23 މާރިޗު 2022 - 10:52 0
ސުރޭޝް ރައިނާ ރާއްޖެ އައުމަށް ފަހު ކުޑަކުދިންތަކަކާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
23 މާރިޗު 2022 - 10:52 0
ކޮވިޑްގެ ސަބަބުން ދުނިޔޭގެ ކުޅިވަރަށް އައި ލޮޅުމުގައި، ދުނިޔޭގެ ކުޅިވަރު ތަރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން އެންމެ ބޮޑަށް ގެނެސްދިން ގައުމަކީ ދިވެހިރާއްޖެ ކަމަށް އިންޑިއާގެ ކްރިކެޓް ލެޖެންޓް ސުރޭޝް ރައިނާ ބުނެފި އެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރައިނާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގަ އެވެ. އެއީ 17 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ބައިވެރިވުމަށެވެ.
ރައިނާ ވަނީ ރާއްޖޭއަކީ ދުނިޔޭގެ ކުޅިވަރު ތަރިންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ ކުޅީވަރު ތަރިންނާއި މަޝްހޫރު ފަންނާނުންގެ އެންމެ މަަގުބޫލު މަންޒިލްގެ ގޮތުގަ އެވެ.
ސީބީއެމްގެ އިސްވެރިންނާއި ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ އެކު ސުރޭޝް ރައިނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރައިނާ ބުނީ ދިވެހިރާއްޖެ އަކީ "ސްޕޯޓްސް އައިކަން ސިޓީ" ކަމަށެވެ. ކޮވިޑްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ކުޅިވަރު ތަރިން ގޭގައި ތިބެން ޖެހުނު ދަނޑިވަޅު ހިތްހަމަޖައްސާލައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިން ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، ކުޅިވަރު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެކަން ބަލައިގަންނަ ކަމަށް އޭނާ ބުންޏެވެ.
ރައިނާ ވަނީ މި ދަތުރުގައި ރާއްޖޭގެ ކްރިކެޓް ބޯޑުގެ އިސްވެރިންނާއި ބައްދަލުކޮށް ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. އަދި އޭނާގެ ތަޖުރިބާ ހިއްސާކޮށް ކްރިކެޓްގައި ކުރިއަށްދާން ކުޅުންތެރިންނަށް ހިތްވަރު ދިނެވެ.
މިސްޓާ އައިޕީއެލްގެ ނަމުން މަޝްހޫރު ރައިނާ މިފަހަރުގެ އައިޕީއެލްގައި ނުކުޅޭނެ އެވެ. އަދި މިއީ 2008ގެ ފަހުން އައިޕީއެލްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުބާރާތުގައި ނުކުޅޭނެ ފުރަތަމަ ފަހަރެވެ. މިފަހަރު ރައިނާ ފެންނާނީ ސްޓާ ސްޕޯޓްސްގެ ކޮމެންޓޭޓަރެއްގެ ގޮތުގަަ އެވެ.
އެއާޕޯޓް ވީއައިޕީ ލޯންޖްގައި ސުރޭޝް ރައިނާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
"މިފަހަރު މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ، ހުރިހާ ގޮތަކުން ވެސް. ދަނޑުމަތީގައި ނުހުރެވުނަސް ކޮމެންޓޭޓަރެއްގެ ގޮތުގައި އެބަ ބައިވެރިވެވޭ. ކޮންމެވެސް ސިފައެއްގައި އިންޑިއާގެ އެންމެ ބޮޑު ކްރިކެޓް އީދުގައި ބައިވެރިވެވުމަކީ ބޮޑު އުފަލެއް" 14 އަހަރަށް ފަހު އައިޕީއެލްގައި ކުޅުމުގެ ފުރުސަތު ގެއްލުނު ރައިނާ ބުންްޏެވެ.
ރައިނާ ބުނީ މިފަހަރު ވެސް އޭނާ ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ޗެންނާއީ ސުޕަކިންގްސް އަށެވެ. އެ ޓީމުގައި ވަރަށް ރަނގަޅު ބެލެންސް ސްކޮޑެއް އެބައޮތް ކަމަށެވެ. އަނެއްކޮޅުން އޯލްރައުންޑަރުންނަށް ބަލާއިރު ޗެންނާއީ ޓީމުގައި ތަފާތު ދެއްކޭނެ ގިނަ ކުޅުންތެރިން ތިބުމަކީ އެޓީމަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި 10 އަހަރު ޗެންނާއީ ޓީމަށް ކުޅުނު ރައިނާ ވަނީ ފާހަގަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment