Advertisement

ރުޅިގަދަ ހާމިދުގެ ހަމަލާ ރަށު މުދިމަށް އަމާޒުވި ގޮތުގެ ވާހަކަ

16 މާރިޗު 2022 - 09:47 22

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ސޯމިދު ނުވަތަ ރަށު މީހުން ކިޔާ ގޮތުން ނަމަ ހާމިދު އޭނާގެ ފޯނުން ނަގާފައި އިން ސެލްފީއެއް: ހާމިދު ދަންނަ މީހުން ބުނަނީ އޭނާއަކީ ރުޅިގަދަ، ރުޅި ކޮންޓްރޯލްނުކުރެވޭ މީހެއް ކަމަށް -- ފޮޓޯ: ފައިލް


ރުޅިގަދަ ހާމިދުގެ ހަމަލާ ރަށު މުދިމަށް އަމާޒުވި ގޮތުގެ ވާހަކަ

16 މާރިޗު 2022 - 09:47 22

އަހުމަަދު މުހައްމަދު ރަޝީދުގެ ހިތުން، އެ ދުވަހަކީ ވެސް އެހެން ދުވަސްތަކާ އާދަޔާ ހިލާފު ދުވަހެއް ނޫނެވެ.

ތ. ދިޔަމިގިލީ، މަސްޖިދުއް އަމާނާތުގައި، ފަތިސް ނަމާދަށް އެ ދުވަހު ވެސް ބަންގި ގޮވީ ރަޝީދެވެ. ބަންގި ގޮވުމަށްފަހު، އިމާމުވެ ނަމާދުކޮށްލައިގެން، ރަޝީދު, 55, އަވަސްވެގަތީ އޭނާގެ ދުވަސް ފަށައިގަތުމަށެވެ.

ފަތިސް ނަމާދުކޮށްލައިގެން، އާދަޔާ އެއްގޮތަށް، ރަޝީދު އެ ދުވަހު ވެސް ދިޔައީ މެދަފުއްޓަށެވެ. އެ ރަށް އޮންނަނީ ދިޔަމިގިލީގައި ހުރެފަ، ގާބުރިއެއް އެއްލާލެވޭހާ ކައިރީގަ އެވެ. މެދަފުއްޓަށް ރަޝީދު ދިޔުމުގެ މައިގަނޑު ބޭނުމަކީ އޭނާގެ ތިމާގެ މީހަކު އެ ރަށުގައި ގެންގުޅޭ ކުކުޅުތަކަށް ކާން ދިނުމެވެ. އަދި ކަރާ ދަނޑަށް ފެންދިނުމެވެ.

މެދަފުށީގައި ކުރަންޖެހޭ މަސައްކަތުން އަވަދިވެގެން ރަޝީދު ދިޔަމިގިއްޔަށް އެނބުރި އައި ގޮތަށް ދިޔައީ އޭނާ ދިރިއުޅޭ ގެއަށެވެ. އެކަމަކު، ތޮއްޕެއް އަޅާލައިގެން، ބައިސްކަލުގައި އަލުން ގެއިން ނިކުތީ ފިހާރައަކަށް އެއްޗެއް ގަންނަން ދިއުމަށެވެ.

ހަސަން "ހާމިދު" ސޯމިދާ މަގުމަތިން ރަޝީދަށް ބައްދަލުވެވުނީ، ފިހާރައިން ގެއަށް ދިޔަ މަގުމަތީގަ އެވެ.

"ޑޮކްޓަރު ބުނީ ހަށިގަނޑަށް 13 ފަހަރު ވަޅި ޖަހާފައޭ ހުރީ. އެއްތަނަކަށް އެބަހުރި ދެ ތިން ފަހަރު ޖަހައިފަ ވެސް. ކަރާ މައިބަދައަށް ވެސް ގެއްލުންވެފަ ހުރީ. މިއަދު އެ ވައްދަނީ މައިބަދަ ކައިރީ ގަނޑުވެފަ އިން ލޭ ކޮޅެއް ނެގުމަށް ކުރާ އޮޕަރޭޝަނެއް ކުރުމަށް،" މިދިޔަ އާދީއްތަ ދުވަހު ސޯމިދު، ރަޝީދަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު ގެއްލުން، އޭނާގެ ތިމާގެ މީހެއް ކަމަށްވާ މުއުތަސިމް އަބްދުއްރަހީމް ކިޔައިދިނެވެ.

