Advertisement

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ފުރަތަމަ މެޗުގައި ތުނޑި ގޯޅި އާއި އައިލެންޑް ޔޫތު އެއްވަރު

8 މާރިޗު 2022 - 00:08 0

ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް


ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ފުރަތަމަ މެޗުގައި ތުނޑި ގޯޅި އާއި އައިލެންޑް ޔޫތު އެއްވަރު

8 މާރިޗު 2022 - 00:08 0

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑްގެ މެޗުތައް މިއަދު ލ އަތޮޅު ގަމުގައި ފެށިއިރު، ފުރަތަމަ މެޗުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް 1-1 އިން އެއްވަރުވެއްޖެ އެވެ.

އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަކަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަަމަ އެ ރަށަކުން ޒޯން ލީގަށް ހޮވޭ ޓީމެއް ކަނޑައަޅަން ކުޅޭ ބުރެކެވެ. ލ އަތޮޅު ގަމުން ހަތަރު ޓީމު ބައިވެރިވެފައިވާއިރު، ތުނޑި ގޯޅި އާއި އައިލެންޑް ޔޫތުގެ އިތުުރުން ދެން ބައިވެރިވެފައި އޮތީ އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން ފޯ ސްޕޯޓްސް (އަމީގޯސް) އާއި ތިއްތި ސްޕޯޓްސް ކްލަބް އެވެ.

ސަރުކާރުން ގަމުގައި އަޅާފައިވާ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ތުނޑި ގޯޅި ޓީމަށް 18 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މުޖުތާޒް އަލީ އެވެ. ނަތީޖާ ހަމަހަމަކުރަން އައިލެންޑް ޔޫތުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އިބްރާހިމް ރަޝީދު އެވެ.

ގަމުގެ އޯޕަން ރައުންޑުން އެއް ވަނަ ދާ ޓީމެއް ވާދަކުރަން ޖެހޭނީ ސައުތު ޒޯން ލީގުގަ އެވެ. މި ޒޯނު ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅުގެ ރަށްތަކެވެ. މި ޒޯން ލީގުގައި ހިމެނޭ ތިން ރަށެއްގައި އޯޕަން ރައުންޑް ކުޅެގެން ރަށް ތަމްސީލް ކުރާނެ ޓީމެއް ހޮވާނެ އެވެ. އެ ގޮތުން ލ/ ކުނަހަންދޫގެ އޯޕަން ރައުންޑް މި މަހު 18-22 އަށް ތާވަލުކޮށްފައިވާއިރު، ސ. ހިތަދޫ އާއި ސ.ފޭދޫގެ އޯޕަން ރައުންޑް މި މަހު ފަހު ހަފްތާ ތެރޭ ކުރިއަށްދާނެ އެވެ.

ރޯދަ މަސް ނިންމާފައި އަންނަ މެއި މަހު 13-17 އަށް ށ، ނަރުދޫގެ އޯޕަން ރައުންޑް މެޗުތައް އޮންނާނެ އެވެ. އަދި އެ އަށް ފަހު މެއި 20-24 އަށް ބ. އެދަފުށީގެ އޯޕަން ރައުންޑް މެޗުތައް ކުރިއަށްދާނެ އެވެ. އޯޕަން ރައުންޑް މެޗުތައް ނިމުމުން އެކި ރަށްތަކުން ބައިވެރިވާ ޖުމްލަ 53 ޓީމު އޮންނާނެ އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅެން ލީގުތަކަށް ބެހޭއިރު، ނޯތު ލީގުގައި 16 ޓީމު ކުޅޭނެ އެވެ. ސެންޓްރަލް ލީގުގައި 18 ޓީމު ކުޅޭނެ އެވެ. އަދި ސައުތު ލީގުގައި 19 ޓީމު ބައިވެރިވާނެ އެވެ. ކޮންމެ ލީގެއްގައި އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނަ ގޮތަށް ފޯމެޓް އޮތް ނަމަވެސް މި ވަގުތު ޓީމުތަކުގެ އަދަދަށް ބަލާއިރު، ކޮންމެ ޒޯނެއްގައި އޮންނާނީ ދެ ވަނަ ޑިވިޝަނުން ފެށިގެންނެވެ.

އާ ފޯމެޓްގައިވާ ގޮތުން ރާއްޖެ ހަތަރު ޒޯން ލީގަކަށް ބެހިގެން 12 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގެއް ފަށާއިރު، މި ފޯމެޓްގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާން ދެ ތިން ސީޒަނެއް ނަގާނެ ކަމަށް ލީގުގެ ކޮންސަލްޓަންޓް މުހައްމަދު އާދަމް ވަނީ ބުނެފަ އެވެ.