Advertisement

މަގުބޫލު ކަމެއްނެތި ގެނެވުނު ޖުމްހޫރިއްޔަތު

11 ނޮވެންބަރު 2023 - 17:15 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


މަގުބޫލު ކަމެއްނެތި ގެނެވުނު ޖުމްހޫރިއްޔަތު

11 ނޮވެންބަރު 2023 - 17:15 1

"އެއީ ހުކުރު ދުވަހެވެ. އަހުރެންވެސް ފަތިސް ނަމާދުން ފައިބައިގެން އައިސް ގެއަށް ވަދެލާފައި ނިކުތީ ގައުމީ ހޮޓަލާއި ދިމާއަށް ދާށެވެ. މަޖީދީ މަގަށް ނިކުތް އިރު ކަމާ ދާކަށް ނެތެވެ. ބޮޑުގުޅަ މައިޒާންދޮށަށް ފުދޭ ވަރަކަށް މީހުން އެއްވެފައި އޮތެވެ. މޫނިމާ ހޮޓަލުގައި ބޯނެ ވަރަކަށް ބޯން ސައި ހަދާފައި އޮތެވެ. މުޅިން ހިލެއެވެ. މައިޒާންދޮށަށް އަންނަހާ މީހަކު އަންނަނީ އެތަނުން ސައި ބޮއެގެންނެވެ. އަދި އެ އަންނަ ކޮންމެ މީހަކުވެސް އަންނަނީ ބިޑިއެއް ނުވަތަ ސިނގިރެޓެއް ރޯކޮށްގެނެވެ. މިކަމާ އަހުރެން ކުޑައިކޮށް ބިރުވެސް ގަތެވެ. އެހެނީ އެއިރު އެއީ ދުންފަތް މަނާކޮށްފައި އޮތް ދުވަސްވަރަކަށް ވާތީއެވެ.

މި އެންމެންގެ ތެރޭގައި އިސްވެގެން ހުރި ވެރިޔަކީ ގުޅީ އީސާ ކަލޭގެފާނެވެ. އީސާ ކަލޭގެފާނަށް އަހުރެން ހަމަ ފެނުމާއެކު އައިސް ފުރަތަމަވެސް ދިއްކޮށްލީ ސިގިރޭޓެކެވެ. އަދި ބުނުއްވައިފިއެވެ. މިނާގެއަށް އަވަހަށް ދުރުވާށެވެ. ޞަލަވާތްފުޅު ކިޔަވަންވެގެންނެވެ. ދެން އިސާހިތަކު އެތަނުގައި ތިބި ގިނަ އަދަދެއްގެ ބަޔަކާއި އެކު މިނާގެއަށް ވަދެ އަހުރެން އިސްވެ ސަލަވާތްފުޅު ކިޔަވައިފީމެވެ. ވާން މިއުޅޭ ގޮތެއްގެ އިޝާރަތެއް ލިބުނީ ދެނެވެ. ހުކުރުގެ ފަހުން ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވަނީއެވެ. ހިނގަހިނގާ އޮތް އަމީންދީދީގެ ޖުމްހޫރީ ވެރިކަމާ ދެކޮޅަށެވެ.

ކޮންމެ މީހަކުމެ ރޯކޮށްގެން މިއުޅޭ ސިނގިރޭޓުގެ ހަގީގީ މާނަ ރަނގަޅަށް ފަހުމުވީވެސް ދެނެވެ. އެއީ ސަރުކާރުގެ ބާރު ކެނޑިއްޖެކަން ދައްކާލުމުގެ ގޮތުން ކޮށްގެން އުޅޭ ކަމެކެވެ. ސަންޕަ ކުޑޭ ހޮޓަލުގައި ހިލޭ ސައި ބުއިމުގެ އިންތިޒާމު ހަމަޖެހިފައި އެއޮތީވެސް ފަސްގަނޑަށް ދުރުވާން ނިކުމެ ތިބި މީހުންނަށްޓަކައެވެ. މިކަމަކީ ވަރަށް މަތިން ފެށިގެން ރޭވިގެން ހިނގަމުންދާކަމެއްކަން އެއިރު އަހުރެން ނުދެނަހުރީމެވެ. އަހަންނަށް މި ހުރެވުނީ މާފަންނުން އެކަމުގައި އެންމެ ނަގާ ކިޔާ ޖަމާއަތުގެ ތެރޭގައެވެ. އަމީނުގެ ޖުމްހޫރީ ސަރުކާރާ ދެކޮޅަށް މާފަންނުގެ އެންމެ ނަގާ ކިޔާ ޖަމާއަތުގެ ވެރިޔަކަށް އެހުންނެވީ އަހުރެންގެ އަވަށްޓެރިއެކެވެ. އަހުރެންގެ ބައްޕަގެ ބޮޑު ރަޙުމަތްތެރިއެކެވެ. ގުޅީ ޢީސާ ކަލޭގެފާނެވެ.

