7 މާރިޗު 2022 - 14:22 0
ތުރުކީގެ އިވެންޓްގައި ވާދަކުރި ނަސްރުގެ ޓީމު ފޮޓޯ އަކަށް ހުއްޓިގެން.
7 މާރިޗު 2022 - 14:22 0
އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު)،ގެ މެރަތަން ރަނާސްގެ ހަތަރު އެތުލީޓަކި ތުރުކީގެ ރަންތާލިޔާ އިވެންޓްގައި ވާދަކޮށް ކުރިއެރުންތަކެއް ހޯދައިފި އެވެ.
ރަންތާލިޔާ އިވެންޓަކީ ނަސްރުގެ 79 ވަނަ މެރަތަން އެވެ. މި މެރަތަންގައި ދެން ދުވެފައިވަނީ ނަސްރުގެ ޓީމު، މެރަތަން ރަނާސްގައި ހިމެނޭ މުހައްމަދު އިރުފާން، އަހުމަދު ޒިޔާން، ރިޒާން ރަޝީދު، ޔޫސުފް އިބްރާހިމް އަދި އަހުމަދު ޒިޔާން މުހައްމަދު އެވެ.
ރަންތާލިޔާ އިވެންޓްގައި ނަސްރު އާއި އިރުފާން ދުވީ ފުލް މެރަތަންގަ އެވެ. އަނެއް ތިން އެތުލީޓުން ހާފް މެރަތަން އިވެންޓްގައި ބައިވެރިވެ ކުރިއެރުތަކެއް ހޯދި އެވެ. ނަސްރު ރޭސް ފުރިހަމަ ކުރީ 3 ގަޑިއިރާއި 23 މިނިޓް 18 ސިކުންތުންނެވެ. އިރުފާން މެރަތަން ފުރިހަމަ ކުރީ ދެ ގަޑިއިރާއި 51 މިނެޓް 51 ސިކުންތުންނެވެ.
"އިރުފާންގެ މި ޓައިމިން އަކީ ރާއްޖެ އަށް ބަލާނަމަ ރަނގަޅު ޓައިމިން އެއް. އެއީ އޭނަ ހާފް ބްރޭކް އެ ކޮށްލީ 1 ގަޑި 15 އިން. މިއި ރާއްޖޭގެ ނިސްބަތުން އެންމެ ރަނގަޅު އެއް ޓައިމިން،" ނަސްރު ބުންޏެވެ.
ހާފް މެރަތަންގައި ވާދަކުރި ޔޫސުފް އިބްރާހިމްގެ ޓައިމިން ވަރަށް ރަނގަޅެވެ. އޭނާ ހާފް މެރަތަން ފުރިހަމަކުރީ 1 ގަޑިއިރު 12 މިނިޓް 31 ސިކުންތުންނެވެ. ރިޒާން ރަޝީދު ރޭސް ފުރިހަމަ ކުރީ 1 ގަޑިއިރު 24 މިނިޓް 51 ސިކުންތުންނެވެ. އަހުމަދު ޒިޔާން ރޭސް ނިންމީ 1 ގަޑިއިރު 29 މިނިޓް 06 ސިކުންތުންނެވެ.
"ޔޫސުފްގެ ޓައިމިން އަކީ މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް އިންޓަނޭޝަނަލް އިވެންޓެއްގައި މި ގޮތަށް އަލަށް ބައިވެރިވެފައި އެންމެ ރަނގަޅު ޓައިމިން. ނެޝަނަލް ހާފް މެރަތަންގެ ރެކޯޑް ޓައިމިން އަށް ބެލިޔަސް މިއީ ޔޫސުފްގެ އިންޓަނޭޝަނަލް ފެށުމަކާ ބަލާއިރު ރަނގަޅު ޓައިމިން އެއް،" ނަސްރު ބުންޏެވެ.
އެތުލެޓިކް އެސޯސިއޭޝަނުން މި މަހު 26 ވަނަ ދުވަހު އިންޑިއާގައި ބާއްވާ ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ނަސްރުގެ ކޯޗުކަމުގައި ޓީމެއް ފޮނުވައިގެންނެވެ. ކްރޮސް ކަންޓްރީގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ ނަސްރުގެ މެރަތަން ރަނާސްގެ ޔޫސުފާއި އިރުފާންގެ އިތުރުން ދެ އަންހެން ދުވުންތެރިން ކަމަށްވާ އައިޝަތު ރާނިޔާ އާއި އައިޝަތު ރިޝްމީ އެވެ. ދެން ޓީމުގައި ހިމެނެނީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އާއި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ.
Comment