13 މާރިޗު 2022 - 19:36 0
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖުންގެ ޕެނަލް މިއަދު. ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
13 މާރިޗު 2022 - 19:36 0
"މޯލްޑިވްސް ސްޕޯޓްސް 2022" އެވޯޑަކީ އިންސާފުވެރި އެވޯޑަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް އެވޯޑުގެ ޖަޖުންގެ ޕެނަލުން ހާމަކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ބާއްވާ ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެ އެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން) އަދި ކުޅިވަރައި ގުޅުން ހުރި އެންމެ އެކި ދާއިރާތަކުން އެވޯޑުތައް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
ކޮންމެ ކުޅިވަރެއްގެ އެންމެ މޮޅު ތިން އެތުލީތުން ހޮވާފައިވަނީ އެ ކުޅިވަރެއްގެ އެސޯސިއޭޝަނުންނެވެ. އެންމެ މޮޅު ކޯޗު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް، އެންމެ މޮޅު ސިއްހީ އެހީތެރިޔާ، އެންމެ އުއްމީދީ އެތުލީޓު، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާގެ އިތުރުން އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު ހޮވާނީ އެސޯސިއޭޝަތުން ނޮމިނޭޓްކުރި ނަންތަކަށް ރިއާޔަތްކޮށް އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލް އަކުންނެވެ.
މި ޕެނަލްގައި ހިމެނެނީ ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަަނަރު އަހުމަދު ޝާހިރު، ގައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުއްނާފިޔު ތައުފީގް، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާ އެވެ.
ސްޕޯޓްސް އެވޯޑާއި ގުޅޭގޮތުން މިއަދު ހަވީރު ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޖުން ޕެނަލްގެ މުގައްރިރު އަލީ ސަލީމް ވިދާޅުވީ މި އެވޯޑު އިންސާފުވެރިކަމާ އެކު ގެންދިޔުމަށް އެ ޕެނަލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. މި ގޮތުން 14 ދުވަހުގެ ތެރޭގައި 91 ގަޑިއިރު ޕެނަލްގެ މެންބަރުން އެވޯޑުތަކަށް ނަންތައް ފައިނަލްކުރުމުގައި ހޭދަކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ފަހަރަށް މިފަދަ ކަމެއް ކުރާއިރު ގިނަ ކަންކަން ޕެނަލަށް ފާހަގަކުރެވުނު ކަމަށެވެ. ޕެނަލުން ތަފްސީލީ ރިޕޯޓެއް ތައްޔާރުކޮށް ސްޕޯޓްސް ކައުންސިލާއި އެހެނިހެން ފަރާތްތަކަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ.
މި ފަދަ އެވޯޑެއް ދޭއިރު އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޖަޖުން ފާހަގަކުރެއްވީ އިންޑިވިޖުއަލް ކުޅިވަރުތަކާއި ޓީމު ކުޅިވަރުތަކުން ނަންތައް ނޮމިނޭޓް ކޮށްފައިވުމުގެ ކުޅިވަރުތަކާއި މުބާރާތްތައް މިނާނެ މިންގަނޑެއް ކަނޑައަޅާފައި ނެތުމެވެ.
"ހަގީގަތުގައި މިކަހަލަ އެވޯޑަކަށް ކުރިން ތައްޔާރުވެފައެއް ނެތް. އެހެންވެ ޖެހުނީ މިނާނެ ނާޅިތަކާއި، ގުނަނާނެ ގިންތިތައް ފުރަތަމަ ކަނޑައަޅަން. ބައިވަރު ފޯމިއުލާތައް ޖެނަރޭޓް ކުރިން. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތައް ގިންތި ކުރިން. އެ މުބާރާތްތަކުގެ ފެންވަރަށް ރިއާޔަަތް ކޮށްފައި ކުޅުންތެރިން ހޮވީ." ޖަޖުންގެ ޕެނަލްގައި ހިމެނޭ ނަފިއު ވިދާޅުވި އެވެ.
