Advertisement

ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލަކުން، އެއީ ބަންޑާރަނައިބުގެ ޒިންމާއެއް ނޫން: ސުޕްރީމް ކޯޓު

8 މާރިޗު 2022 - 12:41 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ސުޕްރީމް ކޯޓު: ދައުލަތް ތަމްސީލް ކުރުމުގެ މައްސަލާގައި ހައިކޯޓުން ނެރުނު ނިންމުން މިއަދު ވަނީ ބާތިލްކޮށްފައި


ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލަކުން، އެއީ ބަންޑާރަނައިބުގެ ޒިންމާއެއް ނޫން: ސުޕްރީމް ކޯޓު

8 މާރިޗު 2022 - 12:41 0

ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައިކޯޓުން އެ ގޮތަށް ނިންމީ އދ. ފެންފުށީ ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގަ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައިގެންނެވެ. ނަމަވެސް, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުން އދ. ފެންފުށީ ކައުންސިލަށް ޖަވާބުދާރީވާން އެންގި އެވެ.

އެކަމަކު, އެ ކައުންސިލުން ބުނީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ސަބަބަކީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އަމިއްލަ ހައިސިއްޔަތު ލިބިފައި އޮތް ގާނޫނީ ޝަހުސިއްޔަތެއް ކަމެވެ.

މި ހިޔާލު ތަފާތުވުންތަކާއެކު, ހައިކޯޓުން މި މައްސަލާގައި އިއްވި ހުކުމްގައި ދައުލަތް ތަމްސީލުކުރާމެދު ވަނީ ގޮތް ކަނޑައަޅާފަ އެވެ;

އެގޮތުން, ހުކުމުގައި ބުނި ގޮތުގައި ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. ވީމާ, ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ އެވެ. އަދި, ދައުލަތާ ގުޅުންހުރި ގާނޫނު އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ހިމެނޭ ކަމެއްކަން ފާހަގަކުރި އެވެ.

ނަމަވެސް, ހައިކޯޓުގެ އެ ގާނޫނީ މާނަކުރުން ރާއްޖެ, ލާމަރުކަޒު އުސޫލުން ހިންގުމުގެ ނިޒާމާ ހިލާފު ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުފާކުރި އެވެ. މައްސަލާގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގެ މާނަކުރުން ގޯސްކަމަށް ވަކާލާތުކުރިއިރު ފެންފުށީ ކައުންސިލުން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފައެއް ނުވެ އެވެ. އެ ކައުންސިލުން ބުނަމުން ދިޔައީ ސުޕްރީމް ކޯޓުގައި ގާނޫނީ ގޮތުން ވާހަކަ ދެއްކުމުގެ ވަސީލަތެއް އެ ކައުންސިލްގައި ނެތް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުގައި އެއް އަޑުއެހުން ބޭއްވުމަށްފަހު, މިއަދު ވަނީ ހުކުމް އިއްވާފަ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައިވާ ގޮތުން, ލޯކަލް ކައުންސިލްތަކަކީ ސަރުކާރާ ވަކިން ދައުލަތުގެ ތެރޭގައި ހިންގާ މިނިވަން, މުސްތަގިއްލު މުއައްސަސާތަކެވެ. އެއީ, ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާ އެކު އަމިއްލަ ސިއްކައަކާއެކު ހިންގާ ތަންތަނެވެ.

އެހެންކަމުން, ކައުންސިލްތަކުން ކުރާ ދައުވާތަކާއި ކައުންސިލްތަކަށް ރައްދުވާ ދައުވާތަކާ ގުޅިގެން ވަކީލެއްގެ އެހީތެރިކަމާއެކު ނުވަތަ އެހީއާ ނުލާ ނަމަވެސް, ކޯޓުގައި ތަމްސީލް ވާން ޖެހޭނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ. އެހެން ނޫންނަމަ, ކައުންސިލްތަކުގެ މިނިވަންކަމަށް ހުރަސްއެޅިގެން ދާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލު ކަމުގައިވާތީވެ ކޯޓުތަކުގައި ކައުންސިލްތައް ބަންޑާރަ ނައިބު ތަމްސީލް ކުރުމަކީ ކައުންސިލްތަކުގެ މިނިވަންކަމަށް ހުރަސްއެޅި އަދި ބައެއް ފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރައިފާނެ ކަމެއް," ހުކުމްގައިވެ އެވެ.

އެހެންވެ, ކައުންސިލްތަކުން ކޯޓުގައި އަމިއްލައަށް ތަމްސީލް ނުވެވޭނެ ކަމާއި ބިމާ ގުޅޭ ފަދަ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރަން ޖެހޭނީ ބަންޑާރަ ނައިބު ކަމަށް ހައިކޯޓުން ކަނޑައެޅި ނިންމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.