Advertisement

ވެރިކަމުގެ ބާރުތައް މީގެ ކުރިން ވަގުތީ ގޮތުން ނަންގަވާފައިވަނީ ކޮން ބޭފުޅުންތަކެއް؟

25 ފެބުރުވަރީ 2022 - 11:44 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ވެރިކަމުގެ ބާރުތައް މީގެ ކުރިން ވަގުތީ ގޮތުން ނަންގަވާފައިވަނީ ކޮން ބޭފުޅުންތަކެއް؟

25 ފެބުރުވަރީ 2022 - 11:44 0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑުގެ ސާޖަރީއެއް ކުރެއްވުމަށް ތިއޭޓަރުގައި އޮންނެވި ތިން ގަޑިއިރާއި 30 މިނެޓުގެ، ރައީސްކަމުގެ ޒިންމާތައް ނެންގެވީ އެމަނިކުފާނުގެ ނާއިބް ފައިސަލް ނަސީމް އެވެ. ފައިސަލް މިއަދު ފަތިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސްކަމުގެ ހުވާކުރެއްވި އެވެ. އެއާ އެކު ފައިސަލް ވެގެންދިޔައީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީހުގައި، ރައީސްގެ ގާނޫނީ ހުވާ ކުރައްވައިގެން އެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ.

އެކަމަކު ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު ބައެއް ރަސްރަސްކަލުންނާއި ރައީސުން އަދި ބޮޑުވަޒީރުން ވަނީ ޒިންމާތައް ރިޖެންޓުންނާއި ނާއިބުންނާއި ހަވާލުކުރައްވައިފަ އެވެ. އޭގެ ތެރެއިން ބައެއް ފަހަރު ހިތި ތަޖުރިބާތައް ވެސް ކުރައްވަން ޖެހިވަޑައިގެންފައިވެ އެވެ.

ރާއްޖޭގެ ރަސްކަން 1893-1902 އަށް ކުރެއްވި މުހައްމަދު އިމާދުއްދީން (ހާޖީ އިމާދުއްދީން) ދެ ފަހަރެއްގެ މަތިން ރަސްކަމުގެ ބާރުތައް އެހެން ބޭފުޅުންނާ ހަވާލުކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ހައްޖަށް ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅުގަ އެވެ. އޭގެ ފަހުން ކައިވެނިފުޅަށް މިސްރުގެ ސުވޭހަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މިސްރުގެ ޝަރީފާ ހާނިމްއާ ކައިވެނިފުޅު ބައްލަވައިގަތުމަށް އެ ގައުމަށް ވަޑައިގަތީ ރަސްކަމުގެ ބާރުތައް އަލްއަމީރު އަހުމަދު މާންދޫގޭ ތުއްތު މަނިއްޕުޅާ ހަވާލުކުރައްވައިފަ އެވެ. އެކަމަކު ބާރުތައް ނަންގަވަމުން ގެންދެވީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ބޮޑުވަޒީރު އަތިރީގޭ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ކަމަށް ތާރީހު ހެކިދެ އެވެ.

ހާޖީ އިމާދުއްދީން.


ނަތީޖާއަކަށްވީ ހާޖީ އިމާދުއްދީން މިސްރުގައި ހުންނަވަނިކޮށް، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދަރިކަލުން އަތިރީގޭ އަބްދުލްމަޖީދު ދީދީ (ފަހުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު) އިސްވެ ހުންނަވައި އެމަނިކުފާނު ރަސްކަމުން އަޒުލުކުރެއްވުމެވެ. އަދި އައް ސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު އައް ސާލިސް ސުލްތާން ޖަޒާއިރް މަހަލްދީބުގެ ގޮތުގައި ދިވެހި ރަސްކަމަށް މުހައްމަދު ޝަމްސުއްދީން އިސްކުރެއްވި އެވެ.

ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ނިންމުން ނިންމަން ޖެހުނީ ހާޖީ އިމާދުއްދީންގެ ކައިވެނިފުޅަށް ދިވެހި ދައުލަތުގެ ހަޒާނާ އިން ހަރަދުކުރަން ޖެހި، ބުންބާ ވިޔަފާރިވެރިންނަށް ދައުލަތް ދަރަން ފެށުމުން ކަމަށެވެ.

ހާޖީ އިމާދުއްދީން އަހަވާރަވީ މިސްރުގައި ހުންނަވަނިކޮށެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ދަށުން ވަލިއްޔުލް-އަމްރު ގެ ނަމުގައި ރައީސްކަން ކުރެއްވި މުހައްމަދު އަމީން ވެސް އަރިސް ބޭފުޅުންނަށް އިތުބާރުކުރައްވައި ރަށުގައި ނޫޅުއްވާ ދުވަސްކޮޅު ސަރުކާރުގެ ހުރިހާ ބާރުތަކެއް އެ ބޭފުޅުންނަށް ދެއްވާ ކަމަށް ތާރީހީ ލިޔެކިޔުންތައް ބުނެ އެވެ.

