Advertisement

ގެންދެވީ ލޮލުގެ ފެނުން، ދެއްވީ އެއަށް ވުރެ ބޮޑު ނިއުމަތެއް

18 އޭޕްރީލް 2022 - 10:19 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ގެންދެވީ ލޮލުގެ ފެނުން، ދެއްވީ އެއަށް ވުރެ ބޮޑު ނިއުމަތެއް

18 އޭޕްރީލް 2022 - 10:19 0

ފަޔާޒް އަހުމަދު އުފަންވިއިރު ވެސް ވައަތު ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. ކަނާތު ލޮލަށް ކޮންމެވެސް ވަރަކަށް ފެނެ އެވެ. އެހެންވެ އުޅެލެވޭ ވަރުވެ އެވެ. ސްކޫލަށް ވެސް ދިޔަ އެވެ. ބޯޑާއި ފޮތުގައި ލިޔެފައި ހުންނަ އެއްޗިހި ކިޔަން ނޭގުނަސް، މުދައްރިސުން ލައްވައި ކިޔުއްވައިގެން އޭނާ ފިލާވަޅުތައް ދަސްކުރި އެވެ. ކުޑަ ދަތިކަމަކާއެކު ނަމަވެސް، އާންމު އިންސާނަކު ކުރާނޭ ހުރިހާ ކަމެއް ފަޔާޒަށް ކޮށްލެވެ އެވެ. ކުޅިވަރުކުޅުމާއި އާންމު ދިރިއުޅުމުގެ މަސައްކަތެވެ. އޭނާގެ ހާލަތު ގޯހުންގޯހަށް ދިޔައީ ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ބޯޅައިން ލޮލުގައި ޖެހުމުންނެވެ. އެކަމުގެ ސަބަބުން ކަނާތު ލޮލުގެ ފެނުން މަޑުމަޑުން ގެއްލެން ފެށި އެވެ. ފަރުވާ އަށް އިންޑިއާގެ މަދޫރާއީ އަށް ދެވުނުއިރު އެ ލޮލުގެ ފެނުން އެއްކޮށް ގެއްލިއްޖެ އެވެ.

އަލުން ރަނގަޅުވާނެ ކަމުގެ އުއްމީދެއް ޑޮކްޓަރު ނުދިނެވެ. ސަބަބަކީ ސިކުނޑީގެ އޮޕަރޭޝަނެއްކޮށް އެ ނާރުތަކާ ކުޅެނިކޮށް އިތުރު ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮތުމެވެ. އެހެންވެ އުމުރުން 17 އަހަރުގައި ފަޔާޒަށް ކުރިމަތިވީ ބޮޑު ބަދުނަސީބަކާ އެވެ. އިންތިހާ ދަރަޖައިގެ ހިތާމައަކާ އެވެ. އެއް ލޮލުގެ ފެނުމާ އެކު އުޅެއުޅެ ހުއްޓާ ދެ ލޯ އަނދިރިވުމުން ދިރިއުޅުމާ މެދު އޭނާގެ އުއްމީދު ގެއްލުނެވެ.

"މުޅި ރެއާ ދުވާލު އެކަމުގެ ވިސްނުމުގައި ރޮވި، އެކަހަލަ ގޮތަކަށް ދިޔައީ،" ފަޔާޒް ބުންޏެވެ.

އެންމެ ފުރަތަމަ ދުވަސްކޮޅު އެނދުގައި އޮވެފައި ތެދުވެގެން ކޮޓަރީގެ ދޮރު ހުޅުވާލަން ދާން ވެސް ނުކުރެ އެވެ. އެހާ ވަރަށް އޭނާ އަށް އުނދަގޫވި އެވެ. އެކަމަކު ދުވަސްތައް ފާއިތުވަމުން ގޮސް އެ ދިރިއުޅުމަށް އޭނާ ހޭނުނެވެ. މިއަދު އޭގެ 19 އަހަރު ފަހުން އޭނާ ހުރީ ނަފުސާނީ ގޮތުން ވެސް ވަރުގަދަވެފަ އެވެ. މިއަދު އޭނާ ގާތު އަހާލުމުން ބުނަނީ ލޮލަށް ނުފެނުމަކީ ނަސީބެއް ކަމަށެވެ. އެއީ ކީއްވެ ހެއްޔެވެ؟

