Advertisement

ޔުނައިޓަޑް - އެތުލެޓިކޯގެ ކުރިމަތިލުމުގެ ކުރިން ސިމިއޯނީގެ ތައުރީފް ރަންގްނިކަށް

23 ފެބުރުވަރީ 2022 - 14:04 0


ޔުނައިޓަޑް - އެތުލެޓިކޯގެ ކުރިމަތިލުމުގެ ކުރިން ސިމިއޯނީގެ ތައުރީފް ރަންގްނިކަށް

23 ފެބުރުވަރީ 2022 - 14:04 0

މެޑްރިޑް (ފެބްރުއަރީ 23) - މެންޗެސްޓާ ޔުނައިޓަޑްގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް އެ ޓީމާ ހަވާލުވި ފަހުން، އެ ޓީމުގެ އިތުރަށް ވަރުގަދަވެފައިވާ ކަމަށް ބުނެ، ރަންގްނިކަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ތައުރީފް ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓަޑާ ދެކޮޅަށް އެތުލެޓިކޯ ނުކުންނާ އެވެ. މިއީ ތިން އަހަރުގެ ތެރޭގައި، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޔުނައިޓަޑް ކުޅޭ ފުރަތަމަ ފަހަރެވެ.

ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޔުނައިޓާއި އެތުލެޓިކޯ ކުރިމަތިލާއިރު، މި ސީޒަންގެ މިހާތަނަށް ދެ ޓީމުގެ ނަތީޖާތައް އެންމެ ރަނގަޅެއް ނޫނެވެ. އެހެންކަމުން، ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަކީ ދެ ޓީމުގެ ވެސް މުހިންމު އަމާޒަކަށްވާނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެތުލެޓިކޯގެ ކޯޗު ސިމިއޯނީގެ ތައުރީފް އޮއްސާލީ ޔުނައިޓަޑްގެ ކޯޗު ރަންގްނިކަށެވެ. ސިމިއޯނީ ބުނީ ޔުނައިޓަޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ރަންގްކިން ހަވާލުވި ފަހުން، އެ ޓީމުގެ ފަރާތުން ކުރިއެރުންތައް ފެންނަ ކަމަށެވެ.

"އަހަރަމެންގެ މި ނުކުންނަނީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކާ ދެކޮޅަށް،" ސިމިއޯނީ ބުންޏެވެ. "އެންމެ ފަހުން ޔުނައިޓަޑް ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުން. ޔުނައިޓަޑްގެ އާ ކޯޗު (ރަަންގްނިކް) ޓީމާ ހަވާލުވި ފަހުން އެ ޓީމުގެ ފަރާތުން ހެޔޮ ބަދަލުތަކެއް ފެނިއްޖެ. މޮޅެތި ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި."

މި ސީޒަންގެ ނިޔަަލަށް ރަންގްނިކް ޔުނައިޓަޑާ ހަވާލުވީ އެ ޓީމުގެ ކޯޗުކަމުން އޮލޭ ގުނަ ސޯލްޝެއާ ނޮވެމްބަރު މަހު ވަކިކުރުމުންނެވެ.

އަމިއްލަ ދަނޑުގައި މިރޭ ޔުނައިޓަޑާ ދެކޮޅަށް އެތުލެޓިކޯ ނުކުންނައިރު، އެ ޓީމުގެ ކެޕްޓަން ކޯކޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޑިފެންޑަރު ހޯސޭ ޖިމެނޭޒް އަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ސްޕެނިޝް ލީގުގައި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު މެޗުގައި ޖިމެނޭޒް އަށް ވަނީ އަނިޔާވެފަ އެވެ.

މީގެ އިތުރުން ތޯމަސް ލެމާ އާއި ޑެނިއަލް ވާސް އަދި މަތެއަސް ކޫންޏާ ވެސް އަނިޔާގައި ތިބިއިރު، ޔަނިކް ކަރާސޯ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. -- އޭއެފްޕީ