Advertisement

އަންނަ މަަހު ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަނީ

6 އޭޕްރީލް 2024 - 15:40 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އަންނަ މަަހު ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަނީ

6 އޭޕްރީލް 2024 - 15:40 0

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، (ޑިސެމްބަރު މަހު) ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ސީޒަން ނިންމާލީ، ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ކުޅުމަށް ފަހު، ދިވެހި ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން ތިން ވަނަ ބުރު ނުކުޅޭ ގޮތަށެވެ.

އެ ގޮތަށް ނިންމީ ކުރިން ކަަލަންޑަރު ކުރި އެފްއޭ ކަޕް ވެސް ކެންސަލްކޮށްފަ އެވެ.

އޭގެ ފަހުން، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުޅެ ނިންމައި، އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު އަންނަ ސީޒަން ފަށާނެ ދުވަހެއްގެ ގޮތުގައި ޓީމުތަކަށް ދީފައިވާ ޑްރާފްޓް ކަލަންޑަރުގައި ޖަހާފައިވާ ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އެއީ އެ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅޭ ގޮތަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަަވަސް އަރުވާލައިގެން ސީޒަން ފަށަން ގިނަ ޓީމުތަކުން ބޭނުމެއް ނުވެ އެވެ. އެއީ، މިހާ ގިނަ ދުވަހު ނުކުޅެ ތިބުމަށް ފަހު، ރަނގަޅު ޕްރީ ސީޒަނެއް ނެތި، ފަށަން ގިނަ ޓީމުތަކުން ބޭނުންނުވާތީ އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފަ އެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ.

މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މި ވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގަ އެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެ ކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް ކަލަންޑަރުގެ ބައެއް ތާރީހުތައް


(މެއި 5) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް (މެއި 10) ސީޒަން ހުޅުވާ މެޗު (މެއި 16) ޕްރެޒިޑެންޓްސް ކަޕް (ޖޫން 18) 17 އަހަރުން ދަށުގެ ޔޫތު ލީގު (ޖުލައި 7) ދިވެހި ޕްރިމިއާ ލީގު (އޮގަސްޓް 12) 14 އަހަރުން ދަށުގެ ޔޫތު ލީގު (އޮކްޓޫބަރު 7) ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް (ނޮވެމްބަރު 20) އެފްއޭ ކަޕް (ޑިސެމްބަރު 5) ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ކްލަބްތަކަށް ދީފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން، ގައުމީ ޓީމުތަކަށް އޮތް މުބާރާތް/ މެޗުތަކުގެ ތެރޭގައި ކަލަންޑަރު ކޮށްފައިވަނީ ޖޫން މަހުު ތެރޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށާއި އޮގަސްޓް މަހު ސާފް 20 އަހަރުން ދަށުގެ މުބާރާތާއި ސެޕްޓެމްބަރު މަހު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެވެ.

އަދި އޮކްޓޫބަރު މަހު ސާފް ވިމެން ޗެމްޕިއަންޝިޕް އޮތްއިރު، އޭޝިއަން ކަޕް ކޮލިފައިން އޮތީ ސެޕްޓެމްބަރު މަހު އެވެ.

ރާއްޖޭގެ ކްލަބްތަކުން، މި ސީޒަނުގައި ކުޅެން ޖެހޭ އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިން އޮތީ ޖުލައި/އޮގަސްޓްގަ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު އިންވިޓޭޝަނަލް ކަޕް އެއް ކުޅެން ވަނީ ޑްރާފްޓް ކަލަންޑަރުގައި ހިމަނައިފަ އެވެ.

އަވަސްއަރުވާލާފައި ސީޒަން ފެށުމަށް ވުރެ ޕްރީ ސީޒަނަށް ވެސް ވަގުތު ދޭން ޖެހޭ

ފާއިތުވި ސީޒަންތަކުގައި އެންމެ ބޮޑަށް ދިމާވި އެއް މައްސަލަ އަކީ ރަނގަޅަށް ޕްރީ ސީޒަން ނުހަދައި ޓީމުތަކުން މުބާރާތުގެ މެޗުތަކަށް ނުކުމެ، ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ މިންވަރު އިތުރުވުމެވެ.

އެ ގޮތުން، ރަނގަޅަށް ޕްރީ ސީޒަން ނުހަދައި، މެޗުތަކުގައި ކުޅެން ހަދައިގެން، ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ބޮޑެތި ސީރިއަސް އަނިޔާތަކެއް ކުރިމަތިވެފައިވެ އެވެ.

އެހެންކަމުން، މި ފަަހަރުގެ ސީޒަން ފަށަން އަވަަސް އަރުވާލައިގެން، ކަންތައްތަކެއް ނިންމުމުގެ ބަދަލުގައި، އެކަށީގެންވާ ޕްރީ ސީޒަނެއް ހަދަން ޓީމުތަކަށް ވަގުތު ދޭން ޖެހެ އެވެ. އެ ވާހަކަތައް ކޯޗުންނާއި ކުޅުންތެރިން ވެސް އަންނަނީ ދައްކަމުންނެވެ.

ދެން، މީގެ އޮތް އަނެއް ކަންބޮޑުވުމަކީ، ޓީމުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހަމަނުޖެހޭތީ، އެ ސަބަބުތަކާ ހުރެ، ޕްރެކްޓިސްކޮށްލާނެ ވަރަށް ވެސް ޓީމު ހަމަނުވާނެތީ، ކްލަބްތަކުގެ ޕްރީ ސީޒަން ނުފެށިފައި އޮތުމެވެ.

މިދިޔަ ސީޒަނުގައި އެ މަންޒަރު ފެނިފައިވެ އެވެ.

