11 މާރިޗު 2022 - 19:41 1
ފާތިމަތު އަޖްފާން
ތެލުގެ އަގުބޮޑުވުމުން ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ޓެކްސީ ޑްރައިވަރުން ކުރި ހުތިޖާޖުގެ ތެރެއިން -- ފޮޓޯ: އަދަދު
11 މާރިޗު 2022 - 19:41 1
ތެލުގެ އަގު ބޮޑުވެފައިވާތީ މާލޭގައި ޓެކްސީ ދުއްވާ އަގު ބޮޑު ކުރުމަށް ޓެކްސީ ޑްރައިވަރުން ހުށަހެޅި ބަދަލުތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބެއް ދީފައި ނުވާތީ ސެންޓަރުތަކުގެ ވެރިން އަމިއްލައަށް ކަނޑައެޅި އަގުތަކުގައި ޓެކްސީ ދަތުރުތައް ފަށަން ޑްރައިވަރުން ނިންމައިފި އެވެ.
ތެލުގެ އަގު އުފެލުމުން ދާތީ، އިއްޔެއިން ފެށިގެން ޓެކްސީ ދަތުރުތައް ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި މި ހަފުތާގައި ވަނީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ނޫނީ ދަތުރުތައް ނުކޮށްދެވޭތީ، މިހާރު އާންމުކޮށްފައިވާ އަގުތައް މުރާޖައާ ކޮށްދިނުމަށް ޓެކްސީ ސެންޓަރުތަކުން ސަރުކާރުގައި އެދުނެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ޖަވާބެއް ނުދިނުމުން ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރި އެވެ. މިއަދު އެ އިހުތިޖާޖު މާލޭގައި ކުރުމަށް ނިންމާފައިވާ ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް ވަނީ ޑްރައިވަރުން އެއްވެފަ އެވެ.
އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ޑްރައިވަރަކު "އަދަދު"އަށް ބުނީ ޓެކްސީ ޑްރައިވަރުން ކުރަމުންދާ އިހުތިޖާޖުގެ އަޑު ސަރުކާރުން އަހާފައި ނުވާ ކަމަށާއި އެއްވެސް މިނިސްޓްރީއަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.
އެހެން ކަމުން ޑްރައިވަރުން މިހާރު ސެންޓަރުތަކުގެ ވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށްފަހު ނިންމާފައި ވަނީ ސެންޓަރު ތަކުގެ ވެރިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލާފައިވާ ސިޓީއާ ހަވާލާދީ ޑްރައިވަރުން ނިންމާފައިވާ އަގުތައް ތަންފީޒުކޮށް މިވަގުތުން ފެށިގެން އަމަލު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
އިހުތިޖާޖު ހުއްޓާލަން ނިންމި ސަބަބެއް ކަމަށް އޭނާ ބުނީ ރައްޔިތުންނަށް އުނދަގޫ ކުރަން މަގުމައްޗަށް ނުކުމެ، މަގުމަތި ހަލަބޮލިކޮށް ބްލޮކްކޮށްގެން ކަންކަން ކުރުމުގެ އެއްވެސް އަމާޒެއް ޑްރައިވަރުންގެ ނެތުމުން ކަމަށެވެ.
"ރައްޔިތުންނަށް އުނދަގޫ ކުރަން މަގުމައްޗަށް ނުކުމެ މަގުމަތި ހަލަބޮލިކޮށް މަގުމަތި ބްލޮކް ކޮށް، ކަންކަން ކުރުމުގެ ވިސްނުމެއް ނެތް. ނަމަވެސް ތަފާތު ކަންކަމާހުރެ އެކަން އެގޮތަށްވެސް ދިމާވެއްޖެ ރޭގަ،" ޑްރައިވަރަކު ބުންޏެވެ.
ޑްރައިވަރުން މިނިސްޓްރީއަށް ހުށަހެޅި އަގުތައް:
ނަމަވެސް، ޑްރައިވަރުން އަގުތައް ހުށަހެޅުމުގެ ކުރިން ވެސް މިނިސްޓްރީން ވަނީ އަގުތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އާންމުންގެ ބައެއް މީހުން ވެސް ވަނީ ޓެކްސީ ޑްރައިވަރުން ހުށަހެޅި އަގުތަކާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
Comment