26 ފެބުރުވަރީ 2022 - 07:38 0
26 ފެބުރުވަރީ 2022 - 07:38 0
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ހަފްތާ ބަންދުގައި ބާއްވަމުން އަންނަ ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މާލެ ވެޓަރަންސް، މާލެ ސްޕޯޓްސް ކްލަބް، ކޮމެޓްސް ކްރިކެޓް ކްލަބް އަދި މިލާން އެކެޑަމީ މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗް ސީބީއެލްއާ ބައްދަލުކޮށް މާލޭ ވެޓްރަންސް ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. ދެ ވަނަ މެޗް ނިއުސްޓާއާ ވާދަކޮށް މާލޭ ސްޕޯޓްސް ކްލަބް މޮޅުވީ ހަތް ލަނޑުންނެވެ. ތިން ވަނަ މެޗް އޮއްފު އެފްސީއާ ކުޅެގެން ކޮމެޓްސް ކުރިހޯދީ 9 ވިކެޓުންނެވެ. އިއްޔެގެ ފަހު މެޗު ހަތަރު ވަނަ މެޗުގައި އައިޒީއާ ކުޅެގެން މިލާން ކްރިކެޓް އެކަޑަމީ މޮޅުވީ ބޮޑު ތަފާތަކުން، 88 ލަނޑުންނެވެ.
ފުރަތަމަ މެޗް ސީބީއެލް ކުޅެންއަރައި ހަތް ކުޅުންތެރިން ނުބައިވެގެން 72 ލަނޑު ހެދި އެވެ. ސީބީއެލްގެ ސާޒް ހަބީބް 14 ލަނޑު ހެދިއިރު، މާލެ ވެޓްރަންސްގެ ޗަންދަނާ ތިން ވިކެޓް ނެގި އެވެ. ޖަވާބުގައި މާލޭ ވެޓްރަންސް އިން ކުޅެންއަރައި ދެ ކުޅުންތެރިން ނުބައިވެގެން 73 ލަނޑު ހެދީ 7 ވަނަ އޯވަރުތެރޭގަ އެވެ. މެޗުގައި މޮޅަށް ކުޅުނު ޗަންދަނާ ވަނީ ނުބައިނުވެ 34 ލަނޑު ހަދައިފަ އެވެ.
ދެވަނަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބުން ފުރަތަމަ ކުޅެންއަރައި 10 އޯވަރު ހަމަވިއިރު، 73 ލަނޑު ހެދީ ހަތަރު ކުޅުންތެރިން ނުބައިވެގެންނެވެ. މާލެ ސްޕޯޓްސް ކްލަބްގެ އިސުރު 20 ލަނޑު ހެދިއިރު،، އެ ޓީމުގެ ސަޗިތު 19 ލަނޑު ހެދި އެވެ. ޖަވާބުގައި ނިއުސްޓާ އިން ކުޅެންއަރައި 10 އޯވަރު ހަމަވިއިރު، ހެދުނީ 66 ލަނޑެވެ. އެއީ އަށް ކުޅުންތެރިން ނުބައިވެގެންނެވެ. މާލެ ސްޕޯޓްސްގެ އަބްދުލް ހައިރާއި މެހެންދި ހަސަން ކޮންމެ އުކުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ތިން ވަނަ މެޗުގައި އޮއްފު އެފްސީ އަށް 10 އޯވަރުތެރޭ އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 63 ލަނޑެވެ. ޖަވާބުގައި ކޮމެޓްސް އިން ކުޅެން ނިކުމެ ހަ އޯވަރުގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 64 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ކޯމެޓްސްގެ ސައުފް އެވެ.
އިއްޔެގެ ފަހު މެޗުގައި މިލާން ކްރިކެޓް އެކަޑަމީ ވަނީ 10 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 158 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ނާސިފާއި ޔޫސުފް އަޒްޔާން ކޮންމެ ކުޅުންތެރިއެއް 38 ލަނޑު ހެދި އެވެ. އައިޒީގެ އިރުފާން ދެ ވިކެޓް ނެގި އެވެ. ޖަވާބުގައި އައިޒީން ކުޅެން ނުކުމެ 10 އޯވަރުތެރޭ އެންމެ ކުޅުންތެރިއެއް ނުބައިވެގެން ޖުމްލަ 70 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި ތަޖުރިބާކާރު ކުޅުންތެރިޔާ އަފްލާހް އެވެ.
Comment