Advertisement

ސަރުކާރަށް ގޮން ޖަހައި، ޓެކްސީތަކުން އަމިއްލަ އަގުތައް ނަގަން ފެށިއިރު އިދާރާތައް ހަމަހިމޭނުން

12 މާރިޗު 2022 - 14:26 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މީހަކު މިއަދު މަގުމަތިން ޓެކްސީއެއް ހުއްޓުވަނީ: ބައެއް ޓެކްސީތަކުން މިހާރު ދަތުރު ކުރަމުންދަނީ ބޮޑު އަގުގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސަރުކާރަށް ގޮން ޖަހައި، ޓެކްސީތަކުން އަމިއްލަ އަގުތައް ނަގަން ފެށިއިރު އިދާރާތައް ހަމަހިމޭނުން

12 މާރިޗު 2022 - 14:26 0

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމުގެ ހުއްދަ ސަރުކާރުން ނުދެނީސް، ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތަކެއް ބައެއް ޓެކްސީ ޑްރައިވަރުން ނަގަން ފަށައިފި އެވެ.

ދުނިޔޭގެ އަދި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ޓެކްސީތަކުން ނަގާ ފީ ބޮޑު ކުރުމުގެ ހުއްދަ ދިނުމަށް ވިސްނާފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

ނަމަވެސް މިއަދު ބައެއް ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތަކަށް ކުރަނީ ރަސްމީކޮށް ނެގުމަށް ހުއްދަ އޮންނަ 25ރ. ގެ ބަދަލުގައި ފަސް ރުފިޔާ ބޮޑުކޮށް 30ރ. އަށެވެ. އަދި މާލެއިން ހުޅުމާލެއަށް ބައެއް ޓެކްސީތަކުން ދަތުރު ކުރަނީ 100ރ. އަށެވެ. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް އަސްލު ނެގޭނީ 75ރ. އެވެ.

ބައެއް ޓެކްސީތަކުން މިއަދު ދަތުރު ދުއްވަނީ، ޓެކްސީ ދަތުރުކޮށްދޭ އަގުތައް ކާރުގެ ފަހަތު ބިއްލޫރިގަނޑުގައި ހަރުކޮށްގެނެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ހޯދާ ބައެއް ކާރުތަކުން ވެސް މިއަދު ދަތުރުކޮށްދެނީ ގަވާއިދާ ހިލާފަށް ނަގާ އަގުތަކުގަ އެވެ.

މީގެ ކުރިން މި ނޫހާ ވާހަކަ ދެއްކި ޓެކްސީ ސެންޓަރަކުން ބުނެފައި އޮތި ވަކި ހާއްސަ އަގެއް ނަގައިގެން ދަތުރު ކުރުމަށް ސެންޓަރުން ޑްރައިވަރަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފު އަގުތައް ނަގައިގެން ދަތުރު ކުރުން ނުހުއްޓުވާނެ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.

އާންމު ދަތުރުފަތުރު ކުރުމުގެ ހުއްދަ ދީފައިވާ ޓެކްސީތަކުން ގަވާއިދުން ބޭރުން އަގު ނަގާ މައްސަލައިގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ފޯނުން ނުގުޅޭތީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި އެ އޮފީހުގެ މީޑިއާ އޮފިސަރުންގެ ފަރާތުން ވެސް އެ މައްސަލައިގައި މިއަދު ކޮމެންޓެއް ނުލިބުނެވެ.

ޓެކްސީ ދަތުރުތައް ބޮޑު ކުރުމަށް ޑްރައިވަރުން މަސައްކަތް ފެށީ މިދިޔަ އާދީއްތަ ދުވަހެވެ. އޭގެ ފަހުން މިދިޔަ ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ޑްރައިވަރުން ހުޅުމާލޭގައި މުޒާހަރާއެއް ވެސް ކުރި އެވެ. މުޒާހަރާގެ ބައިވެރިން މިދިޔަ ބުރާސްފަތި ދުވަހު ކާރުތަކާއެކު މާލެ އައުމަށް ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ހުއްޓުވައިފަ އެވެ.