Advertisement

އަންނަ ސީޒަން ފެށޭނެ ތާރީހެއް ނޭނގޭތީ ކަންބޮޑުވުންތަކެއް

19 ފެބުރުވަރީ 2024 - 13:17 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަންނަ ސީޒަން ފެށޭނެ ތާރީހެއް ނޭނގޭތީ ކަންބޮޑުވުންތަކެއް

19 ފެބުރުވަރީ 2024 - 13:17 0

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިމުމާ އެކު، އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގައި، ކުޅޭނެ 10 ޓީމެއް ކަށަވަރުވީ އެވެ. އެކަމަކު، މި ވަގުތު އޭގެއިން، ކޮންމެ ޓީމެއްގެ ވެސް ކަންބޮޑުވުމަކަށް ވާނެ އެއް ކަމަކީ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް ނޭނގުމެވެ. އެއް ސީޒަން ނިމުނުއިރު، ދެން ކުރިއަށްދާނެ މިސްރާބެއް ކަނޑަައެޅޭނެ މަގުޗާޓެއް ފެންނަން ނެތުމެވެ.

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށްގެންގޮސް، ކަންކަން ހަމަޖެހެންދެން ފުޓްބޯޅަ ނުކުޅެ، ތިބެންވީތޯ ސުވާލު އުފައްދާ ފަރާތްތައް ވެސް މަދެއް ނޫނެވެ.

"އެފްއޭއެމްގެ އިލެކްޝަން ކުރިއަށް އޮތަކަސް ފުޓްބޯޅަ ހިންގަންވާނެ، މި އަހަރުގެ ސީޒަނުގެ ތިން ވަނަ ޑިވިޝަނާ އަންނަ އަހަރުގެ ސީޒަން ކުޅެންޏާ ފައްޓާނެ ދުވަހަކާ ސީޒަން ކަލަންޑަރެއް ރާވާފައި މިހާރު އޮންނަންވާނީ،" އެފްއޭއެމްގެ ސީނިއާ މަގާމެއްގެ ފުރުއްވުމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް އިރުޝާދުދިން ކޯޗަކު، "އަދަދު" އަށް ބުންޏެވެ.

"އެއް ސީޒަން ނިމޭއިރު، އަނެއް ސީޒަން ފެށޭ ދުވަސް ނޭނގޭ، އޮފް ސެޝަން، ސީޒަނަށް ވުރެ ދިގު، ދެން ކިހިނެއް މިކަން ކުރަނީ،"

"އަދަދު"އާ ވާހަކަ ދެއްކި، ތިން ވަނަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލަކު ބުނީ ދުރާލާ މި ސީޒަނުގެ، ތިން ވަނަ ޑިވިޝަނުގައި ކުޅެން ތައްޔާރުވެ، ކުޅުންތެރިންތަކެއް ވެސް ހަމަޖައްސައި، ފައިސާ ވެސް ދީފައިވާނެ ކަމަށެވެ.

އެކަމަކު، އެ މުބާރާތަށް (ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް) ވާނެ ގޮތެއް މިހާރު ނޭނގޭ ކަމަށް ބުނެ، އޭނާ ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ ކުރިން، އެފްއޭއެމް އިން ވަނީ، ދެ ވަނަ ޑިވިޝަނަށް ފަހު، ތިން ވަނަ ޑިވިޝަން ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފަ އެވެ. އެކަމަކު، އަދި މިހާތަނަށް އެ މުބާރާތް އިއުލާނުކޮށްފައެއް ނުވެ އެވެ.

އަންނަ ސީޒަނުގެ ކަލަންޑަރާ ބެހޭގޮތުން، "އަދަދު" އިން ސުވާލުކުރުމުން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، ވިދާޅުވީ، އަންނަ ސީޒަނުގެ ކަލަންޑަރުގެ ޓެންޓޭޓިވް ޑްރާފްޓް އޮތީ ނިމިފައި ކަމަށެވެ. އަދި ވަރަށް އަވަހަށް ސީޒަން ކަލަންޑަރުގެ ހުރިހާ ކަމެއް ފައިނަލް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ޓީމުތަކުގެ ކުޅުންތެރިންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އެއީ، ނިމުނު ސީޒަންގައި ނުލިބި ހުރި މުސާރަ ކަންތައްތައް ހަމަޖައްސަން ކުރަން ޖެހޭ ކަންތައްތަކުގަ އެވެ. އެ ގޮތުން، ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ މައްސަލައިގައި، އެފްއޭއެމް އަށް ސިޓީ ލައިގެން އެކަށޭނެ ޖަވާބެއް ނުލިބުމުގެ ޝަކުވާ ބޮޑެވެ. އަދި މުސާރަ ކަންކަން ނުނިމެނިސް ޓީމުތަކުން ޕްރީ ސީޒަން ނުފަށާތީ ދިމާވާ ކަންކަމަކީ ވެސް ކޮންމެ ސީޒަނެއްގައި ހެން މި ފަހުން ތަކުރާރުވާ މައްސަލަތަކެކެެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވޭ މައްސަލަަައިގައި ކްލަބްތަކުގެ ޖަވާބަކީ، އެފްއޭއެމް އިން ދޭން ވައުދުވި ފައިސާ ބަރާބަރަށް ނުދޭ މައްސަލަ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ގެއްލުން ލިބެނީ ކުޅުންތެރިންނަށެވެ.