މިވަގުތު އައިޖީއެމްއެޗުގެ އޮތް ރަޝީދަށް އެހީތެރިވެދެމުން އަންނަ މުއުތަސިމް ބުނީ، ހާމިދުގެ ވަޅީގެ ހަމަލާ ރަޝީދަށް އަމާޒުވާންޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ. ރަޝީދު ހުރީ އެފަދަ ހަމަލާއަކަށް އެއްވެސް މިންވަރަކަށް ތައްޔާރުވެގެނެއް ނޫނެވެ. ހަމަލާދިން ވަގުތު، ވަޅި ފޮރުވާކަށް ހާމިދު މަސައްކަތެއް ނުކުރެ އެވެ. ވަޅި ފެނި، އެއާމެދު ޝައްކެއް ނެތް ވިސްނުމަކުން ރަޝީދު ސުވާލު ވެސް ކުރި އެވެ.

"ހާމިދު ފެނިގެން ރަޝީދު އޭނާއަށް ގޮވީ ވެސް. ވަޅިއެއް ހިފައިގެން ހުރީމަ އެހީ 'ތީ ހާދަ ކުޑަ ވަޅިއެކޭ، ތި މީހެއް ގަޔަށް ވެސް ނުވަންނާނެ ނޫންހޭ'،" ވަޅީގެ ހަމަލާ އަމާޒުވުމުގެ ހިނދުކޮޅެއް ކުރިން، ހާމިދުއާ ދެއްކި ވާހަކަ، ބަލިއެނދުގައި އޮތް ރަޝީދާ ހަވާލާދީ މުއުތަސިމް ކިޔައިދިނެވެ.

ކުރިން ދެ ކައިވެނިކޮށްފައި ހުރި ނަމަވެސް ރަޝީދަކީ މިހާރު ހުހަށް ހުރި މީހެކެވެ. އެންމެ ކުރީގެ އަނބިމީހާއަށް ލިބިފައި ތިބި، މަދަރުސާ ނިމި، ބޮޑުވެފައިވާ ދެ ކުދިން ރަޝީދުގެ ތިބެ އެވެ.

ދިޔަމިގިލީ މަސްޖިދުއް އަމާނާތް މިސްކިތުގެ މުދިމުގެ މަގާމު ރަޝީދަށް ދިނީ އޭނާއަށް ހަމަލާ ދިނުމުގެ ތިން ދުވަސް ކުރިންނެވެ. ހަމަލާ ދިނުމާ ހަމައަށް އޭނާއަށް އެ މިސްކިތުގައި ގޮވުނީ 11 ބަންގި އެވެ. ވަރަށް ރީތިކޮށް ގުރްއާން ކިޔަން ދަންނަ ރަޝީދަކީ މުދިމްކަމުގެ ސަނަދުގެ އިތުރުން ގާރީ ކޯސް ވެސް ފުރިހަމަކޮށްފައި ހުރި މީހެކެވެ. ކުރިން މާލޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަޒީފާއެއް އަދާ ކުރުމަށްފަހު ދިޔަމިގިއްޔަށް ބަދަލުވެ، ރަށުގައި އުޅޭތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. ރަށުގައި އެކި މަސައްކަތް ކުރި އެވެ. ރަށުގެ ބޯޓުޔާޑުގައި ވެސް ރަޝީދު އުޅުނެވެ.

އޭނާ ދަންނަ މީހުން ރަޝީދު ސިފަ ކުރަނީ މީހުންނާ ގުޅޭ، މަސައްކަތްތެރި އަދި ރަނގަޅު މީހެއްގެ ގޮތުގަ އެވެ.

"ރަނގަޅު، އެންމެނާ ވާހަކަ ދައްކާ މީހެއް އެއީ. ހާމިދާ ވެސް ރައްޓެހިވާނެ. އެކީގައި ކޮފީތަކަށް ވެސް ދާނެ. އެ ދުވަހު ހަމަލާ ދިނުމުގެ ކުރިން ވެސް ހަމީދު ކައިރީގައި ރަޝީދު އެހި 'މިހާރު ކޮފީއަށް ނާންނަނީ ކީއްވެގެންހެއްޔޭ'،" މުއުތަސިމް، 46، ބުންޏެވެ.