"މި އޮތް ފިތުނަތަކުގެ ތެރޭގައި، ލޮލުގެ ފެނުން ގެންދަވާފައި، އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ދެއްވީ ﷲ ސުބްހާނަހޫ ވަތައާލާގެ ހިދާޔަތް. އެ ލޮލުގެ ފެނުމަށް ވުރެ ހިތުގެ، ސީދާ މަގުގައި ސާބިތުވެ ހުރުން އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ލިބުނު މާބޮޑު ނިއުމަތެއް،" ފަޔާޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިން އޭނާއަށް ބަރާބަރަށް ނަމާދެއް ނުކުރެވެ އެވެ. އެހެންވެ އެގޮތުގައި ދިޔަ ނަމަ ގޯސް މަގަކުން، އެހެން ދިމާލަކަށް އެނބުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ދިރިއުޅުމާ މެދު ވިސްނި ﷲ އެންގެވި އެންގެވުންތަކާ މެދު އޭނާ އަށް ހިޔާލުކުރެވެން ފެށީ ލޮލުގެ ފެނުން ގެއްލުމާއެކު އެވެ.


"އެހެންވީމާ އެ މަގުފުރެދުމުގެ ތެރެއަށް ދިއުމަށް ވުރެން ލޮލުގެ ފެނުން ގެންދަވާފައި ހިދާޔަތް ދެއްވުން ވެސް މާރަނގަޅޭ ހިތަށް އަރަނީ،" ފަޔާޒް ބުންޏެވެ.

އޭނާއަށް ރަނގަޅު މަގު ހިޔާރުކުރެވުމުގެ ނަތީޖާއަކަށްވީ ލޯފަން މީހެއްގެ ގޮތުގައި ހުރެމެ ތައުލީމީ ގޮތުން ވެސް ކުރިއަރާ ދިއުމެވެ. އޭނާ އެތައް ކޯހެއް ފުރިހަމަކޮށްފި އެވެ. މިހާރު ވެސް އަންނަނީ ބެޗެލާސް އޮފް އިމާމް ކޯސް ހަދަމުންނެވެ.

"އަލްހަމްދުލިﷲ. އެ ލޮލުގެ ފެނުން ގެންދެވިއެއް ކަމަކު އެއަށް ވުރެ މާ ބައިވަރު ނިއުމަތްތައް ދެއްވައިފި،" ފަޔާޒް ބުންޏެވެ.

އޭނާ އަކީ މިހާރު އުކުޅަހު މަސްޖިދުއްތަގުވާގެ އިމާމެވެ. އެ މަސައްކަތުން ލިބޭ އާމްދަނީން އޭނާ އާއިލާއެއް ބިނާކޮށްފި އެވެ. މީހަކާ ކައިވެނިކޮށް ހަތަރު ކުދިން ހޯދައިފި އެވެ. ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އަދި އޭނާގެ މަސައްކަތުން ލިބޭ އުޖޫރައިން ބައްޕަ އަށް ސައިކަލެއް ވެސް ވަނީ ހޯދައިދީފަ އެވެ.

"އިތުރަށް ކަމެއް ޖެހިއްޖިއްޔާ އެހީވުން އުއްމީދަކީ. ބޮޑުކަމެއް ޖެހިއްޖިއްޔާ ހަމަ ޓާގެޓަކީ، ހުރިހާ ދަރިންގެ ތެރެއިން ވެސް ހަމަ އެންމެ ރަނގަޅު އެއްޗެއް ބައްޕައަށް ދެވޭނީ ހަމަ ފިއްޓެއަށޭ،" ފަޔާޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއީ ކޮންމެހެން މާގިނަ ފައިސާތަކެއް ލިބޭތީކީ ނޫނެވެ. އެކަމަކު އަތުގައި އޮންނަ އެއްޗެއް ދޫކޮށްލަން ޖެހިލުންނުވާތީ އެވެ. އޭގެ ސަބަބަކީ މީހުންގެ ފަރާތުން ވެސް އޭނާ އަށް އެތަކެއް އެއްޗެއް ލިބިފައި ވުމެވެ. ހާއްސަކޮށް ރައްޓެހިންގެ އެހީ އެވެ.