އެފްއޭއެމް އިން މިދިޔަ މަހު، 31 ގައި ބާއްވަން އުޅުނު އިންތިހާބު ކުރިއަށް ނުދިޔަ އެވެ. އެއީ، އިންތިހާބުގެ ކަންކަން ކުރިއަށްގެންދަން ބޭނުންވާ ސައްހަ އިލެކްޓޯރިއަލް ކޮމިޓީތަކެއް އުފައްދާފައި ނެތުމުންނެވެ. އެކަން ކުރަން އަންގައި، ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމް އިން ކުރަމުން އައި އިންތިހާބުގެ ކަންކަން އެ ވަގުތަށް ހުއްޓާލަން އަންގައިފަ އެވެ.

މި މަހުގެ އަށް ވަނަ ދުވަހު، އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ވަނީ ފީފާ އާއި އޭއެފްސީގެ ލަފާއާ އެއްގޮތަށް އިލެކްޓޯރިއަލް ކޮމިޓީތައް ފާސްކޮށްފަ އެެވެ.

އެ ކޮމިޓީތައް ފާސްކުރުމަށް ފަހު، ހަފްތާ އަކަށް ވުރެ ގިނަ ދުވަސްވީއިރު އެފްއޭއެމް އިން އިންތިހާބަކަށް އިއުލާނުކޮށްފައެއް ނުވެ އެވެ.

އެ ކަމާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޖައުޝަން ވިދާޅުވީ، އިންތިހާބަކަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބެލެވޭ ކަމަށާއި ބޭނުންވަނީ ކުރިން ވެފައި ހުރި ކަންކަމަށް ބަލައި، މި ފަހަރު އެންމެ ރަނގަޅަށް ކަންތައްތައް އުސޫލުގެ ތެރެއިން ގެންދިއުމަށް ކަމަށެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި މި ވަގުތު ހުރި ބައްސާމް އަދީލް ޖަލީލް، އެ ފުރުއްވަމުން އަންނަނީ މަގާމުގައި ދެ ވަނަ ދައުރެވެ. މި އަހަރު ޖުލައި އަށް މި ދައުރު ހަމަވާނެ އެވެ. ދެން އޮންނަ އެފްއޭއެމްގެ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ބައްސާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، ދާދި ފަހުން ބައްސާމް ވިދާޅުވީ، ވާދަނުކުރައްވާނެ ކަމަށް ވިދާޅުވީ ކެންސަލްވި އިންތިހާބު (މިދިޔަ މަހު 31 ގައި ބާއްވަން އޮތް އިންތިހާބު) ކަމަށާއި ކުރިއަށް ދެން އޮތް އިންތިހާބާ މެދު އެއްޗެއް ހާމަކުރުމަށް ވުރެ ކުރަން ހުރި މުހިންމު އެހެން ކަންތައްތަކަށް އިސްކަން ދޭ ކަމަށެވެ.

އަބަދުވެސް އޭނާ ފުޓްބޯޅައިގައި ކުރިއަށްދިއުމުގައި ގޮތް ނިންމަނީ، ކްލަބްތަކުން އެދޭ ގޮތަށް ބަލާފައި ކަމަށް މި ފަަހަރު ވެސް ބައްސާމް ވަނީ ވިިދާޅުވެފަ އެވެ. މިއީ މީގެ ކުރިން ވެސް އެކި ޕްލެޓްފޯމްތަކުގައި ބައްސާމް ދައްކަވާފައިވާ ވާހަކަ އެކެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެފްއޭއެމަށް ދޭ ފައިސާ އަށް ބައްސާމް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕުން ހިޔާނާތްތެރިވެފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށެވެ. މީގެ ތެރެއިން އެއް މައްސަލައިގައި، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.