Advertisement

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސާރާ، އޫޝާން އަދި މާކަސް ރާއްޖެ އަތުވެއްޖެ

14 މާރިޗު 2022 - 18:36 0

ސާރާ، އޫޝާން އަދި މާކަސް ރާއްޖެ އައުމާ ގުޅިގެން ބޭއްވި މަރުހަބާ ދިނުމުގެ އިވެންޓްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސާރާ، އޫޝާން އަދި މާކަސް ރާއްޖެ އަތުވެއްޖެ

14 މާރިޗު 2022 - 18:36 0

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް ރާއްޖެ އަތުވެއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނީގައި އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ދުނިޔޭގެ ކުޅިވަރުގެ މަގުބޫލު ސަހުސިއްޔަތުންނާއި ރާއްޖޭގެ ކުޅިވަރާ ގާތްގުޅުމެއް ބަހައްޓަވައި، ދިވެހި ކުޅިވަރަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެހީތެރިވެދޭ ބައެއް ގައުމުތަކުގެ ކުޅިވަރު ވުޒާރާގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެވޯޑު ހަފްލާއަށް ރާއްޖެ އެންމެ ފުރަތަމަ އައީ ފެތުންތެރިޔާ ސާރާ، ބިލިއާޑް ޗެމްޕިއަން އޫޝާން އަދި ކުރީގެ ރެފްރީ މާކަސް މާކް އެވެ. މި ތިން ފަރާތަށް މަރުހަބާ ދެންނެވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ އިތުރުން އަހުމަދު ނަސިފް އެވެ.

ރާއްޖެ އައުމަށް ފަހު ފެތުމުގެ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް އޮންނަ ސާރާ ބުނީ ރާއްޖެ އަކީ އަބަދު ވެސް އޭނާ ވަރަށް ގަޔާވާ ހިތްގައިމު މަންޒިލެއް ކަމަށެވެ. އެވޯޑު ހަފްލާގައި ބައިވެރިވާން ރާއްޖެއަށް އާދެވުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށް ވެސް ސާރާ ބުނެފައިވެ އެވެ. އަދި މި ދަތުރުގައި ރާއްޖޭގެ ފެތުންތެރިންނާއި ބައްދަލުކޮށް އެ ފެތުންތެރިންނަށް މި ދާއިރާގައި ކުރިއަށްދިޔުމަށް ހިތްވަރު ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ސާރާ ވަނީ ބުނެފަ އެވެ.

ސާރާ، ރާއްޖޭގެ މީޑިއާތަކަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދުނިޔޭގެ ބިލިއާޑް ޗެމްޕިއަން އޫޝަން ބުނީ ރާއްޖޭގެ ކުޅިވަރުގެ މުހިންމު އެވޯޑަކަށް ދައުވަތު ލިބުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރާއްޖޭގެ ކުޅިވަރު އާއިލާގެ މެންބަރުންނާއި ބައްދަލުކޮށް އޭނާގެ ތަޖުރިބާ އާއި އިލްމު ހިއްސާކޮށްލަން ކެތްމަދުވެފައި ހުރިކަމަށް ވެސް ބުނެފައިވެ އެވެ.

ފީފާގެ ކުރީގެ އެންމެ މޮޅު ރެފްރީ މާކަސް މާކް ވެސް ހުރީ މި ލިބުުނު ފުރުސަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އޭނާ ވަނީ އެވޯޑު ހަފްލާ އަށް ދައުވަތު ދިނުމުން އެ ކަމަށް މަހުލޫފަށް ޝުކުރު އަދާކޮށްފަ އެވެ.

ސާރާ، އޫޝަން އަދި މާކަސް މިއަދު ރާއްޖެ އައިސްފައިވާއިރު، މާދަމާ ރާއްޖެ އަންނާނީ ސްރީ ލަންކާގެ މަޝްހޫރު ނެޓްބޯޅަ ތަރި ތަރިޖިނީ ސިވަލިންގަމް އެވެ. މި ހަތަރު ތަރިންގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހު ދުނިޔޭގެ ކުޅިވަރުގެ މަޝްހޫރު އަދި މަގުބޫލު މޫނުތަކެއް އެވޯޑު ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އަންނާނެ އެވެ.

އޭގެ ތެރޭގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ހިމެނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިވެވަޑައި ގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ އާއި އިންޑިއާގެ ޔޫތު މިނިސްޓަރު އަނުރާގް ތާކުރް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.