ކޮންމެއަކަސް މިނާގޭގައި ސަލަވާތްފުޅު ކިޔަވާ ނިންމާލުމަށްފަހު އަޅުގަނޑު ދެން ދަނީ އޭ ބުނެފައި ތެދުވުމުން އީސާ ކަލޭގެފާނު އަނެއްކާވެސް ސިނގިރޭޓެއް ދިއްކޮށްލެއްވިއެވެ. ކުރިން ދެއްވި ސިނގިރޭޓުވެސް ޖީބުގައި މިއޮތީއޭ ބުނެފައި ހިނގައިގަތުމުން މިއެއް މަދެއް ނުވާނޭ ބުނުއްވާފައި ގަމީހު ޖީބަށް އެވެސް ލައްވައިފިއެވެ. ދެން އަހުރެން އަވަސް އަވަހަށް ނިކުމެ ބާރަށް ހިނގާފައި އައިސް އެރީ ގައުމީ ހޮޓާ މައްޗަށެވެ. އެތަނުގައި ތިބި މީހުނާ ދިމާއަށް މިއަދަކީ އާދައިގެ ދުވަހެއް ނޫނޭ ބުނެފީމެވެ. އެތާ ތިބި ބަޔަކަށްވެސް ވާން އުޅޭކަމެއް ވާން އުޅޭކަން އޮތީ އެނގިފައެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

އަހުރެންވެސް ހުކުރަށް ދާނީ އެތާ (ގައުމީ ހޮޓަލުގައި) ހުރެފައޭ ހިތާ ކުޑައިކޮށް އަރާމުކޮށްލަން ހޮޓާ މަތީގައި ހުރި މޭޒެއްގެ މަތީގައި އޮށޯވެލީ ކުޑައިކޮށް އަރާމުކޮށްލާށެވެ. އެކަމަކު ކަންވީ ގޮތަކީ މާގަދައަށް ނިދުނީއެވެ. ދެން ހޭލެވުނީ ބޭރު ތެރެއިން ބަޔަކު ހަޅޭއްލަވާ އަޑަށެވެ. އަވަހަށް ތެދުވެ ބޭރު ބަލައިލި އިރު މާފަންނާ ދިމާއިން ބޮޑު ޖަމާއަތެއްގެ ބަޔަކު ހަޅޭއްލަވަމުން އަންނަނީއެވެ. އަހުރެންވެސް އަވަސް އަވަހަށް އެތަނުން ފައިބައިގެން ސައްކަރަންޏާ އާއި ދިމާއަށް ދުއްވައިގަތީމެވެ.

ކޮންމެއަކަސް ސައްކަރަންޏާ އިން ގުޅަކުޅޭ ފަސްގަނޑަށް ވަތް އިރު ދޮރޯށި ލައްޕަންވެސް ބަޔަކު މަސައްކަތް ކުރެއެވެ. އެކަމަކު އެކި ދިމަދިމާއިން އެތަނަށް އެއައި ގިނަ ބަޔަކަށް އެތަނަށް އެއިރު ވަދެވިއްޖެއެވެ. އެއިރު މުޅި ފަސްގަނޑުގައި އޮތީ ސަރުކާރާ އިދިކޮޅު ރޫޙެވެ. އިދިކޮޅު އަޑެވެ. ގައުމުގެ ރައީސް މުހައްމަދު އަމީން ރާއްޖެއަކު ނެތެވެ. ހަމަ ކޮންމެ މީހަކުމެ އުފުލަމުންދަނީ އަމީންދީދީގެ ވެރިކަމާ ދެކޮޅު އަޑެވެ. އެތަނުން އެންމެ ހަނދާން ހުންނަ އެއްކަމަކީ އެތަނަށް ރުޅި އަރައިގަނެގެން އެއްވެ ތިބި ރައްޔިތުންނާ ދިމާއަށް ގަލޮޅު ބޮޑު ސަރުދާރު ނިކުމެ ހުރިހާ ބޭކަލުން ގެއަށް ދުރުވާށޭ ބުނެ ހަޅޭއްލަވައި ގަތުމުން އޭނާ ވައްޓާލާ އަނގަޔަށް ވެލި އެޅި ހަނދާނެވެ. އެދުވަހަށް އިރު އޮއްސުނުއިރު، އަމީންދީދީގެ ޖުމްހޫރީ ސަރުކާރުވެސް އޮއްސި ހިނގައްޖެއެވެ."