މުހައްމަދު އަމީން ދީދީ.


އެމަނިކުފާނު ދާހިލީ ވަޒީރުގެ ގޮތުގައި ދައުލަތް ހިންގުމުގެ ޒިންމާތައް ނަންގަވަމުން ގެންދެވިއިރު 1950 ވަނަ އަހަރު އާލާސްކަންފުޅު ބޮޑުވުމުން، ސިލޯނާއި ވިލާތުގެ ޑޮކްޓަރުން އެންގެވީ ބުރަ ދިރިއުޅުއްވުމުން އެއްފަރާތްތެވަޑައިގެން އަރާމުކުރެއްވުމަށެވެ. "އޯކިޑް" ފޮތުގައިވާ ގޮތުގައި، އެއާ އެކު ސިއްހީ ސަބަބުތަކަށްޓަކައި ވެރިކަމުގެ މަސްއޫލިއްޔަތުކަން ވަކިކޮށްދެއްވަން އެދި އެމަނިކުފާނު ވަލީ ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވި އެވެ. އެކަމަށް އެ ކޮމިޓީއަށް އެކަމާ މެދު ގޮތެއް ނުނިންމުނެވެ. އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެމްބަރުންނަށް އަމީން ސިޓީފުޅެއް ފޮނުއްވި އެވެ.

"އަޅުގަނޑުގެ ސިއްހަތަކީ، ދިވެހި ގައުމުގެ ފަރާތުން ވަކި ހާއްސަ އިނާޔަތްތެރިކަމެއް ބަހައްޓަންވީ އެއްޗެއް ކަމަށް ފަހަރެއްގައި ވެސް އަޅުގަނޑު ދައުވާއެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑަކީ ދިވެހި ރައްޔިތެކެވެ. އަޅުގަނޑު ހިތުން ކޮންމެ ދިވެހި ރައްޔިތެއް އެ މީހެއްގެ ސިއްހަތު ގެއްލިއްޖެ ކަމުގައި ވަނީ ނަމަ އެ ގެއްލުނު ސިއްހަތެއް އަނބުރައި ލިބޭތޯ މަސައްކަތްކުރާނޭ ފުރުސަތެއް ދެއްވުމަކީ، އެ މީހެއްގެ ހައްގެކެވެ. އަޅުގަނޑުގެ ސިއްހަތަށް މިތަންވަޅު ލިބިފައިވާ، އަދި ލިބެމުންދާ ގެއްލުންތައް، ތިޔަ ބޭފުޅުންނަށް ވިސްނިވަޑައިނުގަންނަވާ ކަމުގައިވަނީ ނަމަ، އެގޮތް ސާބިތުކޮށްދިނުމަށް ލަފުޒުތަކެއް ބޭނުންކުރާ ހިތެއް އަޅުގަނޑު ނެތެވެ. އަދަބުވެރިކަމާ އެކު އަޅުގަނޑު މެމްބަރުން އަރިހުން އެދެނީ، ދެތިން އަހަރަކަށް ނަމަވެސް، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތުތަކުން އަޅުގަނޑު ވަކިކޮށްދެއްވުމެވެ،" ސިޓީގައި އަމީން ލިޔުއްވާފައިވެ އެވެ.

އެކަމަކު އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދު ދުވަސްވަރުކަމުން އެމަނިކުފާނަށް ޒިންމާތަކުން ވަކިވެވަޑައިގެންނެވޭ ގޮތެއް ނުވެ އެވެ. އަދި އެ ހާލުކޮޅުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުފުޅުތައް ކުރައްވަން ޖެހިވަޑައިގަތެވެ. ދަތުރުމަތީގައި ގަދަ ހުންފުޅެއް ޖެހި ހަބަރު ހުސްވެފައި އޮންނަވާ ދުވަސްތައް އާދެ އެވެ. އަދި ހަކުރުބަލީގެ އާލާސްކަންފުޅުގެ ސަބަބުން އަނބުރައި ގަންނަ ހާލަތު ވެސް އާދެ އެވެ. ނަތީޖާއަކަށްވީ ހާލުކޮޅު އިތުރަށް ގޯސްވުމެވެ.

ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ.


އެމަނިކުފާނު، ރައީސްގެ ގޮތުގައި ހުންނަވައި 1953 ވަނަ އަހަރުގެ މެދުތެރޭގައި ސިލޯނަށް ބޭސް ފަރުވާ އަށް ވަޑައިގަތީ، ނައީބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީއާ ދައުލަތް ހިންގެވުމާއި މަހްކަމަތުލް އަމަން އާއްމުގެ ވެރިކަން ހަވާލުކުރައްވައިފަ އެވެ. ނަތީޖާ ވަރަށް ހިއްޗެވެ. އަމީނުގެ ވެރިކަން ބަދަލުކޮށްލީ އެމަނިކުފާނު އެ ދަތުރުފުޅުގައި ސިލޯނުގައި ހުންނަވަނިކޮށް އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައި ގެންނެވި އިންގިލާބެއްގަ އެވެ.