އެކަމަކު ދިޔަމިގިލި މީހުން ކިޔައިދިން ވާހަކަތަކުން އެނގޭ ގޮތުގައި، ރަޝީދުއާ ހިލާފަށް، ހާމިދު، 35، އަކީ، ދިރިއުޅުމުގަ އަދި މީހުންނާ މުއާމަލާތްކޮށް، އެކީ އުޅުމުގައި އައިބު ގޮތެއް ހުންނަ މީހެއް ކަމެވެ. ހާމިދުގެ އަންބަކާއި ދެ ދަރިން ތިބެ އެވެ. އެންމެ ދޮށީ ކުއްޖާ ޕްރީ ސްކޫލަށް ކިޔަވަންދާއިރު ހަގު ކުއްޖާ ސްކޫލަށްދާ އުމުރަކަށް އަދި ނާޅަ އެވެ. މައްސަލައެއް ޖެހުނުފަހުން، އަނބިމީހާ އާއި ދެ ދަރިން ހާމިދާ ވަކިން ލ. އަތޮޅުގައި އުޅޭތާ އަހަރެއްވެއްޖެ އެވެ.

ހާމިދަކީ ހީވާގި މަސްވެރިއެކެވެ. ކުރިން ރަށު ދޯންޏެއްގައި އުޅެފަ މިހާރު މަސައްކަތް ކުރަނީ ރ. މަޑުއްވަރީ މަސް ދޯންޏެއްގަ އެވެ. އާދީއްތަ ދުވަހުގެ ހާދިސާ ހިނގީ ދެ ތިން ދުވަހަށް ދޯނިން ފައިބައިގެން ހުރި ދުވަސްކޮޅެއްގަ އެވެ. ހާމިދުގެ ވާހަކަ ކިޔައިދޭން އޭނާ އުޅުނު ދޯނީގެ ކެޔޮޅު އަދި ތައްޔާރެއް ނޫނެވެ. އެކަމަކު ހާމިދުގެ އަވައްޓެރިން ބުނާ ގޮތުގައި އޭނާއަކީ ރުޅިގަދަ، ރުޅި ކޮންޓްރޯލް ނުކުރެވޭ މީހެކެވެ.

މީގެ ކުރިން އަނިޔާވެރި ޖިސްމާނީ އަމަލެއް އޭނާގެ ފުށުން ފެނިފައި ނެތް ނަމަވެސް ހާމިދު މީހެއް ގަޔަށް ވަޅި ޖަހައިފިކަމުގެ އަޑުއިވުމުން އޭނާ ދަންނަ މީހުން އެކަމަކާ ނުސިހުނެވެ.

މުއުތަސިމް ވެސް ބުނީ ހާމިދަކީ ކަންކަން ކުރަން ކެރޭ ޒުވާނެއް ކަމަށެވެ. މުއުތަސިމްގެ ބަހުން ނަމަ ހާމިދަކީ "ގަޓު" ހުންނަ މީހެކެވެ. އެ ގަޓާއި ގަދަފަދަ ރުޅިގަނޑު އެކުވުމުން، މީހުންނާމެދު ނަފުރަތު އުފެދި ބައެއް ކަހަލަ ހާދިސާ ހިނގާފައި ވެސް އެބަހުއްޓެވެ. މީހުންނާ ދިމާލަށް ގަސް މުށި އުކައި، ބައެއް މީހުން ފަހާ އިންޒާރުދެމުން ދުވެފައި އެބަހުއްޓެވެ.

"އަންހެނުންނާ ދިމާލަށް ރުޅި އައިސްގެން ގަސް މުށި އުކާފައި އެބަހުރި. އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަހަތުން ދުވެފި ކަތިވަޅިއެއް ހިފައިގެން ވެސް. އެކަމަކު މީގެ ކުރިން މީހެއްގެ ގައިގައި ޖަހާފަ ވެސް ނެތް،" ހާމިދަށް ހެޔޮ އެދޭ، އޭނާގެ ގާތް އަންހެން އަވައްޓެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.