އިސްވެ ދެންނެވިފައި އެވާ ވާހަކަކޮޅަކީ އަޅުގަނޑުގެ އިސް އެދުރުބޭ މީގެ ގާތް ގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން ފުރަތަމަ ޖުމްހޫރިއްޔާ އުވި ދިޔަ ގޮތާއި ބެހޭ ގޮތުން ވިދާޅުވެ ދެއްވި ވާހަކަކޮޅެކެވެ. މި ވާހަކަ ލިޔެފައި އެވަނީ އެދުރުބޭ ވިދާޅުވެދެއްވި ގޮތަށް ސީދާ ބަހުން ބަހަކަށް ނޫނެވެ. ލިޔެފައި އެވަނީ އަޅުގަނޑުގެ ސިކުނޑީގައި ނޯޓު ކުރެވިފައި އޮތް ވާހަކަ އަމިއްލަ އިބާރާތުންނެވެ. ވާހަކައިގެ މަފުހޫމާ "ޕްލޮޓު" ގައި ކުށެއް ނެތަސް އެދުރުބޭ ވިދާޅުނުވާ އެއްޗެއް ލިޔެވިފައިވެސް އޮވެދާނެކަމަށް ދެކެމުން އެ މަރުޙޫމު އެދުރުގެ ކިބައިން މަޢާފަށް އެދެމެވެ. ހަމައެހެންމެ އެދުރުބޭއަކީ އަމީންދީދީ އާއި ދެކޮޅަށް ހުންނެވި ފަރާތެއް ނޫންކަމުގައިވެސް މި ތަނުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުމެވެ.

ދެން އަނެއްކާވެސް މަޢުޟޫއަށް ރުޖޫޢަވަމާތޯއެވެ! އެދުރުބޭ ވިދާޅުވެދެއްވާފައި އެވަނީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވިގެން ދިޔަ ޖުމްހޫރީ ވެރިކަން ނިމުމަކަށް އައި ދުވަހުގެ ކުޑަ މަންޒަރެކެވެ. އެ ވިދާޅުވި ހުކުރު ދުވަހަކީ 1953 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 21 ވަނަ ދުވަހެވެ. އެދުވަހަށް އިރު އޮއްސިގެން ދިޔައިރު އެ ޖުމްހޫރިއްޔަތުގައި އެއްވެސް ދިރުމެއް ނެތެވެ. އުވި ހިނގާއްޖެއެވެ. މިފަހުގެ ބައެއް "ސިޔާސީ ބޭފުޅުން" އެދުވަހު އެ ހިންގީ ބަޣާވާތެއްކަމަށް ސިފަކުރައްވަން އުޅުއްވިޔަސް ހަގީގަތުގައި އެއީ ރައްޔިތުން ތެދުވެ ގެނައި ބޮޑު އިންޤިލާބެކެވެ. އަމީންދީދީއަށްޓަކައި އުފަންކުޅަ ޖުމްހޫރީ ވެރިކަން އުވިގެން ދިޔައީ ދިވެހި ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށްޓަކައި އެދިއެދި ތިއްބާކަމީ ތަޢައްސަބުން އެއްކިބާވެ ހުރި އަދި ތާރީޚަށް ތެދުވެރި ހަމަ ކޮންމެ މީހަކުމެ ގަބޫލު ކުރާނެ ހަގީގަތެކެވެ.

