Advertisement

ރަޝިއާ އާއި ޔޫކްރޭންގައި ތިބި ބިދޭސީ ކުޅުންތެރިންނަށް އެ ގައުމުތައް ދޫކޮށް ދެެވޭނެ: ފީފާ

8 މާރިޗު 2022 - 13:41 0

ރަޝިއާގެ ޒެނިޓަށް ކުޅެމުން އަންނަ އީރާންގެ ފޯވާޑް ސަރްދާރް އަޒްމޫން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ރަޝިއާ އާއި ޔޫކްރޭންގައި ތިބި ބިދޭސީ ކުޅުންތެރިންނަށް އެ ގައުމުތައް ދޫކޮށް ދެެވޭނެ: ފީފާ

8 މާރިޗު 2022 - 13:41 0

ޖެނީވާ، ސްވިޒަލެންޑް (މާޗު 8) - ރަޝިއާ އާއި ޔޫކްރޭންގެ ކްލަބުތަކުގެ ކޮންޓްރެކްޓްގައި ތިބި ބިދޭސީ ކުޅުންތެރިންނަށް، ވަގުތީ ގޮތުން އެ ކޮންޓުރެކްޓްތައް ސަސްޕެންޑްކޮށް، އެ ގައުމުތައް ދޫކޮށް ދިއުމުގެ ފުރުސަތު ފީފާ އިން ދީފި އެވެ.

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ފީފާ އިން ވަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަޝިއާ ބައިވެރިނުވެވޭ ގޮތަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ.

ފީފާ އިން ބުނީ ރަޝިއާ އާއި ޔޫކްރޭންގައި ތިބި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ކޮންޓުރެކްޓްތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށް، އެ ގައުމުތައް ދޫކޮށްދެވޭނެ ކަމަށެވެ.

"ކުޅުންތެރިންނާއި ކޯޗުން، 30 ޖޫން 2022 ގެ ނިޔަކަށް ބެލެވޭނީ ކޮންޓުރެކްޓެއް ނެތް ބައެއް ގޮތުގައި. އޭގެ މާނައަކީ އެއްވެސް ހުރަހަކާ ނުލައި އެ ކްލަބުތަކާ ގުޅުމުގެ ފުރުސަތު ލިބުން،" ފީފާ އިން ބުންޏެވެ.

ކޮންޓުރެކްޓްތައް ސަސްޕެންޑްކުރެވޭނީ މި ހިނގާ ސީޒަންގެ ނިޔަލަށެވެ. އަދި އޭގެ ފަހުން، ދެން އަންނަ ސީޒަންގައި ހިލޭ ޓްރާންސްފާތަކުގައި އެހެން ކްލަބުތަކަށް ބަދަލުވެވޭނެ އެވެ.

ފީފާ އިން ބުނީ މި ނިންމުމުގެ މައިގަނޑު ބޭނުމަކީ މި ދެ ގައުމުގައި ތިބި ކޯޗުންނާއި ކުޅުންތެރިންނަށް މަސައްކަތްކޮށް، މުސާރައެއް ލިބޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި މީގެ އިތުރުން، ހަނގުރާމައާ ގުޅިގެން ހުއްޓިފައިވާ ޔޫކްރޭންގެ ފުޓްބޯޅައިގެ ކްލަބުތައް ހިމާޔަތްކުރުމަށް ކަމަށެވެ.

ޔޫކްރޭން ދޫކޮށް، އެހެން ގައުމުތަކަށް ދާ 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ވެސް ފީފާ އިން ވަނީ ހާއްސަ ގޮތެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން، މި ކުޅުންތެރިންނަަށް ވެސް ޓްރާންސްފާ މާކެޓަށް ވަނުމުގެ ފުރުސަތު ދޭނެ އެވެ. އާންމު ގޮތެއްގައި، 18 އަހަރުން ދަށުގެ ކުޅުންތެރިން ޓްރާންސްފާ މާކެޓްގައި ބައިވެރިއެއް ނުކުރެވޭނެ އެވެ.

ފީފާގެ ސަސްޕެންޝަންގެ ސަބަބުން ރަޝިއާ އަށް ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ވެސް ބައިވެރިނުވެވޭނެ އެވެ. މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅާނެ ކަމަށް ރަޝިއާ އިން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