އެ އަވައްޓެރިއާގެ ގެ ހުންނަނީ، ހާމިދު އެކަނި ދިރިއުޅެމުންދާ ގޯއްޗާ އިންވެގެނެވެ. އެއީ އޭނާގެ އާއިލާގެ މެމްބަރުންގެ މެދުގައި ބަހައިގެން އޭނާއަށް ލިބިފައި ހުރި ތަންކޮޅެވެ. ދެ ގެ ވަކި ކުރަން އޮންނަ ފާރަކީ އޮޅަނބޮށި އަޅުވާލައިގެން، ފާރުގެ އަނެއް ފަރާތުގައި ހުރި މީހާއާ ވާހަކަ ދައްކާލެވެން ހުރެވޭވަރުގެ ތިރި ފާރުބުރިއެކެވެ. ހާމިދާއި އޭނާގެ އަވައްޓެރިއާ ކިތަންމެ ދުވަހު ފާރުގެ ދެ ފަރާތުގެ ތިބެގެން ވާހަކަ ދައްކަ އެވެ.

"ހާމިދު އެކަނި އުޅޭތީ އަހަރުމެން ގިނައިން ކާން ދެނީ. އަބަދުވެސް ބުނަން ކާން އަންނަން. އެކަމަކު އޭނާ ވަރަށް މަދުން އަންނާނީ. ދެން ކާއެއްޗެހި ހަދާފަ އެގެއަށް ގެންދަނީ،" ރަށުގައި ހުރެ، ހިތާމަވެރި ރާގެއްގައި މޯބައިލް ފޯނުން ވާހަކަ ދައްކަމުން މެދު އުމުރުގެ އެ އަންހެން ބުންޏެވެ.

އެ އަވައްޓެރިޔާ އަދި ހާމިދު ދަންނަ ބައެއް އެހެން މީހުން ވެސް ބުނީ އޭނާއަކީ "ޝައްކު ބަލި" ހުންނަ މީހެއް ކަމަށެވެ. އަނބިމީހާއާ މައްސަލަޖެހުން މެދުވެރިވި އެންމެ ބޮޑު މައްސަލައަކީ ވެސް ކަމަކާ ނުލައި ހާމިދު އަނބިމީހާއަށް ޝައްކު ކުރުން ކަމަށް ގިނަ މީހުން ދެކެ އެވެ. އެކަމަކު ހަގީގަތުގައި ހުރިހާ ވެސް މައްސަލައަކީ ހާމިދުގެ ކޮންޓްރޯލް ނުކުރެވޭ ހިޔާލުތައް ކަމަށް މީހުން ބުނެ އެވެ.

"އަސްލު އެއްވެސް ކަމެއްނުވޭ. ހާމިދަށް ހީވަނީ ކަމެއް ހިނގައިފިޔޭ. ޝައްކު ބަލި ހުރިހާ ވެސް މައްސަލައަކީ. ދެން ކީކޭ ބުނާނީ. މި ހިނގައިގެންވާނެ ހާދިސާއެއް ނޫން،" ހާމިދުގެ އަވައްޓެރިޔާ ބުންޏެވެ.

ހާމިދުގެ ކޮންޓްރޯލް ނުކުރެވުނު ރުޅީގެ ޝިކާރައަކަށްވި ރަޝީދު މިހާރު އަންނަނީ އައިޖީއެމްއެޗުގައި ރިކަވާވަމުންނެވެ. ޑޮކްޓަރުން ބުނަނީ ފަރުވާގެ ހުރިހާ ކަމެއް ވެސް ރަނގަޅަށްދާ ކަމަށެވެ. މިހާރު ފާހަގަ ކުރެވިފައި އޮތް މައްސަލައަކީ ކަނާއަތު ފައި ހަރަކާތްކުރަން އުނދަގޫތަކެއް ހުރުމެވެ. ބެލެވެނީ ބުރަކައްޓަށް ލިބުނު ޒަހަމްތަކުން ނާރަކަށް ގެއްލުންވީ ކަމަށެވެ.