Advertisement

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މޮޅު މަގޫދޫ އަށް

12 މާރިޗު 2022 - 09:24 0

މަގޫދޫ އާއި ދަރަނބޫދޫ ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް


އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މޮޅު މަގޫދޫ އަށް

12 މާރިޗު 2022 - 09:24 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި ރޭ އަންހެން ޑިވިޝަނުގައި ފ. މަގޫދޫގެ ޒުވާނުންގެ ކްލަބުން ސީދާ ތިން ސެޓުން ދަރަނބޫދޫގެ ޕާޕަލް ޕަވާސް ބަލިކޮށްފި އެވެ.

މަގޫދޫ ވޮލީބޯޅަ ކޯޓުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި މަގޫދޫ އިން ކުރިހޯދީ، 25-14، 25-19 އަދި 25-14 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީބޯޅަ ލެޖެންޑް ސައްޔިދު އަލީ އެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ މާލެއަށް ބަރާސޯވެފައި އޮންނަ ކުޅިވަރު ކުޅުމުގެ ކަންކަން މުޅި ރާއްޖެ އަށް ފަތުރާލުމުގެ ބޭނުމުގައި ވޮލީ އެސޯސިއޭޝަނާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން”ރާއްޖެ އަތޮޅު ވޮލީ ޗެމްޕިއަންޝިޕް“ މަގޫދޫގައި ފެށިގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ކޯޓު މި ވަނީ ފުރާލާފައި.50 އައުޓް ޑޯ، 11 އިންޑޯ ވޮލީކޯޓުގެ މަސައްކަތް ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވަނީ މި ފަދަ މުބާރާތެއް އިންތިޒާމްކުރާތީ ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕަށް މަރުހަބާ ކިޔައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވާހަކަ ދައްކަވަނީ.


ފ. އަތޮޅުގެ މުބާރާތް އިއްޔެ އިން ފެށިގެން މި މަހު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ޖުމްލަކޮށް އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވާނެ އެވެ. އަންހެން ޑިވިޝަނުގައި ފ. މަގޫދޫގެ ޒުވާނުންގެ ކްލަބާއި ދަރަނބޫދޫގެ ޕާޕަލް ޕަވާސްގެ އިތުރުން ދެން ހިމެނެނީ ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ، ނިލަންދޫ ސްޕޯޓްސް ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީ އެވެ. ފިރިހެން ޑިވިޝަނުގައި އޮތީ މަގޫދޫ ޒުވާނުންގެ ކްލަބް، ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ، ދަރަނބޫދޫ ޕާޕަލް ޕަވާސް، ސުޕަ ޖެނެރޭޝަން ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ބިލެއްދޫ އާއި ދަރަނބޫދޫގެ ފިރިހެން ޑިވިޝަން މެޗު ކުޅޭއިރު، މިރޭ އަންހެން ޑިވިޝަނުގައި ފީއަލި އާއި ނިލަންދޫ ބައްދަލުކުރާނެ އެވެ.

ރޯދަ މަސް ފެށުމުގެ ކުރިން އިތުރު ދެ އަތޮޅެއްގެ އަތޮޅު މުބާރާތް ކުރިއަށްގެންދެވޭތޯ ވީއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ގދ. ވާދޫގައި ކުރިއަށްގެންދާ އެ އަތޮޅު މުބާރާތާއި ފޮނަދޫގައި ބާއްވަން ނިންމާފައިވާ ލ އަތޮޅު މުބާރާތެވެ.

ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ. ފުރުސަތު އޮތް އަތޮޅުތަކުން އަންހެން އަދި ފިރިހެން ދެ ޑިވިޝަން ވެސް ކުޅެންވީ އެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

އަތޮޅު މުބާރާތް އަލުން ފަށާއިރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި މުބާރާތުގެ ތެރެއިން ހުޅުވިފައި އޮތް ފުރުސަތެވެ. އެ ގޮތުން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގައި ކުޅެގެންނެވެ.

މިހާރު އޮތްގޮތުން މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ކުޅޭއިރު، ނިމިފައިވާ ޒޯންތަކުގެ ޗެމްޕިއަނުންނަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް ކުޅެވޭނެ އެވެ. އެއީ އެ ޒޯން ޗެމްޕިއަނުން ބޭނުންވެއްޖެނަމަ އެވެ. އެހެން ނޫންނަމަ ހުރިހާ ޒޯން ޗެމްޕިއަނުންނެއް ކޮލިފައިވާނީ އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށެވެ. މިސާލަކަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ފެށުމުގެ ކުރިން ނިމޭ ޒޯނެއްގެ ޗެމްޕިއަނުން ބޭނުންނަމަ ދެ އަހަރު (މި އަހަރާއި އަންނަ އަހަރު)ގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ވެސް ކުޅެވޭނެ އެވެ.