އެންމެ ފުރަތަމަ ދުވަސްކޮޅު ފަޔާޒް ގޮވައިގެން ތަންތަނަށް ދިޔައީ ރައްޓެހިންނެވެ. އޭނާ މި ދިރިއުޅުމަށް ހޭނިލަންދެން އަތުގައި ހިފީ ރައްޓެހިންނެވެ. ކުރިން އުޅުނު މަޖާ، ހަރަކާތްތެރި ދިރިއުޅުން ފަހުން ވެސް ލިބުނީ އެ ރައްޓެހިންގެ އެހީއާ އެކު އެވެ. އޭނާ ވަނީ ލޯ އެއްކޮށް އަނދިރިވީ ފަހުން ރާޅާއަޅަން ވެސް ގޮސްފަ އެވެ.

"ބައެއް މީހުން ގަބޫލެއް ވެސް ނުކުރޭ،" ފަޔާޒް ބުންޏެވެ.


ހުސް ވަގުތު ފަޔާޒް، 36، އަންނަނީ އިޖުތިމާއީ ކަންކަމުގައި ވެސް ބައިވެރިވަމުންނެވެ. އެގޮތުން ދީނީ ކަންކަމުގައި ރަށުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ޝޭހުން ގެނެސް ދަރުސް ދިނުމާއި ހާލުގައި އުޅޭ މީހުންނަށް އެހީ ހޯދައިދިނުން އަދި ޑޮކްޓަރުން ގެނެސް ކޭމްޕް ބޭއްވުން ފަދަ ކަންތައް ކުރެ އެވެ. މިހާރު ވަނީ އެކަމަށް އެފްއެސްއޯ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ވެސް ކޮށްފަ އެވެ. ފަޔާޒަކީ އެ ޖަމިއްޔާގެ ރައީސެވެ.

ލޮލުގެ ފެނުން ގެއްލުމުގެ ހިތާމައިގެ ތެރެއިން ވެސް ފަޔާޒް ހޯދީ އުފާކުރަންވީ ސަބަބެކެވެ. އެއީ އޭނާއަށް ހިދާޔަތް ދެއްކެވުމަށް ﷲ މިންވަރުކުރެއްވި ގޮތްކަމަށް ފަޔާޒް ދެކެ އެވެ. ފަޔާޒް ބުނި ގޮތުގައި މިހާރު އޭނާ ހިތާމަކުރަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. މާނައަކީ ދިރިއުޅުމުގައި އޮތީ ހުސް އުފާވެރިކަމެވެ. އެ އުފާ ލިބުމުގައި އަންހެނުންނަށް އޭނާ ޝުކުރުއަދާކުރެ އެވެ.

"އެއްވެސް ޝައްކެއް ނެތް، ހަމަ އަންހެނުންގެ އެހީތެރިކަމާ އެކީތާ މިހިސާބަށް މި އާދެވުނީ ވެސް. އެހެންވީމާ ހަމަ އަންހެނުންގެ ސަޕޯޓާ އެއްކޮށް ލައިފްގައި ކާމިޔާބު މީހަކަށް މި ވެވުނީ" އޭނާ ބުންޏެވެ.

ލޮލުގެ ފެނުން ގެއްލުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އެކަމަކު ފަޔާޒް ގަބޫލުކުރާ ގޮތުގައި ﷲ އޭނާގެ އަތުން ފެނުން ގެންދަވާފައި އެއަށް ވުރެ ބޮޑެތި ނިއުމަތްތަކާއި އުފާތައް ދެއްވައިފި އެވެ. އެހެންވެ އޭނާގެ ހިތުގައި ޝަކުވާއެއް ނެތެވެ. އެ ހިތް ފުރިފައިވަނީ ޝުކުރުންނެވެ.