރޭޝަން" ނުވަތަ ކިޔައިދިނުމެވެ. ވާހަކަ ކިޔައިދެއްވާފައިވަނީ ވާހަކައިގެ ޝަޚުޞިއްޔަތުތަކާއި ހުރިހައި ކަމެއް އެނގޭ މީހާގެ ނަޒަރުންނެވެ. ޕްލޮޓުގެ ސިފަކުރުމެއްގެ ތެރޭ ކިޔުންތެރިޔާއާ މުޚާޠަބުކުރައްވާފާނެއެވެ. މިސާލަކަށް، ޙުސްނާ ލައިގެން ހުރި ހެދުން ސިފަކުރައްވަމުން ވިދާޅުވެފައިވެއެވެ.

"އެ ލިބާސްކޮޅުގެ ކުލައެއް މި ތަންވަޅަކު ހަނދާނެއް ނެތެވެ."

އިތުރު މިސާލެކެވެ. މި ފަހަރު ޙުސައިން ޙަލީމާއި ހަސީނާގެ އިނގިލިތައް ބީހިލުމުން އެ ދެމީހުންނަށް ކުރެވުނު އިހުސާސް ސިފަކުރައްވަން ފައްޓަވާފައި، ކިޔުންތެރިންގެ ކުރިމަތީ، އެ ދެ ޝަޚުޞިއްޔަތުގެ ޢަބުރުވެރި ލޯތްބާއި، ސާދާ ހަރަކާތްތައް ދިފާޢު ކުރައްވަމުން ލިޔުއްވާފައިވެއެވެ.

"މިތަން ކިޔާފައި، މިފޮތް ބަލާ ބައެއް މީހުން މަލާމާތުގެ ހުނުމެއް ހީފައި، ދެމީހަކުގެ އިނގިލިތައް ޖެހިލީމައި، އެފަދަ ގަދަ އަސަރެއް ކުރާނީ ކީއްވެގެންހޭ ސުވާލުކުރާ އަޑު އެބައިވެއެވެ."

މީގެ އިތުރުން ނެރޭޝަންގެ ތެރެއިން ޝަޚުޞިއްޔަތުތަކާ މުޚާޠަބުކުރާ ހާލަތްތައްބެސް ފެނެއެވެ. މި އުކުޅުގެ ސަބަބުން، ވާހަކައިގެ ޕްލޮޓަށް އެއްގޯސްވިޔަ ނުދީ ކިޔުންތެރިޔާގެ ސަމާލުކަން ހިފަހައްޓާލައެވެ.

މިހާރުވެސް މާ ދިގުވެއްޖެއެވެ. މި ފޮތާމެދު ފާޅުކުރަން ބޭނުން އެތައް ޝުޢޫރެއް އެހެން ފަހަރަކަށް ފަސްކޮށްލާނަމެވެ. މި ވާހަކަ، ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގެ ތަރިކައަކަށް ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ދިވެހި ބަހުން ލިޔެ ޝާޢިޢުކުރި ފުރަތަމަ "ވޯ ރޮމޭންސް" ކަމަށް ވަކާލާތު ކުރާނޭ ޖާގަ އެބައޮތެވެ. މިއީ ދިވެހި ބަހުން ވާހަކަ ލިޔުއްވުމަށް އިހުގެ އަދީބުން ކުރި މިންނެތް މަސައްކަތތްކުގައި ބައިވެރިވެވަޑައިތުމަށް އަމީން ދީދީ ކުރެއްވި މަސައްކަތެކެވެ. އޭރުގެ އާދަކާދަތަކާއި، ބަވަނަވަމުންދިޔަ ރާއްޖޭގެ އާދަކާދަތައް އެކުލެވެމުންދިޔަ ގޮތެވެ. އޭރުގެ ތަރުބަވީ ޢިލްމުގައި އަންހެނުންގެ މަޤާމާއި ދައުރު ސިފަކުރެވޭ ގޮތެވެ. އަދި އެންމެ ޚާއްޞަކޮށް، ޢަބުރުވެރި، ކެތްތެރި، ސާފު ލޯބީގެ ޤުރުބާނީގެ ވޭންތަކެވެ. މިހުރިހާ ސިފައެއް، އަމީން ދީދީގެ ވައްޓަފާޅީގައި ހުށަހަޅުއްވާފައިވަނީ ޙަސީނާގެ ކެތްތެރި ނިންމުމުން ކިޔާ މީހުންނަށް ޙާޞިލްކުރެވޭނޭ ޢިބުރަތްތައްވެސް ހިމަނައިގެންނެވެ.