އާދެ! މިއަދުގެ ބައެއް ޒުވާން ކުދިންނަށް އަރާފައި އޮންނަ އޮޅުމެއްވެސް ފާހަގަކޮށްލަން އަޅުގަނޑު ބޭނުމެވެ. އެއީ މުހައްމަދު އަމީންދީދީގެ ހަށިކޮޅަށް އަނިޔާކުޅަ ދުވަހާ ޖުމްހޫރިއްޔާ އުވާލި ދުވަހާ މިއީ މުޅިން ދެ ދުވަހެއްކަމެވެ. ޖުމްހޫރީ ސަރުކާރު އިންގިލާބަކުން އުވާލެވުނު އިރު މުހައްމަދު އަމީންދީދީ ހުންނެވީ ސިލޯނުގައެވެ. ރާއްޖެ ވަޑައިގެންނެވުމުން އެދީދީ ގެންދެވީ ދޫނިދޫއަށެވެ. ބެހެއްޓެވީ ދޫނިދޫ ގަނޑުވަރުގައެވެ. އެތަނުގައި ހުންނަވާ ސިއްރިއްޔާތުގައި މާލެ އަރައިވަޑައިގަތީ ގެއްލެނު ވެރިކަން އަލުން ހޯއްދަވާކަށް ނޫނެވެ. ހަމައެހެންމެ އުވިދިޔަ ޖުމްހޫރިއްޔާ އަލުން ގާއިމު ކުރެވޭތޯ މަސައްކަތްޕުޅު ކުރައްވާކަށެއްވެސް ނޫނެވެ. ކިއެއްތަ މާލެ އަރައިވަޑައިގެންނެވީ ކަކާގޭ އަލްމަރުޙޫމު އިބްރާހިމް ޙިލްމީ ދީދީ ރަސްކަލަކަށް ބަހައްޓަވައިގެން މުޙައްމަދު އަމީން ދީދީ ބޮޑު ވަޒީރަކަށް ހުންނަވައިގެން ވެރިކަން ކުރައްވާށެވެ. ހަށިކޮޅަށް ބޮޑެތި ޒަޚަމްތައް ލިބިވަޑައިގެން ލާއިންސާނީ އެތައް އަނިޔާއެއް ރައްޔިތުންގެ ފުށުން ލިބިވަޑައިގެންނެވި ދުވަހަކީ އެއީއެވެ.

ދެން އެނބުރި ބަލާލަންވީ ޖުމްހޫރިއްޔަތެއް ގާއިމުވެގެންދިޔަ ގޮތުގެ މައްޗަށެވެ. އެއީ އެކަމަށްޓަކައި ބަޔަކު މީހުންކުޅަ ބުރަ މަސައްކަތުން ގެނެވުނު ބަދަލެއްތޯއެވެ. އެއީ ރަސްކަމާ ދެކޮޅުވެރިކަން ބޮޑުވެ ޖުމްހޫރީ ފިކުރު އާލާވެ މުޅި ގައުމުގައި އޭގެ މޫތައް ދުވެގެން ގެނެވުނު ނިޒާމެއްތޯއެވެ. ނޫނީ އެއީ ޖުމްހޫރިއްޔަތެއްގެ ރޫޙު ބަޔަކު މީހުން ފަތުރައިގެން ގެނެވުނު ނިޒާމީ ބަދަލެއްތޯއެވެ. ދަންނަވަން ޖެހެނީ ނޫނެކެވެ. އާއްމު ރައްޔިތުންނަށް ޖުމްހޫރިއްޔަތޭ ބުނުމުން އެއީ ކިހިނެތް ހިނގާ ކިހިނެތްވާ ނިޒާމެއްކަން ނުވެސް އެނގެއެވެ. އަދި ފުރަތަމަ ޖުމްހޫރީ ވެރިކަމެއްގެ ރައީސަށް ވެވަޑައިގެންނެވި މުހައްމަދު އަމީންދީދީއަކީވެސް ޖުމްހޫރީ ފިކުރަށް މާބޮޑަށް ލެނބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ޚުދު އެކިލެގެފާނު ވަކާލާތު ކުރައްވާފައި ވަނީވެސް ރާއްޖޭގައި ވިރާޘީ ރަސްކަމެއް ބޭއްވުމަށެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ދިގު 33 އަހަރުގެ ރަސްކަން ނިމުމާއި އެކު ދެން ރާއްޖޭގެ ވެރިކަމުގެ އެންމެހައި ބާރާ އާރު މިލްކުވެ އޮތީ އަތިރީގެއަށެވެ. މިހެން މި ދެންނެވީ ރަސްކަމުގެ މައްޗަށްވެސް ހިނގަމުން ދިޔައީ އެބޭފުޅުންގެ ބާރުކަމަށްވީމައެވެ. ޝަމްސުއްދީނަށް ފަހު ދެން ރަސްކަމަށް "އިންތިޚާބު" ކުރެއްވި ރަސްކަލަކީ އައްސުލްޠާން ޙަސަން ނޫރައްދީނު ދެވަނައެވެ. އެރަދުންގެ ރަސްކަމުގެ ދުވަސްވަރު އަތިރީގޭގެ ފަރާތުން ރަސްގެފާނުގެ ޢިއްޒަތް ކުޑަ ކުރެއްވިއެވެ.