ނާފިއު ވިދާޅުވީ ހުރިހާ ޖަޖުންނަށް ވެސް އެއްބަސްވެވޭ މިންގަނޑުތަކެއް ކަނޑައެޅުމަށް ފަހު އެވޯޑުތަކަށް ނަންތައް ފައިނަލް ކޮށްފައިވާނީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ޖަޖުންގެ ޕެނަލްގައި ހިމެނޭ ސުޖާއު ވިދާޅުވީ ބައެއް އެވޯޑުތަކާ އެކު ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ. އެވޯޑުތަކަށް ހޮވޭ ހުރިހާ ފަރާތްތަކަކީ ވެސް އެސޯސިއޭޝަންތަކުން ފޮނުވާފައިވާ ނަންތަކެއް ކަމަށެވެ.
ޖަޖުންގެ ޕެނަލުން ފާހަގަކުރި ގޮތުގައި ހުރިހާ ކުޅިވަރެއް އެއްކޮށް ދޭ އެވޯޑުތަކުގައި އެކި މިންގަނޑުތަކަށް ބަލާފައިވާނެ ކަމަށެވެ.
"ހުރިހާ ކުޅިވަރުތަކެއް ވެސް މިންގަނޑުތަކަކަށް ބަހާލައިގެން މާކްސް ދީފައިވާނީ. މިސާލަކަށް ޕޮޕިއުލަރިޓީ، ވާދަވެރިކަން، ބައިނަލްއަގްވާމީ މައިދާނުގައި އަދި ލޯކަލް މަގުބޫލުކަމާއި ފެންވަރު. މިކަހަލަ ބައިވަރު ކަންކަން ދިރާސާ ކޮށްފައިވާނެ،" ސުޖާއު ވިދާޅުވި އެވެ.
އެންމެ ބޮޑަށް ވަގުތު ހޭދަކޮށް ދިރާސާ ކުރަން ޖެހުނު އެއް އެވޯޑުގެ ގޮތުގައި ޖަޖުން ފާހަގަކޮށްފައިވަނީ އަހަރުގެ އެންމެ މޮޅު ޖާނަލިސްޓްގެ އެވޯޑެވެ. މި އެވޯޑަށް އެސޯސިއޭޝަންތަކުން ހުށަހެޅި ނަންތައް ދިރާސާކުރުމުގައި ކުޅިވަރު ކަވަރުކުރުމުގެ ގިނަ މިންގަނޑުތަކަކަށް ބަލާފައިވާނެކަމަށް ޖަޖުން ފާހަގަކުރެއްވި އެވެ.
"ޖާނަލިސްޓުން ކަނޑައެޅިއިރު، ހަމައެކަނި ޓޮޕް 3 އަށް ނުބަލަން. އަޅުގަނޑުމެން ބެލިންް 3 އަހަރު ކިހާވަރެއްގެ ކަމެއްކޮށްތޯ ކޮށްދިނީ ކުޅީވަރަށް. ލިޔުނު އާޓިކަލްސްތަކުގެ އަދަދަށް، ކޮމަންޓްރީ އަށް، ޕްރެޒެންޓް ކުރުމަށް، ޕްރޮގްރާމް އުފެއްދުމަށް މިކަހަލަ ވަރަށް ގިނަ ކަންކަމަށް ބަލާފައި ނަންތައް ފައިނަލްކޮށްފަ ހުންނާނީ،" ސުޖާއު ބުންޏެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ނޮމިނޭޝަންތައް ދުވަސްތަކުގެ ތެރޭގައި އިއުލާނު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މި އިވެންޓަށް ދުނިޔޭގެ ލެވަލްގެ މަގުބޫލް ކުޅިވަރު ލެޖެންޑުންނާއި ރާއްޖެއާ ގާތްގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުގެ ކުޅިވަރު ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް ޖުމްލަ 15 މެހެމާނެއް ޒިޔާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Comment