Advertisement

ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕް ފަށަނީ ފ އަތޮޅުން

24 ފެބުރުވަރީ 2022 - 09:19 0

ފ. މަގޫދޫ: އަތޮޅު މުބާރާތް ފަށާނީ މަގޫދޫގައި.


ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕް ފަށަނީ ފ އަތޮޅުން

24 ފެބުރުވަރީ 2022 - 09:19 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އަތޮޅު ވޮލީ މުބާރާތް ފަށަން ނިންމާފައިވަނީ ފ. އަތޮޅު މަގޫދޫގައި ކުޅޭ އެ އަތޮޅުގެ މުބާރާތުން ކަމަށް އިއުލާނުކޮށްފަ އެވެ.

ރާއްޖޭގެ ވޮލީބޯޅަ ފޯރިގަދަ ކުރުުމާއި ގައުމީ ވޮލީ ޓީމު ވަރުގަދަ ކުރުމުގެ މަގުސަދުގައި ފަށާ ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ އޮތީ އަންނަ މަހު 11 ވަނަ ދުވަހު ފ. މަގޫދޫގައި ބާއްވާ އެ އަތޮޅު މުބާރާތެވެ. އެ އަތޮޅުން ފަސް ރަށެއް ބައިވެރިވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ. ފުރުސަތު އޮތް އަތޮޅުތަކުން އަންހެން އަދި ފިރިހެން ދެ ޑިވިޝަން ވެސް ކުޅެންވީ އެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

އަތޮޅު މުބާރާތް އަލުން ފަށާއިރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި މުބާރާތުގެ ތެރެއިން ހުޅުވިފައި އޮތް ފުރުސަތެވެ. އެ ގޮތުން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގައި ކުޅެގެންނެވެ.

"ފ. އަތޮޅުގެ މުބާރާތުގެ ހުރިހާ ކަމެއް ވަރަށް ފޯރީގައި ފ. މަގޫދޫގައި ހޯސްޓް ކުރާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ މަގޫދޫ ކައުންސިލާއި ފ. އަތޮޅުގެ ފަސް ރަށް ގުޅިގެން ވަރަށް ފޯރީގައި ކަންކަން މި ގެންދަނީ. އަޅުގަނޑުމެންގެ ބައިވެރިވުމަކީ ޓެކްނިކަލް ކަންކަމުގެ އެހީވުން. މީގެ ކުރިއަށް މި ދަނީ އެ ބޭފުޅުން ވޮލީ ކުރިއަރުވަން ބޭނުންވެގެން ކުރާ މަސައްކަތާއި އަޅުގަނޑުމެން ގުޅިގެން އެކުގައި ކުރާ މަސައްކަތް،" ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް، "އަދަދު" އަށް ވިދާޅުވި އެވެ.

ވީއޭއެމުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ފ. އަތޮޅު ނިންމާފައި ދެން އެންމެ އަވަހަށް ފެށުމުގެ ފުރުސަތު އޮތީ ގދ، ލ، ހއ، އަދި ތ އަތޮޅުގެ ތެރެއިން ސަރަަހައްދެއްގެ އަތޮޅު މުބާރާތެވެ.

ވީއޭއެމުން މުބާރާތް އިންތިޒާމްކުރުމުގައި އެހީތެރިންގެ ގޮތުގައި ބަލަނީ ޔޫތު މިނިސްޓްރީ އާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކެވެ. އަތޮޅު ކައުންސިލުން އެ އަތޮޅެއްގެ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް އޮންނައިރު، މުބާރާތް ހޯސްޓްކުރާނެ ރަށެއް އަތޮޅު ކައުންސިލުން ކަނޑައެޅުމުން ވީއޭއެމުން ދެނީ ޓެކްނިކަލް ސަޕޯޓެވެ. އެއީ ރެފްރީންގެ ކަންކަން އިންތިޒާމްކުރުމާއި މުބާރާތުގެ އީދާރީ ކަންކަމެވެ.

"ޒޯނެއްގެ ޗެމްޕިއަން އައިސްފިއްޔާ އެ ޒޯނަކަށް ނިސްބަތްވާ ތިން ހަތަރު އަތޮޅަކުން އެބަ ބޭނުންވޭ އެ ޒޯނެއްގައި ވޮލީބޯޅައިގެ ޝަރަފްވެރި ތަށި ބައިންދަން. ވަރަށް ފޯރީގައި މި އޮތީ،" ރަނޭޝް ވިދާޅުވި އެވެ.

ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީބޯޅަ ކޯޓުތައް އަޅަމުންދާއިރު، މުސްތަގުބަލުގައި ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕް ބާއްވަން ރަނގަޅު ކޯޓުތަކެއް ރަށްރަށުގައި ވެސް ގާއިމްވެފައި ހުންނާނެ ކަމަށް ވީއޭއެމުން ދެކެ އެވެ. އެކަމަކު، އަންނަ އަހަރަށް އެ މަސައްކަތް ނިމެންދެން ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕް ނުފަށައި، ތިބެވެން ނެތް ކަމަށް ރަނޭޝް ވިދާޅުވި އެވެ. ސަބަބަކީ އޭރުން ހުއްޓެނީ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓްގެ މުހިންމު މަސައްކަތެއް ކަމަށްވާތީ އެވެ.

މިހާރު އޮތްގޮތުން މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ކުޅޭއިރު، ނިމިފައިވާ ޒޯންތަކުގެ ޗެމްޕިއަނުންނަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް ކުޅެވޭނެ އެވެ. އެއީ އެ ޒޯން ޗެމްޕިއަނުން ބޭނުންވެއްޖެނަމަ އެވެ. އެހެން ނޫންނަމަ ހުރިހާ ޒޯން ޗެމްޕިއަނުންނެއް ކޮލިފައިވާނީ އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށެވެ.

މިސާލަކަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ފެށުމުގެ ކުރިން ނިމޭ ޒޯނެއްގެ ޗެމްޕިއަނުން ބޭނުންނަމަ ދެ އަހަރު (މި އަހަރާއި އަންނަ އަހަރު)ގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ވެސް ކުޅެވޭނެ އެވެ.

"ހުރިހާ ޒޯނެއްގެ ޗެމްޕިއަން ނަގައިގެން އެސޯސިއޭޝަން ކަޕްގެ ފައިނަލް ރައުންޑް ބާއްވަން ބަލާއިރު ވަރަށް ލަސްވެފައި އޮންނާނީ. ވަރަށް ބޮޑު ގޮންޖެހުން އޮންނާނެ. އެއީ މި ނިމިގެން މާލޭގައި މުބާރާތްތައް ފަށަން ވަގުތެއް ނޯންނާނެ،" ރަނޭޝް ވިދާޅުވި އެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުންތެރިންނަށް ކުޅެވުމުގެ އުސޫލަށް ބަލާއިރު، އަތޮޅު މުބާރާތުގައި ކުޅުންތެރިއަކަށް ކުޅެވޭނީ އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައިވާ އަތޮޅެއްގެ ރަށަކަށެވެ. އަންހެނުން ނިސްބަތްވާ ރަށް ކަމުގައި ވިޔަސް އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައި ނެތް އަތޮޅެއްގައި ނުކުޅެވޭނެ އެވެ.

އެހެން ނަމަވެސް ޒޯން މުބާރާތުގައި ކުޅުންތެރިންނަށް ފުރުސަތު އިތުރު ކުރުމާއި މުބާރާތުގެ ތެރެއިން ޓްރާންސްފާ އާއި އެހެނިހެން ފޯރި ވެސް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކޮންމެ ޓީމަކަށް ވެސް އެ އަތޮޅަކަށް ނިސްބަތް ނުވާ ޒޯނަކުން އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނޭނެ އެވެ. މާނަ އަކީ ޓީމުތަކުން ފުރުސަތު ލިބޭ ކުޅުންތެރިންނަށް ޒޯން ބުރުގައި ގިނަ ވެގެން ދެ ޓީމަށް ކުޅުމުގެ ޖާގަ އޮތުމެވެ. އެއް ކުޅުންތެރިއަކަށް ގިނަވެގެން ކުޅެވޭނީ ދެ ޒޯނުގަ އެވެ.

މީގެ އިތުރުން ޒޯން މުބާރާތުގައި އެ ޒޯނަކަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ. މިސާލަކަށް ޒޯން އެކެއްގެ ޗެމްޕިއަން ޓީމަށް އެ ޒޯނުގެ ކޮންމެ ރަށަކުން ވެސް ކުޅުންތެރިއަކު ނެގިދާނެ އެވެ. އެކަމަކު، އެ ޒޯނުން ބޭރުން ޖެހޭނީ އެންމެ ކުޅުންތެރިއެކެވެ.