މަޝްހޫރު ބޮޑު ތިލަދުންމަތީ މީހުން މާލެ އައި ދުވަހުގައި " ރާއްޖޭގެ ރަސްގެފާނުގެ ޢިއްޒަތާއި ތާނިޔާ ނެތިދިޔަ ގޮތެއް އަންގާށޭ" އެބައިމީހުން ގޮވީވެސް އެހެންވެއެވެ. ބޮޑު ތިލަދުންމަތީ މީހުން މާލެ އައީ ޖުމްހޫރިއްޔަތެއް ގާއިމުވުމުގެ ދިހަ ވަރަކަށް އަހަރު ކުރީންނެވެ. އެބައިމީހުން މާލެ އައިސް އެ ގޮވާލި ގޮވާލުންތަކުން އެއިރުވެސް ރައްޔިތުންގެ ހިތުގައި ރަސްކަމާ ދެކޮޅުވެރިކަމެއް އުފެދިފައި ނެތްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ.

އައްސުލްޠާން ޙަސަން ނޫރައްދީނަށް ތަޚުތުގައި އިންނެވޭ ގޮތް ނުވެގެން އިސްތިޢުފާ ދެއްވި ހިސާބުން ދެން މުޅި ދިވެހި ވެރިކަން އަތިރީގެއަށް މިލްކުވީއެވެ. ހުހަށް ހުރި ދިވެހި ރަސްކަމުގެ ތަޚުތުވެސް އޮތީ އެބޭފުޅުންގެ މުށްޕުޅު ތެރޭގައެވެ. އަދި އެގޮތުގައި އެބޭފުޅުން ކުރައްވަމުން ގެންދެވި ގަދަބަދަވި ވެރިކަމުގެ ސަބަބުން އާއްމު އެތައް ދިވެހީންނެއްގެ ހިތުގައި ދިޔައީ އަތިރީގެއަށް ނަފުރަތު އުފެދި ބޮޑުވަމުންނެވެ. މިގޮތުގައި އައިސް ހުރަވީ ރަސްކަމާ ސީދާ ގޮތުން އެއްވެސް ގުޅުމެއް ނެތް އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖޭގެ ރަސްކަމަށް "އިންތިޚާބު" ކުރެވުނެވެ. އަދި ކިލެގެފާނު އެގޮތުގައި ހުންނަވާ އަވަހާރަވުމުން ދެން ދިވެހި ތަޚުތު ހުށައެޅުނީ އަމީންދީދީއަށެވެ.

މި ދަނޑިވަޅުގައި އަމީންދީދީ ވިދާޅުވީ "ރާއްޖޭގެ ރަސްކަން ވިރާޘީ ރަސްކަމަކަށް ބަދަލުވެފައި އެމަނިކުފާނު ނޫން ބޭފުޅަކު ރަސްކަމަށް އިސްވެވަޑައިގަތުމުން ހާލަށާއި މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތުގައި ވެރިކަން ހަމަޖެހުނީއެވެ. ކޮންމެއަކަސް އެއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް މިރާއްޖޭގެ ވެރިކަން ކުރެއްވޭނެ ފަރާތަކަށް މުހައްމަދު އަމީން ދީދީ ނޫން އެހެން އެއްވެސް ބޭފުޅެއް ހުންނެވިކަމަކަށް ފެނިވަޑައެއް ނުގެންނެވިއެވެ. އެކަމަކު އަމީންދީދީ ރަސްކަމުގެ ތަޚުތު ގަބޫލުފުޅެއް ނުކުރެއްވިއެވެ. މިހެންކަމުން މުހައްމަދު އަމީންއަށް ވެރިކަން ކުރެއްވޭނެފަދަ ނިޒާމަކަށް ރާއްޖޭގެ ވެރިކަން އަނބުރާލުމުގެ ގޮތުން ޖުމްހޫރިއްޔަތަކަށް އަނބުރާލީއެވެ. އެކަމަށްޓަކައި ވަރަށް ހަނި ދާއިރާއެއްގެ ތެރެއިން ފެންނަ ނުފެންނަ ވޯޓެއްވެސް ނެގި ޖުމްހޫރިއްޔަތަކަށް އަޣުލަބިއްޔަތުވެސް ލިބިގެނެވެ.

