Advertisement

ލެޖެންޑް ގީބާއާ އެކު ވޮލީ އެސޯސިއޭޝަންގެ ހާއްސަ އިވެންޓެއް

16 މާރިޗު 2022 - 10:17 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގީބާ (މ) އިއްޔެ ރާއްޖެ އަށް އައުމުން ކީ މަރުހަބާގެ ތެރެއިން މިނިސްޓަރު މަހުލޫފް (ކ) އާއި ވޮލީ އެސޯސިއޭޝަންގެ ރައީސް ރަނޭ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ލެޖެންޑް ގީބާއާ އެކު ވޮލީ އެސޯސިއޭޝަންގެ ހާއްސަ އިވެންޓެއް

16 މާރިޗު 2022 - 10:17 0

މާދަމާރޭ ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ރާއްޖެ އައިސްފައިވާ ބްރެޒިލްގެ ވޮލީބޯޅަ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ބައިވެރިވާ ހާއްސަ އިވެންޓަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ތައްޔާރުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ގީބާ ރާއްޖެ އަތުވެފައިވާއިރު، އޭނާ އަށް މަރުހަބާ ކިޔުމުގައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބައިވެރިވެވަޑައިގެންނެވި އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ގީބާއާ އެކު ބާއްވާ ހާއްސަ އިވެންޓް ތާވަލުކޮށްފައިވަނީ އަންނަ ހުކުުރު ދުވަހު ހަވީރު މާލޭ ބީޗްވޮލީބޯޅަ ކޯޓުގަ އެވެ. ގީބާ ވަނީ ހުކުރު ދުވަހު 16:30 އިން 18:00 އަށް ބާއްވާ މި އިވެންޓަށް އޭނާގެ ސަޕޯޓަރުންނާއި ކުޑަކުދިންގެ އިތުރުން ވޮލީބޯޅަ އާއިލާ އަށް ދައުވަތުދީފަ އެވެ.

ރާއްޖެ އައުމަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ގީބާ ބުނީ މި ފުރުސަތަކީ ރާއްޖޭގެ ކުޅިވަރާއި ވަކިން ހާއްސަކޮށް ވޮލީބޯޅަ ކުޅުންތެރިންނަށް އޭނާގެ ހިޔާލާއި ހުނަރު ހިއްސާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.

"މީގެ ވަރަށް މުހިންމު ކުޅިވަރުގެ ތައުލީމާއި ހުނަރު އެކީގައި ކުރިއެރުވުން އެއީ މީގެ މުސްތަގުބަލެއް ބިނާކުރެވޭނެ ގޮތަކީ،" ގީބާ ބުންޏެވެ.

ގީބާ އިއްޔެ އެއާޕޯޓުގައި ދިވެހި ކުއްޖަކު އުރާލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަން ކުރަމުން އަންނަ ގީބާ އަކީ ވޮލީބޯޅައިގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ގީބާގެ ކާމިޔާބީގެ ލިސްޓަށް ބަލާނަމަ، އޮލިމްޕިކްސް ގޭމްސްގެ ރަން މެޑަލާއި އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް، އެފްއައިވީބީ ވޯލްޑް ކަޕް، އެފްއައިވިބީ ވޯލްޑް ގްރޭންޑް ޗެމްޕިއަންޝިޕް އަދި އެފްއައިވީބީ ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ސްކައި ސްޕޯޓްގެ އެންމެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގީބާ ވަނީ ފޭމަސް މެގަޒިންގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ގީބާ ވަނީ އެންމެ މަތީ ފަންތީގައި 20 ވަރަކަށް އަހަރު ވޮލީ ކުޅުނުއިރު، އޭގެ ތެރެއިން 12 ވަރަކަށް އަހަރު ބްރެޒިލް ގައުމީ ޓީމަށް ކުޅެފަ އެެވެ.

ސްޕޯޓްސް އެވޯޑްސް އަށް އައިސްފައިވާ އެކި ކުޅިވަރުތަކުގެ ސަހުސިއްޔަތުން އަންނަނީ އެސޯސިއޭޝަންތަކާ ގުޅިގެން ސެޝަންތަކެއް ނަގަމުންނެވެ. އެ ގޮތުން ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން، އޮސްޓްރިއާގެ އަލްބިން އޫޝަން ވަނީ އިއްޔެ ހަވީރު ރާއްޖޭގެ ޕޫލް ބިލިއާޑް ކުޅުންތެރިންނާ އެކު ހާއްސަ ސެޝަނެއް ނަގައިފަ އެވެ.

މީގެ އިތުރުން ޖަރުމަނު ލީގުގައި އެންމެ ގިނަ މެޗު އިންސާފުކުރުމުގެ ރެކޯޑް އޮތް މާކަސް، މިއަދު ހަވީރު ރާއްޖޭގެ ފުޓްބޯޅަ ރެފްރީންނަށް ސެޝަނެއް ނަގައިދޭނެ އެވެ. މާކަސް ވަނީ ފީފާގެ އެންމެ މޮޅު ރެފްރީގެ މަގާމު ތިން ފަހަރާއި ޖަރުމަނުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހަ ފަހަރު ހޯދައިފަ އެވެ.