އަމީން އެނބުރި ވަޑައިގަތުމުން ދޫނިދޫގައި ބަންދުކުރައްވާފައި ހުންނަވަނިކޮށް ވެރިކަން އަލުން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ހަވަރު އެއްވެ އިންސާނިއްޔާތާ ހިލާފު އަނިޔާ ދިނެވެ. އެމަނިކުފާނު އަހަވާރަވީ، ވެރިކަން ހޯއްދަވަން ވަޑައިގަތުމަކީ ބަޣާވާތް ކުރެއްވުންކަން ސާބިތުވެ އަރުވާލާފައި ހުންނަވަނިކޮށެވެ.

ހަގީގަތުގައި އެހާމެ އިތުބާރުކުރެއްވި އިބްރާހިމް ދީދީ އިންގިލާބުގައި ބައިވެރިވުމަކީ އަމީނަށް ލިބިވަޑައިގެންނެވި ބޮޑު ހައިރާންކަމެއް ވެސް މެ އެވެ. ބޭސްކޮޅަށް ރާއްޖޭން ބޭރަށް ވަޑައިގަތީ އިބްރާހިމް ދީދީ އަށް ބޮޑު އިތުބާރެއް ކުރައްވައި އެކަން ރައްޔިތުންނަށް ހާމަވެސް ކޮށްދެއްވާފަ އެވެ. ދޫނިދޫގައި އަމީން ބަންދުކުރައްވާފައި ހުންނެވިއިރު ދަރިކަނބަލުން އަމީނާ އަށް ލިޔުއްވި ސިޓީގައި ވަނީ، އިތުބާރުކުރެއްވި ވެރިން ވެވަޑައިގެންނެވި ބޭވަފާގެ ވާހަކަ އަސަރާ އެކު ދައްކަވައިފަ އެވެ.

އިބްރާހިމް ނާސިރު (ކ) އާއި ރަޝީދު.


އޭގެ ފަހުން އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި އެމަނިކުފާނު ކިޑްނީގެ އާލާސްކަންފުޅަކަށް ސިލޯނަށް ވަޑައިގެންނެވި އިރު ޒިންމާތައް ވަޒީރުލްއައުޒަމްގެ ނާއިބް ހަސަން ޒަރީރު މަނިއްޕުޅާ ހަވާލުކުރެއްވި ކަމަށްވެ އެވެ. އޭރު ވަޒީރުލްއައުޒަމްގެ ނާއިބުންގެ ގޮތުގައި ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ ޒަރީރުގެ އިތުރުން ކަރަންކާގޭ އިބްރާހިމް ރަޝީދު (ސޯދު ސީނު ރަޝީދު) އަދި އަލްއުސްތާޒް މޫސާ ފަތުހީ އެވެ. އޭގެ ފަހުން ބޭސް ފަރުވާއަކަށާއި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ނާސިރު ސިލޯނަށް ވަޑައިގެންނެވި ރަޝީދުއާ ޒިންމާތައް ހަވާލުކުރެއްވި ކަމަށްވެ އެވެ. އެކަމަކު އޭރު ރަސްކަމުގައި މުހައްމަދު ފަރީދު ހުންނަވާތީ އެ ބޭފުޅުންނަށް ގައުމުގެ އެންމެ މަތީ ޒިންމާތަކެއް ނޯންނާނެ އެވެ. ބަދަލުގައި އޮންނާނީ ސަރުކާރު ހިންގުމުގެ ޒިންމާ އެވެ.

އެ ހުރިހާ ފަހަރުތަކެއްގައި އެ ބޭފުޅުން ޒިންމާތައް ނެންގެވީ ނާއިބުންގެ ގޮތުގަ އެވެ. އެކަމަކު މި ފަހަރު ތަފާތަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައި ރައީސްގެ ޒިންމާތަކާ ފައިސަލް ހަވާލުވެވަޑައިގަތުމެވެ. ސަބަބަކީ 2008 ގައި ފާސްކުރި ފެހި ގާނޫނު އަސާސީގައި ވެސް އެފަދަ ހާލަތެއް އަތުވެދާނެ ކަމަށް ބަލައި އެކަން ހަމަޖެހޭނެ ގޮތެއް ކަނޑައަޅާފައި އޮތުމެވެ. ގައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ފައިސަލް ހޭދަކުރެއްވި ތިން ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ރަސްމީ އެއްވެސް ކަމެއް ނިންމެވި ކަމެއް އަދި ނޭގެ އެވެ. ހުކުރު ދުވަސްކަމުން، އަމުދުން ހެނދުނު ވަގުތަށް ވުމުން ރަސްމީ ކަމެއް އޮވެދާނެ ކަމަށް ނުބެލެވެ އެވެ.