Advertisement

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސަން ސިވިލް ކޯޓުން އަންގައިފި

16 މާރިޗު 2022 - 13:11 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ނ. ތޮޅެންދޫ. އެ ރަށުގައި ދިރިއުޅުނު މީހުން މިހާރު ދިރިއުޅެނީ ކެނދިކުޅުދޫގައި، ފޮޓޯ: ސީ ފްރޮމް ދަ ސްކައި


ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސަން ސިވިލް ކޯޓުން އަންގައިފި

16 މާރިޗު 2022 - 13:11 1

ނ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތޮޅެންދޫ، 21 އަހަރުގެ މުއްދަތަކަށް ބަޔަކަށް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލަން އަންގައި ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ތޮޅެންދުއާ ގުޅޭ އެ މައްސަލައިގައި އެދުނީ އަތޮޅު ކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއަށް އެ ރަށާ ގުޅޭ ގޮތުން އެރުވި މަޝްވަރާއާ ހިލާފަށް އެ ރަށް ކުއްޔަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރަމުންދާ ބުނެ، އެކަން ހުއްޓުވުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ ތޮޅެންދޫ ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، އެ މައްސަލައިގައި ގޮތެއް ނިންމަންދެން އެ ރަށް އެހެން ފަރާތަކަށް އެވޯޑުކޮށް އެހެން ފަރާތެއްގެ މަސްލަހަތު އެ ރަށުގެ މައްޗަށް އުފަންކުރުވަފާނޭފަދަ އެެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގާ ކަމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމުގެ ގާނޫނުގައި އަތޮޅު ކައުންސިލަށް ނިސްބަތްވާ ދާއިރާގެ ފަޅުރަށްރަށާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން، ކުއްޔަށްދޭން އަދި ވަރުވާއަށް ވެސް ދޭން ވާނީ އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން ކަމަށް ބަޔާންކުރާކަން ފާހަގަކޮށްފަ އެވެ.

އެކާވީސް އަހަރުގެ ދިގު މުއްދަތަކަށް ތޮޅެންދޫ ކުއްޔަށް ދޭން ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. މީގެކުރިން މީހުން ދިރިއުޅުނު ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ އެ ރަށަށް ހުށަހެޅި ބިޑުތައް އިވެލުއޭޓްކުރަމުންނެވެ.

ނަމަވެސް އަތޮޅު ކައުންސިލުން ވަނީ އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ބުނެ ގަރާރެއް ފާސްކޮށްފަ އެވެ. އަދި އެކަން ވަނީ ސަރުކާރުގެ އިދާރާތަކަށް ވެސް އަންގައިފަ އެވެ.

އެ މައްސަލައިގައި ކައުންސިލުން ވަނީ އެެ ރަށް ފިޝަރީޒް މިނިސްޓްރީން ދިގު މުއްދަތަކަށް ކުއްޔަށް ދީފިނަމަ ރައްޔިތުންގެ އާންމު ބޭނުންތަކަށް ބޭނުންކުރަން ހުރި މަދު ރަށްތަކުގެ ތެރެއިން ރަށެއް ގެއްލޭނެ ކަމަށް ބުނެފަ އެވެ.

އަދި ރައްޔިތުން ޒަމާނުއްސުރެ ތޮޅެންދުއަށް ދަތުރުކޮށް އެރަށުން ހޮވާ ދަރާއި ފަންފަދަ ތަކެތި ހޮވުމުގެ މަސައްކަތް ހުއްޓި، ރައްޔިތުންގެ އާދަކާދައަށް އަސަރުކުރާނެވަރުގެ މާލީ ގެއްލުމެއް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ނ. އަތޮޅުގައި ޖުމްލަ 69 ރަށް އޮންނަ އިރު އޭގެ ތެރެއިން މީހުން އާބާދުވެ ދިރިއުޅެމުން ދަނީ 13 ރަށެއްގަ އެވެ. މީހުން ދިރިނޫޅޭ ރަށްރަށުގެ ގޮތުގައި 47 ރަށް އޮންނައިރު، 18 ހެކްޓަރުގެ ތޮޅެންދުއަކީ އޭގެން އެއް ރަށެވެ. އެރަށާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ މާޅެންދުއާއި ކެނދިކުޅުދޫ އެވެ.

ތޮޅެންދޫގައި ދިރިއުޅުނު މީހުން ކެނދިކުޅުދުއަށް ބަދަލުކޮށް އެރަށަކީ ފަޅުރަށެއްކަމުގައި ސަރުކާރުން ހަމަޖެއްސީ ޖެނުއަރީ 10، 1993 ގަ އެވެ. ތޮޅެންދުއަށް ނިސްބަތްވާ ގިނަ ބަޔަކު ކެނދިކުޅުދޫގައި ދިރިއުޅެމުންދާއިރު، އެރަށުގެ އަވަށަކަށް ވެސް ތޮޅެންދޫގެ ނަމުން ނަން ދީފައި އޮވެ އެވެ.