އާދޭހެވެ! ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމު ކުރެވިގެން ދިޔައީ އެކަމަށްޓަކައި ރައްޔިތުން ބޭނުންވެ އެދި ގޮވައިގެނެއް ނޫނެވެ. 7 މަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ނިޒާމު އުވެން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީވެސް އެއީއެވެ. އަމީންދީދީގެ ޖުމްހޫރިއްޔަތަށްފަހު ދެން އަނެއްކާވެސް ދިވެހި ވެރިކަން އެނބުރުނީ ރަސްކަމަކަށެވެ. ރަސްކަމުގެ ތަޚުތައް އިންތިޚާބު ކުރެވުނީ ނޫރައްދީނު ބަންޑާރައިންގެ ކާފަ ދަރިކަލުން މުހައްމަދު ފަރީދު މަނިއްޕުޅެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ނަންފުޅުގައެވެ. މި ރަސްކަން ދެމި އޮތީ 14 އަހަރާއި ދުވަސްކޮޅެކެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް ދިވެހި ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލެވުނީއެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ އެދުވަހުގެ ހަނދާންތަކެވެ.

މަރުޙޫމު ޝިހާބު ލިޔުއްވަނީ:

"....އެއްދުވަހުން އަނެއްދުވަހަށް ރަދުންނަކީ ހަމައެކަނި ގާނޫނު ތަސްދީގުކުރެއްވުމުގެ ސޮއިކުރެއްވުމަށާއި ޢިއްޒަތުގައި ހުކުރަށް ވަޑައިގަތުމަށް ހުންނެވި ބޭފުޅަކަށް ހެދިއްޖެއެވެ. އެންމެފަހުން އެގޮތްވެސް ކަމު ނުގޮސްގެން ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ ވަލީ އެކަމަށް ދަހިވެތިވެފައިވާ ފަރާތަކުން އަތުލައިގެންފިއެވެ. މިދެންނެވި ގޮތުގައި ކަން ހިނގަމުން ދިޔަ ދުވަސްވަރުވެސް މުހައްމަދު ފަރީދު ސާބިތު ކުރައްވަމުން ގެންދެވީ އޭނާގެ މާތްކަމުގެ ތަފާތު ސިފަތަކެވެ..."

1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 11 ވަނަ ދުވަހުގެ 00:00 ގައި ދިވެހި ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހި އަނެއްކާވެސް ޖުމްހޫރިއްޔަތެއް ފެށިގެން އައެވެ. މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވުމުގެ ޝަރަފު ހާސިލު ކުރެއްވީ އަލްފާޟިލު ވެލާނާގޭ އިބްރާހިމް ނާސިރެވެ. އެދުވަހުއްސުރެ ހިނގަ ހިނގާ މި އޮތީ އެ ޖުމްހޫރިއްޔަތެވެ. އާއްމު ރައްޔިތުންގެ މާބޮޑު ޝާމިލުވުމެއްނެތި އަދި މަގުބޫލު ކަމެއްނެތި ގެނެވުނު ނިޒާމަށް 55 އަހަރު ފުރިގެން ދިޔައީއެވެ. އެހެނަސް މިއަދު މިއީ އެންމެ މަގުބޫލު ނިޒާމެވެ. އެންމެންހެން ދެކޭ އެންމެ ހެޔޮ ވެރިކަމުގެ ނިޒާމު ނޫންތޯއެވެ! ބަދަލަކީވެސް މިފަދަ ކަމެކެވެ.