ދިވެހި ފުޓްބޯޅަ އޮތީ އިންތިހާބުގެ "ކޯޅުމެއްގައި"

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، އިން މި އަހަރު ފެށި ފަހުން، ދެ ފަހަރެއްގެ މަތިން އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ކުރި މަސައްކަތް ޖެހުނީ ހުއްޓާލާށެވެ.

އެންމެ ފުރަތަމަ، ޖެނުއަރީ 31 ގައި، ބާއްވަން ނިންމި އިންތިހާބުގެ ކަންކަން ހުއްޓާލަން ފީފާ އާއި އޭއެފްސީން އެންގީ، އުސޫލާ ހިލާފަށް އެފްއޭއެމްގެ އިންތިހާބީ ކޮމިޓީތައް އޮތުމުން އެކަންކަން ރަނގަޅު ކުރާށެވެ. އެ އެންގުމާ އެއްގޮތަށް ރަނގަޅު މަގުން ކަންކަން ކުރިއަށް ގެންދިއުމަށް، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިންތިހާބީ ކޮމިޓީތައް ފާސްކުރި އެވެ.

އޭގެ ފަހުން، މި މަހު 20 ވަނަ ދުވަހަށް އަނެއްކާ ވެސް އެފްއޭއެމް އިން އިންތިހާބު ތާވަލުކުރި އެވެ.

އެކަމަކު، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، އޭއެފްސީ އާއި ފީފާ އިން އަންގައިގެން، ދިވެހި ފުޓްބޯޅައިގެ މައްސަލަތަކެއް ހުރުމުން، ވަނީ އިންތިހާބު ކަންކަން މަޑުޖައްސާލައިފަ އެވެ. އަދި ފީފާ އާއި އޭއެފްސީގެ ޓީމެއް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން ޒިޔާރަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމްގެ ރައީސްކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެއީ، އެފްއޭއެމް އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދޭ ލާރިން އަމިއްލަ މަންފާ އަށް އެތައް މިލިއަނުން ހަރަދުކޮށްފައިވާކަން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ސާބިތުވެފައިވާތީ އެވެ.

އެނގިފައިވާ ގޮތުގައި، ބައްސާމްގެ ވަނީ ކުރިއަށް އޮތް އެފްއޭއެމް އިންތިހާބުގައި ވާދަކުރަން ކެނޑިޑެސީ ހުށަހަޅައިފަ އެެވެ.

ކޯޗުންނާއި ކުޅުންތެރިންނަށް އިންތިހާ އަށް ގެއްލުން

ރާއްޖޭގައި އަދިވެސް ކުޅިވަރަކަށް ބަލާނަމަ އެންމެ ގިނަ ބަޔަކު އާމްދަނީ އަށް ބަރޯސާވެފައި އޮތީ ފުޓްބޯޅަ އަށެވެ. ގިނަ ކޯޗުންނާއި ކުޅުންތެރިން އަދި ކްލަބްތަކުގެ އެކި ހިންގުންތެރިން، ޓީމުތަކުން ލިބޭ މުސާރަ (ގަވާއިދުން ނުލިބުނު ކަމުގައި ވިޔަސް) އަށް ބަރޯސާވެ އެވެ.

ގަވާއިދުން މުސާރަ ލިބޭ އޮތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެން، އެހެން ޓީމުތަކުން، މުސާރަ ދޭން ބަރޯސާވަަނީ އެފްއޭއެމް އިން ދޭ ފައިސާ އަށެވެ. އެ ފައިސާ ލިބެނީ، އެ އިރެއްގައި އެފްއޭއެމްގެ ލީޑަޝިޕް ރުހޭ ގޮތަކަށް އުޅޭ ޓީމުތަކަށެވެ.

ފުޓްބޯޅަ ސީޒަންގެ ކުރިމަގު ސީދާސީދަލަށް ސާފުނުވެ އޮތުމާ އެކު، ކޯޗުންނާއި ކުޅުންތެރިން ތިބީ ސީޒަން ފެށުމާ މެދު ޔަގީންނުވާ ކަންތައްތަކެއް ހުރުމުން، މިހާރު އޮތް ހާލަތުގެ ގޮތުން ގޮތްހުސްވެފަ އެެވެ.

އާމްދަނީ އެއް ލިބެން ކިރިޔާ ވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް އޮތް މަގަކީ، ރަށްރަށުގައި ބާއްވާ ފުޓްބޯޅަ އާއި ފުޓްސަލް މުބާރާތްތަކުގައި މަސައްކަތް ކޮށްގެންނެވެ. ސަރަހައްދީ އެހެން ގައުމުތަކުން ބައިނަލްއަގުވާމީ މެޗުތައް މި ފަހުން ކުޅުނުއިރު، ރާއްޖޭގެ އުމުރުފުރާ އަދި ސީނިއާ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޖެހުނީ، އާމްދަނީ ހޯދަން ރަށްރަށުގެ މުބާރާތްތަކުގައި ކުޅޭށެވެ.

އެފްއޭއެމް، މާލީ ގޮތުން އަދިވެސް އަދަވަޅެއްގައި އޮތްއިރު، އެ ތަނުގެ ލީޑަޝިޕް "ވަޅުޖެހިފައި" ކަމެއް ނުކުރެވޭ ހާލަތުގައި އޮވެ، ދުވަސްތައް ގުނަމުން ދިއުން އެއީ ދިވެހި ފުޓްބޯޅަ އިތުރަށް ފަހަތަށް ސޮއްސާލާނެ ސަބަބެވެ. މިއީ މީގެ ޒިންމާ އުުފުލަންޖެހޭ ހުރިހާ ފަރާތަކުން ކުޅުންތެރިންނާއި ކޯޗުންގެ ހައްގުގައި އަވަސް ހައްލެއް ގެނެވޭތޯ މަސައްކަތްކުރަންޖެހޭނެ ކަމެކެވެ.