17 މާރިޗު 2022 - 10:42 0
17 މާރިޗު 2022 - 10:42 0
ޓިއުރިން (މާޗު 17) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި ރޭ ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ޔުވެންޓަސް ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، މުބާރާތުން ކެޓުމަކީ ފެއިލްވުމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މެސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ލަނޑުތައް ޖެހި މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ. ރޭގެ މެޗަށް ފަހު ދެ ލެގަށް ބަލާއިރު، އެގްރިގޭޓުން ވިޔަރެއާލް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
ޗެމްޕިއަންސް ލީގުން ޔުުވެންޓަސް ކެޓުމާ އެކު، އެ ޓީމުގެ ކޯޗު އަލެގްރީ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ އެވެ. މީގެ ކުރިން ޔުވެންޓަސްގެ ކޯޗުންގެ ވަޒީފާ ގެއްލިފައި ހުރީ ޔޫރަޕްގައި ނެރެފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ.
އެކަމަކު މެޗަށް ފަހު ވާހަކަ ދައްކަމުން އަލެގްރީ ބުނީ ޗެމްޕިއަންްސް ލީގުން ކެޓުމަކީ ލަދުވެތި ކަމެއް ނޫން ކަމަށާއި ހަލާތަށް ބަލާއިރު، މިއީ ފެއިލްވުމެއް ނޫން ކަމަށެވެ.
"ޔޫރަޕްގައި މި ވަގުތު ޔުވެންޓަސް އަށް ވުރެ މަތީ ފެންވަރެއްގައި އޮތް 10 ޓީމު އެބައޮތް. މިއީ ލަދުވެތިވާންޖެހޭ ކަމެއް ނޫން. މިއީ ހަގީގަތް. މިއީ ފެއިލްވުމެއް ނޫން،" އަލެގްރީ ބުންޏެވެ. "މުޅި މެޗަށް ބަލާއިރު ޔުވެންޓަސް އިން ރަނގަޅަށް ކުޅުނު. ދެ ވަނަ ހާފުގައި ވިޔަރެއާލް އިން ކުރި ހަމައެކަނި ކަމަކީ ޑިފެންސްކުރުން. ލިބުނު އެންމެ ފުރުސަތެއްގެ ބޭނުން އެ ޓީމުން ހިފީ."
ފާއިތުވި ދެ ސީޒަންގައި ވެސް، ޔުވެންޓަސް ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުން ކަޓައިފަ އެވެ. އެއީ ލިޔޯނާއި ޕޯޓޯ އަތުންނެވެ. އެއީ ވެސް ޔުވެންޓަސް އަތުގައި ކޮންޓްރޯލް އޮވެމެ، ނަތީޖާ ނުނެރެވިގެން ކެޓި ދެ ފަހަރެވެ.
ޔުވެންޓަސްއާ އެކު ޖެހިޖެހިގެން ފަސް އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އަލެގްރީ އެ ޓީމުގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވީ މިދިޔަ އަހަރެވެ. އެކަމަކު، އަލުން އެނބުރި އައިސް އަލެގްރީ އަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އިޓާލިއަން ލީގު ތާވަލްގައި ޔުވެންޓަސް މި ވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. -- އޭއެފްޕީ
Comment